ހައްޖު ކޯޕަރޭޝަންގެ ސިޓީ ހޮޓާ ކުރިއަށް ގެންދަން ބައެއް މިނިސްޓަރުންގެ ނުރުހުނަސް، އެ މަޝްރޫއު އިއުލާނުކޮށް ކުރިއަށް ގެންދަނީ ރައީސް އޮފީހުން ހުއްދަ ދިނުމުންކަން އެނގިއްޖެ އެވެ.
އެފަދަ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވާއިރު، ހައްޖު ކޮޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަނުން ރަނގަޅު ނޫން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މި ހަފުތާގައި ވިދާޅުވެފައިވެ އެވެ.
ޝަހީމް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހައްޖު ކޮޕަރޭޝަންގެ ކަންކަން އޭނާއާ ހަވާލުކޮށްފައި އޮތަސް، އެ މަޝްރޫއުއާ ގުޅޭ ކަންކަން އޭނާއާ މަޝްވަރާ ކޮށްފައި ވެސް ނެތް ކަމަށެވެ.
މާފުށީގައި ހޮޓާ އަޅާނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާނު ކުރިއިރު ވެސް އެކަން ހިއްސާ ނުކުރުމުން ޝަހީމް ވަނީ އެކަމުގެ ނުރުހުން ފާޅުކުރައްވާފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ "މިކަންކަން ވެސް މި ފެންނަނީ ނޫހުން" ކަމަށެވެ. ނަމަވެސް ރޭ 9:21 ގައި މިނިސްޓަރު ކުރެއްވި އެ ޕޯސްޓު މިހާރު ވަނީ ޑިލީޓުކޮށްލައިފަ އެވެ.
މިދިޔަ ޑިސެންބަރު މަހު ޒަމީރު މަޖިލީހުގައި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާއަށް އިންވެސްޓު ކުރެވޭނެ ކުންފުނިތައް އެބަހުރި ކަމަށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަން ފަދަ ފަންޑެއް ބަލަހައްޓާ ކުންފުނިތަކުން އެފަދަ ކުންފުނިތަކަށް އިންވެސްޓުކޮށްގެން ފައިދާ ހޯދައިފި ނަމަ ނަތީޖާ މާ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ އަސްލުގައި ގެސްޓުހައުސް ހިންގަން ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރުން އެއީ އޭގެ ޒާތުގައި ދެއްތޯ ކުންފުނީގެ ބޯޑުންނާއި ކުންފުނީގެ ހިއްސާދާރުން އެބަޖެހޭ ވިސްނައިލަން، އެއީ އާންމުކޮށް ފަންޑު ހުރެއްޖެ ކަމަށްވެއްޖެއްޔާ އޭގެ ސްޕެޝަލިސްޓުންނާ ހަވާލުކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދައިފި ކަމަށް ވަންޏާ އޭގެ ނަތީޖާ ރަނގަޅު ވާނެ ކަމަށް މި ފެންނަނީ،" ޒަމީރު އޭރު ވިދާޅުވި އެވެ.
"ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،" ޒަމީރު ވިދާޅުވި.
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ޓޫރިޒަމްގެ ވިޔަފާރި ކުރަން އުޅޭކަން ހާމަ ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ނޮވެމްބަރު، 2024، ގައި ވާހަކަ ދައްކަވަމުންނެވެ.
އެ ހޮޓާ އަޅަނީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަކީ ހައްޖު ކޯޯޕަރޭޝަނާއި މާފުށި ކައުންސިލުގެ ކުންފުނި، މާފުށި އެލްއޭސީ އެލްޓީޑީ އެވެ.
އެނގިފައިވާ ގޮތުގައި، ހޮޓާ މަޝްރޫއު ކުރިއަށް ގެންދަން ޒަމީރު އާއި ޝަހީމް ނުރުހުނަސް، ހައްޖު ކޯޕަރޭޝަނުން އެކަން ކުރިއަށް ގެންދަނީ ރައީސް އޮފީހުން ލިޔުމުން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ. އަދި ހައްޖު ކޯޕަރޭޝަނުން ޕްލޭންކޮށްފައި ވަނީ މާފުށީގައި 200 އަށް ވުރެ ގިނަ އެނދުގެ ހޮޓަލެއް ހެދުމަށް ކަމަށްވެސް އެނގިފައި ވެއެވެ.
"ހުރިހާ ކުންފުނިތަކުން، އެޗްޑީސީ އާއި ނޫން ކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަން އާއި ނޫނިއްޔާ ފެނަކައާ އެންމެން ގެސްޓުހައުސް އާއި ރިސޯޓު ހެދީމާ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން،" ޒަމީރު ވިދާޅުވި އެވެ.
ހޮޓާ އަޅަން ޝައުގުވެރިވާ ކުންފުނިތަކުން އޯގަސްޓު 13، ގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ކުރަންޖެހެ އެވެ. ރަޖިސްޓްރީ ކުރެވޭނީ 30،000 ރުފިޔާ ނުވަތަ 2000 އެމެރިކާ ޑޮލަރު ދެއްކުމުންނެވެ. އެއީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.
ޕްރޮޖެކްޓަށް ބިޑު ކުރާ ނަމަ، ބިޑު ސެކިއުރިޓީގެ ގޮތުގައި ވެސް 800،000 ރުފިޔާ ބަހައްޓަންޖެހެ އެވެ. ބިޑާ ގުޅޭ ޑޮކިއުމެންޓު ލިބޭނީ ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ.
"ދިޔަވަރު ނޫހަށް" އެނގިފައިވާ ގޮތުގައި ހައްޖު ކޯޕަރޭޝަންގެ ސިޓީ ހޮޓާ އަޅަނީ ކޮމިޝަންގެ ގޮތުގައި މުއިއްޒުއަށް ބޮޑު "ކަޓެއް" ލިބޭ ގޮތަށެވެ. އަދި މި ސިޓީ ހޮޓާ ކޮންޓްރެކްޓަރ ފައިނޭންސްކޮށް އަޅަނީ ހަލާލު ފައިސާއިންތޯވެސް ބަލާކަށް ބޭނުމެއް ނުވެއެވެ. އަމިއްލަ މަސްލަހަތު ހިމެނޭ ހިސާބަށް ދިއުމުން މިކަމުގައި އިސްލާމިކް މިނިސްޓަރުގެ ލަަފައެއްވެސް މުއިއްޒު ބޭނުމެއް ނުވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސްކޮށް ކުރިޔަށް ގެންދާ މިފަދަ މަޝްރޫޢުތަކަށް ކުންފުނިތަކުން އާންމުކޮށް އިންވެސްޓު ކުރަނީ ރިބާ އެކުލެވޭ ބޮޑެތި ލޯނުތައް ކޮމާޝަލް ބޭންކުތަކުން ނަގައިގެންނެވެ. މިފަދަ ލޯނުތައް ދޫކުރަނީ ދުނިޔޭގެ ބައެއް ބޮޑެތި ބޭންކުތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް ފަސޭހަކަމާއެކު ކަށަވަރު ކުރެވެއެވެ. ރާއްޖޭގެ ހުރިހާ ރިސޯޓުތަކަށް އިންވެސްޓް ކޮށްފައިވަނީވެސް ސީދާ ރިބާ އެކުލެވޭ މިފަދަ ބޮޑެތި ލޯނުތަކުންނެވެ.
200 އެނދުގެ ލަގްޒަރީ ފެންވަރުގެ މި ހޮޓަލަށް ގާތްގަޑަކަށް 300 ވަރަކަށް މިލިއަން ރުފިޔާ އިންވެސްޓް ކުރާން ޖެހެއެވެ.