ޚަބަރު

ރަށު ކައުންސިލް އޮފީސް އިމާރާތްކުރަން، 600 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އިއުލާނު ނުކޮށް އާރުސީސީއަށް ދިނީ މުއިއްޒުއަށް 150 މިލިއަން ރުފިޔާގެ ކޮމިޝަން ދޭން ނާޒިމް އެއްބަސް ވުމުން

ދިޔަވަރު
ރަށު ކައުންސިލް އޮފީސް އިމާރާތްކުރަން، 600 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އިއުލާނު ނުކޮށް  އާރުސީސީއަށް ދިނީ މުއިއްޒުއަށް 150 މިލިއަން ރުފިޔާގެ ކޮމިޝަން ދޭން ނާޒިމް އެއްބަސް ވުމުން

ރަށު ކައުންސިލް އޮފީސް އިމާރާތްކުރަން، އިއުލާނު ނުކޮށް 600 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް އާރުސީސީއަށް ދިނީ މުއިއްޒުއަށް 150 މިލިއަން ރުފިޔާގެ ކޮމިޝަން ދޭން ނާޒިމް އެއްބަސް ވުމުންކަން "ދިޔަވަރު އޮންލައިން" އަށް ކަށަވަރު ވެއްޖެއެވެ.

މިހާރު ހާމަވެފައިވާ ގޮތުގައި ރަށު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އާންމުކޮށް އިއުލާނު ނުކޮށް، ސަރުކާރާ ގާތް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރަން ފާސްކުރީ އިކޮނޮމިކް ކައުންސިލުންނެވެ. އިކޮނޮމިކް ކައުންސިލުން ނާޒިމްއަށް މި ޕްރޮޖެކްޓް އެވާޑްކުރަން ފާސްކޮށްފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށް ކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރުމަށްފަހު އެ އެއްބަސްވުން ބާތިލުކޮށް، އާރުސީސީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެއެވެ.

އާރުސީސީ އަކީ ނާޒިމްގެ ބައްޕަ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެވެ. އިއްޔެ އާރުސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވެސް އުޝާމްގެ ބައްޕައެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުން ބާތިލުކުރުމަށްފަހު، އިއުލާނު ނުކޮށް އާރުސީސީއާއި ހަވާލުކުރީ ކީއްވެތޯ ސުވާލުކުރުމުން، އެކަން އެގޮތަށް ކުރީ އިކޮނޮމިކް ކައުންސިލުން ކަން ޔަގީން ކޮށްދެއްވީ ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފުއެވެ.

މި މަޝްރޫއު އާރުސީސީއަށް ދިނީ ކުރިން ހެދި އެއްބަސްވުމަށްވުރެ އަގު ބޮޑުކޮށެވެ.

މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ. އެ ރޭޓުން އިމާރަތަކަށް ޖެހެނީ 11.5 މިލިއަނެއްހާ ރުފިޔާއެވެ.

މި މަޝްރޫއު ނިންމަން ސަރުކާރުން ހެކްސްޓާއާއެކު ސޮއި ކުރި އެއްބަސްވުމުގެ އަގަކީ 36 މިލިއަން ޑޮލަރެވެ. ރަސްމީ ރޭޓުން ހިސާބުކުރާއިރު އެއީ 555 މިލިއަން ރުފިޔާ އެވެ. އެ އެއްބަސްވުމުގެ ދަށުން ފައިސާ އަނބުރާ ދައްކަން ލިބެނީ ހަ މަސް ދުވަހެވެ.

މަޝްރޫއުގެ ދަށުން ތިން ގިންތިއެއްގެ ކައުންސިލް އިމާރާތް ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާ ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހުއެވެ.