ޢައްޒާގައި ޔަހޫދީ ހިންގަމުންދާ ގަތުލުޢާންމާ ދެކޮޅަށް މިއަދު ރާއްޖޭގައި ބޭއްވުނު މުޒާހިރާގައި މުއިއްޒު ބައިވެރިވަޑައެއް ނުގެންނެވިއެވެ. އެނގިފައިވާ ގޮތުގައި މި މުޒާހިރާ ކުރިޔަށްދިޔައިރު މުއިއްޒު ހުންނެވީވެސް މާލޭގައެވެ. އަދި މިމުޒާހިރާގައި މުއިއްޒު ބައިވެރިވެވަޑައިގެންފައި ނުވާއިރު ޚާރިޖީ ވަޒީރު އަބުދުالله ޚަލީލުވެސް މުޒާހިރާގައި ބައިވެރިވަޑައިގެންފައެއް ނުވެއެވެ.
"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މުޒާހިރާގައި ބައިވެރިވުމުގެ ދައުވަތު އިންތިޒާމްކުރި ފަރާތްތަކުން ވަނީ މުއިއްޒުއަށްވެސް އަދި ކެބިނެޓްގެ އެންމެހާ ވަޒީރުންނަށްވެސް ދެއްވާފައެވެ.
އެހެންނަމަވެސް މުއިއްޒުގެ ކެބިނެޓުން މިއަދުގެ މުޒާހިރާގައި ފެނިގެންދިޔައީ އިސްލާމިކް މިނިސްޓަރ ޝަހީމްއާއި އާދަމް ޝަރީފް އެކަންޏެވެ. ކެބިނެޓްގެ އެހެން އެއްވެސް ވަޒީރަކު މިއަދުގެ މުޒާހިރާގައި ބައިވެރި ވެފައެއް ނުވެއެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށާއި, އިސްރާއީލާއި ގުޅުންހުރި ވިޔަފާރިތައް ހުއްޓުވުމަށް މެދު ނުކެނޑި އަޑުއުފުލަމުންދާއިރުވެސް މުއިއްޒު ގެންދަވަނީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދަމުންނެވެ. އަދި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް މުއިއްޒު އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށްފައިވަނީ، އެހެން ޕާސްޕޯޓެއްގައި އެގައުމުގެ ކޮންމެ ރައްޔިތަކަށްވެސް ރާއްޖެ އެތެރެ ވެވޭގޮތަށެވެ. އޭގެ އިތުރަށް މިއަދާއި ހަމައަށް އިސްރާއީލުގެ އެއްވެސް ވިޔަފާރިއެއް ރާއްޖޭގައި ކުރުން މުއިއްޒު މަނާކޮށްފައެއް ނުވެއެވެ. އަދި މުއިއްޒު ކުރައްވަމުން ގެންދަވާހާކަމަކީވެސް, ބަޔާންތައް ނެރުމާއި ޓުވީޓުކޮށް, ބަޔާންތަކާއި ޓުވީޓުތަކުގެ ނިވަލުގައި ފޮރުވިގެން ހުރުމެވެ.
މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަންކަން ލިބެންޖެހޭނެކަމަށް ބުނެ ހަމައެކަނި ޓުވީޓު ކުރައްވާ ވެރިއެއްގެ ގޮތުގައެވެ. އަދި ޓުވީޓު ކުރެއްވުމަށްފަހު, މުއިއްޒު ގެންދަވަނީ މުނާފިގުކަމުގެ ސިފަ ދައްކަވާ, އިސްރާއީލުގެ ގާތިލުން އަތުން ލިބޭ މަދު ފައިސާކޮޅެއްގެ ދަހިވެތިކަމުގައި އެގައުމުގެ ވެރީންނާއި އަނިޔާވެރި ސައިފައިނަށް ފާޑުކިޔަން ފަހަތަށް ޖެހެމުންނެވެ.