ރައްޔިތުން މަޖިލީސް މެމްބަރުންގެ ގޮތުގައި ޕީއެންސީ އިން ހޮވާފައި ތިބި %90 މެމްބަރުންނަކީ ސާނަވީ ތައުލީމު ނެތް ތަންދޮރު ނުދަންނަ ބަޔެކެވެ.
ޕީއެންސީ ޕާލިމެންޓަރީ ގުރޫޕުގެ އެންމެ އިސް ފަރާތް ކަމުގައިވާ ވަޑި ފަލާހު އަށް ޓޮބޭކޯ ލިޔެފައިވާ އޮއްވާ ކިޔަން ނޭނގި ބޮޓޭކޯ ކިޔުމާއި، ކޮށާމަށައިގެންވެސް ބާރަށު ދާއިރާ މެމްބަރު ޝުޖާޢު އަށް އިނގިރޭސިން ލިޔެފައި އޮތް ބަހެއް ކިޔަން ނޭނގި އާ ގަތުމާއި، އެންމެފަހުން ފެނިގެން ދިޔަ ވިލިމާލެ ދާއިރާ މެމްބަރު މުޙައްމަދު އިސްމާޢީލުގެ ފެންވަރަކީ މިކަމުގެ ކުޑަކުޑަ ހެއްކެކެވެ.
މި މީހުން މޮޅީ މުއިއްޒު އާއި އެކީ ދައުލަތުން ވައްކަންކޮށް އިންތިހާއަށް ދޮގު ހެދުމަށެވެ.
އިއްޔެ ފެނިގެން ދިޔަ މަންޒަރަކީ އަސާސީ ކުލާހަކަށް ގޮނޑި ޖަހައި ކުލާސް ރޫމަކަށް މި މީހުން ލައިގެން ޗައިނާގެ އެމްބަސަޑަރ މި މީހުންނަށް ފިލާވަޅު ނަގައިދޭ މަންޒަރެވެ. ކިޔަވައި ދިނީ ކޯއްޗެއް ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މިއިން މީހަކަށް އިނގިރޭސި ނޭނގޭތާގައި ވަކި މެންޑަރިންނެއް، ނުވަތަ ކެންތަނީސްއެއް އަމުދުން ނޭނގޭ ކަމެވެ.
އިނގިރޭސި ބަހުން ލިޔަން ކިޔަން ނުދަތުމުގެ މާނަ އަކީ، ދުނިޔެވީ އެއްވެސް ތައުލީމެއް ނެތުމެވެ. ދިވެހި ބަހަކީ އިލްމީ ފޮތްތަކެއް ލިޔެފައިވާ ބަހަކަށް ނުވާއިރު، ހަމައެކަނި ދިވެހި އެނގިގެން މީހަކަށް ލިބޭނެ އިލްމީ ކުރިއެރުމެއް ނެތެވެ. އިނގިރޭސި ބަސް ދިވެއްސަކަށް ނޭގުމަކީ މައްސަލައެކެވެ. އެއިން އަންގައިދެނީ އިންތިހާއަށް އެމީހާގެ ޖާހިލުކަން ހުރި ކަމެވެ.
އިނގިރޭސި ބަސް، ޗައިނާ، ރަޝިޔާ، އިންޑިޔާ، ޖަޕާނު، ފްރާންސް މީހަކަށް އެނގިފައި ނެތަސް އުރުދޫއިންނާއި، ޗައިނީސް އިންނާއި، ރަޝިޔާ ބަހުން ލިޔެފައިވާ މުއްސަނދި އިލްމީ ފޮތްތަކުން އެމީހަކަށް އިލްމާއި ޤާބިލު ކަން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ދިވެހި ބަހަށް ލިބިފައި އޮތް ޝަރަފެއް ނޫނެވެ.
ޢިލްމީ ގޮތުން މިހާ ނާގާބިލު، ތަސައްރަފު ނުފުދޭ ޕީއެންސީ ބަޔަކު މަޖިލީހުގައި ތިބުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، މަޖިލީސް މެމްބަރުންގެ ބާރާއި، ހައްޤާއި، ދައުލަތެއްގައި އެމީހުންގެ މައްޗަށް އޮންނަ ދައުރު ނުދަނެ، އެ ބާރާއި، ހައްޤާއި، ދައުރު ނަގާލުމުގައި ބައިވެރިވެ، މި އަމަލުތަކުން އެމީހުންގެ ފަރާތުން ދައުލަތަށާއި، ރައްޔިތުންނަށް ވެވޭ ހިޔާނާތް ވަޒަން ކޮށްލާނެ ބުއްދީގެ ޖާގަވެސް މި މީހުން ކިބާގައި ނެތުމެވެ. މިއަދު ޕީއެންސީ މަޖިލީސް މެމްބަރުންނަކީ މުއިއްޒަށް ނަފްސު ވިއްކައިގެން ތިބި އަޅުންތަކެކެވެ. ރައްޔިތުން ހޮވި މަޖިލީހެއް ނެތެވެ. މަޖިލީހުގައި ތިބި ފިނޑި، އަމިއްލަ އަށް އިސްއުފުލާލަށް މުއިއްޒު ކައިރީ ނުކެރޭ އަޅު ކުދިން ތަކެއްހެން ފެނުމަކީ މުޅި ޤައުމަށް އޮތް ހުތުރެކެވެ. ދުނިޔެ ތަހުޒީބު ވެގެން އުފެދުނު ވަކިވެފައިވާ ދައުލަތުގެ ތިން ބާރާއި، ވެރިކަމުގެ ނިޒާމާއި، ރައްޔިތުންގެ ހައްޤުތަކާއި، ރައްޔިތުންގެ އަޑު މި މީހުންނަށް މުހިއްމެއް ނޫނެވެ. ފައިސާ އަށާއި، ބާރުގެ ކުރިމަތީގައި އެމީހުން ސަޖިދަ ޖެހީ، ނެތް ތައުލީމަކުން އުފެދިފައި އެއްވެސް އަގެއް ނަފްސުގައި ނެތުމުންނެވެ.
އެހެންކަމުން ޗައިނާ އެމްބަސަޑަރ ގެނެސް ގޮނޑިޖަހައި، މި މީހުން އަތުރާލީ އެފްރިކާ ބައްރުގެ އެންމެ ފަގީރު ޤައުމުތަކުގައި، ތައުލީމެއް ނުލިބިގެން ތަންދޮރު ނުދަންނަ މީހުންނަށް ގޮޑި ޖަހައި އަތުރާލާ ބީދައިންނެވެ. ޗައިނާއިން މި މީހުންނަކަށް އެއްވެސް އިޚްތިރާމެއް ނުކުރެއެވެ. އަމިއްލަ ނަފްސުގެ އަގު ނަގާލައިގެން ތިބި ބަޔަކަށް އަމުދަކުން ބޭރު ޤައުމަކުން ވަކި ކުރާނެ އިޚްތިރާމެއްވެސް ނޯންނާނެ ތާއެވެ.
ޗައިނާ އެމްބަސަޑަރ އަސާސީ ކުލާހަށް ހާޒިރުވެ ތިބި ޕީއެންސީ މެމްބަރުންނަށް ކޮމިޔުނިސްޓް ވެރިކަމުގައި އޮތް ހެޔޮ ފަލްސަފާއެއްގެ ވާހަކަ ޗައިނާ ބަހުންނާއި އިނގިރޭސިން މި މީހުންނަށް ކިޔައިދީ ފިލާޅު ނަގާދޭ މަންޒަރު ޗައިނާ އެމްބަސަޑަރ ލާފައިވާ ވީޑިޔޯއިން ފެނިގެން ދެއެވެ.
ސިފަވެގެން ދިޔައީ ޗައިނާ މުސްލިމުން ރީ-އެޑިޔުކޭޝަން ކޭމްޕްތަކުގައި ބިޑި އަޅުވައި ބިންމަތީ ކަކޫ ޖައްސުވައި ތިބޭ މަންޒަރެވެ.
ދިވެހި ޤައުމަށް ބޭރުގެ ޤައުމުތަކުން ކުރާ އިޚްތިރާމު ގެއްލުވާލީ މުއިއްޒުއެވެ. ދޮގު ހަދައިގެންނާއި އެއްވެސް ސަބްސްޓެންސެއް ނެތް މީހެއްކަން ދުނިޔެއަށް އެނގުމުންނެވެ. އޭނާގެ ކައިރީގައި އެނބުރޭ ނާތަހުޒީބު އިލްމެއް ނެތް ސޯބުތައް އިތުރަށް ރާއްޖެ ބޭޒާރު ކުރުމަށް ޗައިނާ ފަދަ ޤައުމުތަކަށް މިކަހަލަ ފުރުޞަތު ދެނީ ތަންދޮރު ނުދަންނަލެއް ބޮޑު ކަމުންނެވެ. ކުޑަކޮށްވެސް، ތަސައްރަފު ފުދިފައި ހުރި، އަމިއްލަ ނަފްސުގައި އަގެއް ހުރި މީހަކު އެތަނުގައި ހުރިނަމަ، އެ ގޮނޑިތަކުގައި އިޝީންނަށް ޖައްސައި ފިލާވަޅު ފަށާ ހިސާބުން ނުކުމެގެން ދާނެއެވެ.
ކުޑަ ޑިނަރ އަކާއި، ރީތި ސްޕީޗަކުން މިތާ ރިސޯޓެއްގައި ޗައިނާ އެމްބަސަޑަރ އަށް ނިންމާލެވެން އޮތް ކަމެއްގައި ގެނެސް މިހާވަރަށް ދިވެހިން ދަށްކޮށްލާކަށް ނުވޭތާ ދޯއެވެ. ޗައިނާއަށް ރާއްޖޭގައި MICE ޓޫރިޒަމް އޮތްކަން ދައްކާލަންވެސް މިއީ ކިހާ ރަނގަޅު ފުރުޞަތެއް ނޫންތޯއެވެ. އެހާވަރުވެސް ޗައިނާއަށް ކޮށް ނުލެވެންޏާ ވަށް މޭޒެއް ދޮށުގައި ހަމަ އެއް ލެވެލް އެއްގައި ތިބެގެންވެސް ޗައިނީސް Wolf Warrior ޑިޕްލޮމަސީ އާއި ކޮމިއުނިސްޓް ޕްރޮޕަގަންޑާ ހިންގިދާނެތާއެވެ. ލަދުންވާ ބޯ ހަލާކެވެ.