ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ހޯއްދަވާ ދެއްވާނެކަމަށް ވައުދުވި މުއިއްޒުގެ ވެރިކަމަށް 2 އަހަރު ފުރެމުންދާއިރު, އެވައުދުމަށް އެއްމެ ގާބުރިއެއްވެސް މިއަދާހަމައަށް މި ސަރުކާރުން ބާއްވާފައެއް ނެތެވެ.
ބޯހިޔާވަހި ކަމަކީ މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ވައުދެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް މުއިއްޒު ވީ ވައުދުތަކުގެ ތެރޭގައި އެންމެ ގިނައިން ދެއްކެވި ވާހަކައަކީވެސް, ވެރިކަމުގެ 5 އަހަރުގެ ދައުރު ނިމިގެންދާއިރު, ބީހިޔާވަހިކަން ނުލިބޭ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމުގެ ވައުދެވެ.
އެހެންނަމަވެސް މުއިއްޒުގެ ސަރުކާރަށް 15 މަސްދުވަސް ވެގެންދިޔައިރުވެސް, މުއިއްޒު ދައްކަވަމުން ގެންދެވި ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް, އެންގެ ހައުސިން ޔުނިޓެއްގެ ބިންގަލެއްވެސް, އަދި ގާބުރިއެއްވެސް މިހާތަނަށްވެސް ބާއްވާފައެއް ނުވެއެވެ. އެގޮތުން މި ސަރުކާރުގައި އަދިވެސް ކުރިޔަށް ދަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެށި ހައުސިން މަޝްރޫޢުތަކެވެ.
ހަމަ އެއާއެކު ފާހަގަވާން އޮތް ކަމަކީ, މުއިއްޒު ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް މިހާތަނަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު, އެމްޑީޕީގެ ސަރުކާރުން އަޅާދިން ފްލެޓްތައްވެސް މިއަދާއި ހަމައަށް އައިއިރުވެސް ނުދީ ހިފަހައްޓާފައި ވާކަމެވެވެ. އަދި ފެލެޓް ހައްގުވާ މީހުންގެ ލިސްޓަށް ބޮޑެތި ބަދަލުތައް ގެނެސް, މަޖިލިސް މެމްބަރުންނާއި ސާޖިދާ ކަނޑައަޅާ އެތައް ބަޔަކު 4,000 ފްލެޓް ލިސްޓުގައި ނުހައްގުން ހިމަނާ ލިސްޓުތައް މި ސަރުކާރުން ވަނީ އޮޅުވާލާފައެވެ.
އެގޮތުން މުއިއްޒުގެ ފުރަތަމަ ހައުސިން މިނިސްޓަރ ހައިދަރު ހައުސިން މިނިސްޓަރުކަމުގެ ވަކިކޮށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލު ކުރިއިރުވެސް, އޭނާ ގެންދެވީ ފްލެޓް ލިސްޓު އާންމު ކުރުމަށް ދޮގު ވައުދުތައް ވަމުންނެވެ.
ފަހުން ހާމަވެފައިވާ ގޮތުގައި, ކުރީގެ ސަރުކާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ސޯޝަލް ހައުސިންގ ޔުނިޓާ ގުޅޭގޮތުން ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ކުރީގެ ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް މިނިސްޓަރ އަލީ ޙައިދަރު އަޙްމަދަށް 32 ސިޓީ ފޮނުވި ކަމަށް ފަހި ޔޫނިއަން އެސޯސިއޭޝަނުން ފޮނުވާފައި ވެއެވެ. އަދި އޭނާއާ ބައްދަލުކުރުމަށް 53 ފަހަރު އެދުނު ނަމަވެސް، އެއްފަހަރަކުވެސް ބައްދަލު ކޮށްފައި ނުވާކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. މުއިއްޒުގެ ހައުސިން މިނިސްޓަރުކަމުގައި 1 އަހަރު ހޭދަ ކުރުމަށްފަހު ހައިދަރު ވަޑައިގެންނެވީ މުއިއްޒު އެންމެ ބޮޑު ވައުދު އެއީ ބޮޑު ބިލާހަކަށް ހެދުމަށްފަހުއެވެ.
ރައީސް މުއިއްޒު ފާހަގަ ވެފައިވަނީ ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށްފަހުވެސް މުއިއްޒު ގެންދަވަނީ ވައުދު ފުއްދުމުގެ ނަމުގައި ބޮޑެތި ދޮގުތައް ހަދަމުންނެވެ.
އޭގެ އިތުރަށްވެސް, ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރަށްރަށަށް ވަޑައިގެން, އެ ރަށެއްގެ ރައްޔިތުން އޭރު އެދުނުހާ ކަމަކަށް އާބަސް ވިދާޅުވެ މުއިއްޒުވަނީ ވައުދުތައް ވެވަޑައިގެންފައެވެ. ފަޅު ފުންކުރުމާއި, ބިން ހިއްކުމާއި, ހޮސްޕިޓާތައް އެޅިމާއި, މަގުތައް ހެދުމާއި, މިހެން ގޮސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ގުނާ އަދަދު ކުރެވޭކަށް ނެތެވެ.
އެހެންނަމަވެސް މިއަދުގެ ހަގީގަތަކީ ކޮބައިތޯއެވެ.
ދޭތެރެ ދޭތެރެއިން މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިހާރު ދަތުރު ކުރައްވަމުން ގެންދަވަނީ ބ. އަތޮޅުގައެވެ. އެހެން ދަތުރުތަކެކޭ އެއްފަދައިން ބ. އަތޮޅުގެ ރަށްތަކަށްވެސް ވަޑައިގެން މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ތަރައްގީގެ މަޝްރޫއުތައް އަންނަމަހު, އަންނަ އަހަރު, ވަރަށް އަވަހަށް ފައްޓަވާ ދެއްވާނެ ކަމަށެވެ. އަދި މަޝްރޫޢުތައް އެވޯޑު ކުރަމުންދަނީ މުޅީންވެސް, މަޝްރޫޢުތައް ހިންގުމުގެ ގާބިލްކަން ނެތް, ބަގުރޫޓު ވަމުންދާ ދައުލަތުގެ ކުންފުނިތަކާއެވެ. އެމްޓީސީސީއާއި, އެމްއާރުޑީސީއާއި އަދި އެމްޓީސީއާއި މުއިއްޒު ދަނީ މަޝްރޫޢުތައް ހަވާލުކުރަމުންނެވެ.
މި ކުންފުނިތަކަކީ ރަށްރަށުގައި ތަރައްގީގެ އެތައް ސަތޭކަ މަޝްރޫއުތަކެއް ހިންގޭނެ ގާބިލްކަމެއް މި ކުންފުނިތަކުގައި ނެތެވެ. މުއިއްޒުގެ މަގްސަދަކީ, ކައުންސިލް އިންތިޚާބު އަންނަންވާއިރަށް ރަށްރަށް ހައިމާކުތަކެއް އަރުވާލާ, ރައްޔިތުންނަށް މަންޒަރުތަކެއް ދައްކާލުމެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ, މަކަރާއި ހީލަތުން ވޯޓު ހޯދުމެވެ. ކައުންސިލް އިންތިޚާބަށްފަހު މިއިން އެއްވެސް މަޝްރޫއެއްގެ މަސައްކަތެއް ނުހިގާނެއެވެ.
އަމުދުން, ރަށްރަށުގައި ހިންގާންޖެހޭ ތަރައްގީގެ އެތައް މަޝްރޫރުތަކެއް ބަނގުރޫޓު ވަމުންދާ ދައުލަތުގެ ކުންފުނިތަކަށް މުއިއްޒު އެވާޑް ކުރަމުންދާ މަކަރުވެރި އަދި ހީލަތްތެރި އެހެން މަގުސަދެއްވެސް އެބައޮތެވެ. މި މަޝްރޫޢުތަކަކީ ހަގީގަތުގައިވެސް ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އާމްދަނީ ލިބެން އޮތް ކަމެވެ. އެހެންނަމަވެސް, ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއްގެ ފައިސާ ހިފަހައްޓާ, އެކުންފުނިތަކަށް އާމްދަނީ ލިބެން އޮތް މަގުތައް ބަންދުކޮށް, ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކަށް މުއިއްޒު އެވާޑް ކުރަމުންދަނީ, ދައުލަތުގެ ބަޖެޓުން މި ކުންފުނިތަކަށް ފައިސާ ނުދެެވުނު ނަމަވެސް އެ ކުންފުނިތަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ތީއެވެ. ކައުންސިލް އިންތިޚާބު އައުމުން, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ސަރުކާރުގެ ޕްރެޝަރަށް މަޝްރޫއުތައް މޮބިލައިޒް ކޮށްލަން އެކުންފުނިތަކަށް މަޖުބޫރުވާނެތީއެވެ.
އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރުމުން, ރައްޔިތުންނަށް މަންޒަރު ދައްކާލުމަށް އެކުންފުނިތަކުގެ ބޭނުން މުއިއްޒުއަށް ނުކުރެވޭނެއެވެ. ސަރުކާރަށް ފައިސާ ނެދެވުމުން, ފައިސާ ހޯދުމަށް އަމިއްލަ ކުންފުނިތަކުން އިތުޖާޖުވެސް ކުރާނެއެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި އެމްއާރުޑީސީ, އެމްޓީސީސީ އަދި ފެނަކަ ފަދަ ކުންފުނިތަކަކީ އެތައް ތަރައްގީގެ އެތައް ސަތޭކަ މަޝްރޫއެއް އެއްފަހަރާ ކުރިޔަށް ގެންދެވޭނެ ގާބިލްކަން ހުރި ކުންފުނިތަކެއް ނޫނެވެ. ތަކެއްޗާއި ވަސީލަތްތަކެއްވެސް ނެތެވެ. މާލީ ގާބިލްކަމެއްވެސް ނެތެވެ. އަދި އެކުންފުނިތަކަށް ފައިސާ ދެވޭނެ ގާބިލްކަމެއް ދައުލަތުގެ ބަޖެޓުގައިވެސް ނެތެވެ.
މިއީ މުއިއްޒު މަކަރާއި ހީލަތުން, ކައުންސިލް އިންތިޚާބަށް ރައްޔިތުންނަށް އަވާ މެންދުރެއް ދެއްކުމަށް ހިންގަމުންދާ ބޮޑު ޖަރީމާއެކެވެ. މަކަރާއި ހީލަތުން, ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ފޭރިގަތް ބީދައިން އަންނަ ކައުންސިލް އިންތިޚާބު ފޭރިގަތުމަށް ހިންގަމުންދާ ބޮޑު ސްކޭމްއެކެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ރައްޔިތުންނަށް ދައްކަވައިގެން, މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވެރިކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ވެވަޑައިގެން ގިނަ ވައުދުތަކެއް ފުއްދަވާފައި ނުވާއިރު, މުއިއްޒުގެ ސަރުކާރު ފާހަގަ ވެގެން ގޮސްފައިވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގިފައިނުވާ ހަމައެކަނި ސަރުކާރު ކަމުގައެވެ.