ދޭތެރެ ދޭތެރެއިން މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިހާރު ދަތުރު ކުރައްވަމުން ގެންދަވަނީ ބ. އަތޮޅުގައެވެ. އެހެން ދަތުރުތަކެކޭ އެއްފަދައިން ބ. އަތޮޅުގެ ރަށްތަކަށްވެސް ވަޑައިގެން މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ތަރައްގީގެ މަޝްރޫއުތައް އަންނަމަހު, އަންނަ އަހަރު, ވަރަށް އަވަހަށް ފައްޓަވާ ދެއްވާނެ ކަމަށެވެ. އަދި މަޝްރޫޢުތައް އެވޯޑު ކުރަމުންދަނީ މުޅީންވެސް, މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ނެތް, ބަގުރޫޓު ވަމުންދާ ދައުލަތުގެ ކުންފުނިތަކާއެވެ. އެމްޓީސީސީއާއި, އެމްއާރުޑީސީއާއި އަދި އެމްޓީސީއާއި މުއިއްޒު ދަނީ މަޝްރޫޢުތައް ހަވާލުކުރަމުންނެވެ. މި ކުންފުނިތަކަކީ ރަށްރަށުގައި ތަރައްގީގެ އެތައް ސަތޭކަ މަޝްރޫއުތަކެއް ހިންގޭނެ ގާބިލްކަމެއް މި ކުންފުނިތަކުގައި ނެތެވެ. މުއިއްޒުގެ މަގްސަދަކީ, ކައުންސިލް އިންތިޚާބު އަންނަންވާއިރަށް ރަށްރަށް ހައިމާކުތަކެއް އަރުވާލާ, ރައްޔިތުންނަށް މަންޒަރުތަކެއް ދައްކާލުމެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ, މަކަރާއި ހީލަތުން ވޯޓު ހޯދުމެވެ. ކައުންސިލް އިންތިޚާބަށްފަހު މިއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތެއް ނުހިގާނެއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ, ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު މުއިއްޒު ބައްލަވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
ބ. އަތޮޅުގެ އެކި ރަށްތަށަށް ވަޑައިގެން މުއިއްޒު ވަނީ އެކުގައި ވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެހެންނަމަވެސް އެރަށްރަށުގައިވެސް މިހާތަަނަށް މިސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ކޮށް ދެއްވާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. ފާހަގަ ކުރެވޭ ގޮތުގައި ރަށްރަށަށް ވަޑައިގެން މުއިއްޒު ކުރައްވާހާވެސް ކަމަކީ ބީއެމްއެލްއިން އެރަށްރަށުގައި އަޅަމުންދާ އޭޓީއެމްތައް ހުޅުއްވައި ދެއްވަމުންނެވެ.
އެހެންނަމަވެސް މި ރަށްރަށުގެ ކައުންސިލުންނާއި (އ.ތ.މ.) ކޮމިޓީއިން އެދުނުހާ ކަމެއް ފުރިހަމަކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުން ދާއިރު, ފާއިތުވި އަހަރުވެސް މުއިއްޒުވަނީ އެތަކެއް ރަށަކަށް ދަތުރުކޮށް, އެރަށްރަށުގެ ކައުންސިލްތަކުންނާއި (އ.ތ.މ.) ކޮމިޓީތަކުން އެދުނުހާކަމެއް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
މިދަތުރުފުޅުތަކުގައި މުއިއްޒު ރަށްރަށަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި އެއްވެސް ވައުދެއް މިއަދާއިހަމައަށް ފުއްދަވާފައި ނުވާކަން ފާހަގަ ކޮށްލެވޭއިރު, މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ރައްޔިތުންނަށް ދައްކަވައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ވެވަޑައިގެން ގިނަ ވައުދުތަކެއް ފުއްދަވާފައި ނުވާއިރު, މުއިއްޒުގެ ސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގިފައިނުވާ ހަމައެކަނި ސަރުކާރު ކަމުގައެވެ.