ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބަހައްޓާ، ހަތް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ. މުޅި ބ. އަތޮޅުގައި އޭޓީއެމްތައް ބަހައްޓާފައިވާއިރު, މުއިއްޒު އެ އަތޮޅުގެ ހުރިހާ ރަށަކަށް މިފަހަރު ކުރެއްވި ދަތުރުފުޅުގެ މަގުސަދަކީ މި އޭޓީއެމްތައް ހުޅުވާ ދިނުންކަމަށް ވަނީ އެނގިފައެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު ނުކުތާއަކީ މި އޭޓީއެމްތަކަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ބަހައްޓަމުންދާ އޭޓީއެމްތަކެއްވެސް ނޫންކަމެވެ. އޭޓީއެމްތަކަށް ޚަރަދު ކުރަމުންދަނީ ބީއެމްއެލްގެ ޚަރަދުގައިކަމަށް ވާއިރު, ގިނަ އޭޓީއެމްތަކަކީ ރައީސް ސާލިހުގެ ދައުރުގައި ބަހައްޓާފައި ހުރި އޭޓީއެމް ތަކެކެވެ.
ބ. މާޅޮހުގައި އޭޓީއެމް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި އޭޓީއެމް ހިދުމަތް ދޭން ފެށިތާ 25 އަހަރުވީ އިރު، މީހުން ދިރިއުޅޭ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް ގާއިމްވެފައި ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވީ ނަގުދު ފައިސާއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ވެސް ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ގެނެސްދީފައިވާ ކަމަށެވެ.
"މިހާރު ވެސް ބީއެމްއެލްގެ %99.7 މުއާމަލާތްތައް ހިންގަނީ ޑިޖިޓަލްކޮށްކަން އަޅުގަނޑު ފާހަގަކޮށްލަން."