ޚަބަރު

ހަށިގަޑުގައި ބަނދެގެން 116 ވޭޕް ސާމާނު ވަގަށް އެތެރެކޮށްގެން ޝަހީމްގެ ދަރިފުޅަށް އައި 1 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފްކުރަން މުއިއްޒު އަންގަވައިފި

ދިޔަވަރު
ހަށިގަޑުގައި ބަނދެގެން 116 ވޭޕް ސާމާނު ވަގަށް އެތެރެކޮށްގެން ޝަހީމްގެ ދަރިފުޅަށް އައި 1 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފްކުރަން މުއިއްޒު އަންގަވައިފި

ހަށިގަޑުގައި ބަނދެގެން ވަގަށް ވޭޕް ސާމާނު އެތެރެކޮށްގެން ޝަހީމްގެ ދަރިފުޅަށް އައި 1 މިލިއަން ރުފިޔާގެ ޖޫރިމަނާ މާފްކުރަން ކަމާގުޅޭ މުވައްސަސާތަކަށް މުއިއްޒު އަންގަވައިފިކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

ވަގަށް ވޭޕް އެތެރެ ކޮށްގެން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ޝަހީމްގެ ދަރިފުޅު ޖޫރިމާނާ ކޮށްފައިވަނީ 1،165،000 ރުފިޔާއިންނެވެ. އޭނާ އެތެރެކުރަން އުޅެފައިވަނީ ވޭޕްގެ 116 ސާމާނެވެ.

ރާއްޖެ އަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅާއި އިތުރު މީހަކު ވެސް ކަސްޓަމްސް އިން ރޭ ހިފަހައްޓާފައި ވެއެވެ.

އެ މީހުންގެ ތަފުސީލް ކަސްޓަމްސްގެ މީޑިއާ އިން ނުދިން ނަމަވެސް ރާއްޖެ އަށް ވޭޕް އެތެރެކުރަން އުޅުނު މައްސަލައެއްގައި ރޭ ދެ މީހަކު ހިފެހެއްޓިކަން ކަށަވަރު ކޮށްދިނެވެ. އަދި އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު ރޭ ދޫކޮށްލި ނަމަވެސް ސްމަގްލިން އަށް ފެތޭތޯ ބަލައި، ދައުވާ ކުރާ ނަމަ އެކަމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ މެލޭޝިއާ އިން ރާއްޖެ އައި އެ ދެ މީހުންގެ ތެރެއިން އެއް ބޭފުޅަކީ ޝަހީމްގެ ދަރިފުޅު މާހިލް ޝަހީމް އެވެ. އޭނާ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކް ކަމަށް ވެ އެވެ. ދެން ހުރި މީހާ އެތެރެކުރަން އުޅުނީ 107 ވޭޕް ސްޓިކް އެވެ.

އެ ދެ މީހުން ޖޫރިމަނަކުރި އަދަދެއް ކަސްޓަމްސްއަކުން ނުބުނެ އެވެ. އެ ޖޫރިމަނާއާ ގުޅޭ ޑޮކިއުމަންޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ނަމަވެސް ކަސްޓަމްސް އިން ބުނީ އެއީ ސައްހަ ލިޔުމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މާހިލް ވޭޕް އެތެރެކުރަން އުޅުނީ "ގައިގައި ބަނދެގެން" ކަމަށް ބުނެ އާއި ވަޒީފާ އަދާކުރައްވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމަށް ބުނެ ބައެއް މީޑީއާތަކުގައި ރިޕޯޓު ކޮށްފައިވާތީ ޝަހީމް އެކަން ދޮގުކުރެއްވި އެވެ. އެކަމަކު، ދަރިފުޅު ވޭޕް އެތެރެކުރަން އުޅުނު ކަމަށް ބުނާ ވާހަކަ ދޮގެއް ނުކުރައްވަ އެވެ.

ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާ އަދަދު 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެ އަށް ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ވިޔަފާރި ކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ.

ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.

ޝަހީމްގެ ދަރިފުޅު ވޭޕް އެތެރެކޮށްގެން ކުރެވުނު ޖޫރިމާނާ މާފް ކުރުމަށް މުއިއްޒު އަންގަވާފައިވާއިރު، ވޭޕް އެތެރެކޮށްގެން ގިނަ އަދަދެއްގެ ދިވެހިން ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ވަނީ ބޮޑެތި ޖޫރިމާނާތައް ކޮށްފައެވެ. މިއިން އެވެސް ފަރާތަކަށް ކުރެވުނު މި ޖޫރިމާނާ މާފް ކޮށްފައެއް ނުވެއެވެ.