ޚަބަރު

މުއިއްޒުއަށްވެސް ބައި އަޅާއިގެން ހަދާ އެންސިސްގެ ޑީލުން ބޮޑު ކަޓެއް ލިބުމުން, ޒަމީރު މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށްފަހު އަލުން ދުބާއީއަށް ދިރިއުޅުން ބަދަލު ކުރަނީ

ދިޔަވަރު
މުއިއްޒުއަށްވެސް ބައި އަޅާއިގެން ހަދާ އެންސިސްގެ ޑީލުން ބޮޑު ކަޓެއް ލިބުމުން, ޒަމީރު މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށްފަހު އަލުން ދުބާއީއަށް ދިރިއުޅުން ބަދަލު ކުރަނީ

މިސަރުކާރުން ނުއަގުގައި އެންސިސްގެ މަސް ފެކްޓަރީ މިފްކޯއަށް ގަތުމަށްފަހު, އެ ޑީލުން ބޮޑު ކަޓެއް ލިބުމުން, ޒަމީރު މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށްފަހު އަލުން ދުބާއީއަށް ދިރިއުޅުން ބަދަލު ކުރަން ނިންމާފައިވާކަން "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ, ދައުލަތް ބަނގުރޫޓުވުމާއި ހަމައަށް ގޮސްފައިވާއިރު, އެކަންކަމުގެ ބަދުނާމު ނެގުމަށް ޒަމީރު ބޭނުން ނުވެއެވެ. އަދި މަގާމުން އިސްތިއުފާ ނުދީ ޒަމީރު މަޑުކުރަމުން ދަނީ އެންސިސްގެ ޑީލު ނިމުމަކާއި ހަމައަަށް ދަންދެންކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އެންސިސްގެ ކޭނަރީ މިފްކޯއަށް ގަތުމަށް ނިންމާފައިވަނީ 35 މިލިއަން ޑޮލަރަށެވެ. އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ކޭނަރީއަކީ ޕްރައިވެޓް ސެކްޓަރއިން 10 މިލިއަން ޑޮލަރަށްވެސް ގަތުމަށް ބޭނުންވެފައި ނުވާ ތަނެކެވެ. އެހެންނަމަވެސް މި ކޭނަރީ, ބޮޑު ގެއްލުމެއްގައި އޮތް މިފްކޯއަށް ގަތުމަށް ޑިލް ހަދާފައިވަނީ 35 މިލިއަން ޑޮލަރަށެވެ. މި ޑީލްގެ ދަށުން މުއިއްޒުއަށްވެސް ބޮޑު ކަޓެއް ލިބިގެން ދެއެވެ.

މިފްކޯގެ މެނޭޖްމަންޓްގެ އިސް ބައެއް މުވައްޒަފުން ވިދާޅުވާ ގޮތުގައި މިފްކޯއަށް ކޭނިން ފެކްޓްރީއެއް ގަތުމުގެ ބޭނުމެއް ނެތް ކަމުގައެވެ. އޭގެ އެއް ސަބަބަކީ މިފްކޯގެ ޕްރޮސެސިންގ ކެޕޭސިޓީގެ ދަތިކަމެއް ނެތިފައި, ކޭނިންގ ފެކްޓްރީ ގަތަސް މިފްކޯއަށް އިތުރުވާ ކެޕޭސިޓީއާއި ކައިރިއަކަށްވެސް މަސް ނުގަންނާތީ މި ފެކްޓްރީ ބޭނުން ކުރާނެ އެއްވެސް ގޮތެއް ނެތުމެވެ.

ކަން މިހެން އޮތް އިރު، ރާއްޖޭގެ އެތައް ސަތޭކަ ވިޔަފާރިއެއް މުއިއްޒު ދަނީ ގަސްތުގައި ބަނގުރޫޓު ކުރަމުންނެވެ. 35 މިލިއަން ޑޮލަރަށް އެންސިސްއަށް ދޭން ބަޖެޓްގައި ފައިސާ ހުރި އިރު ކުދި ވިޔަފާރިތަކަށް ފައިސާ ނުދީ މުއިއްޒު ދަނީ ނިކަމެތި ކޮށް، ގަސްތުގައި އަނިޔާވެރި ވަމުންނެވެ.