ޚަބަރު

އާންމުކޮށް އިއުލާން ނުކޮށް، ކައުންސިލް އިންތިޚާބާ ދިމާކޮށް، ނާޒިމްއަށް ދިން ކައުންސިލް ޕްރޮޖެކްޓްގެ އަގު 1.1 ބިލިއަން ރުފިޔާއަށް އަރާ، މަޝްރޫޢު ސައްޙަ ކުރުމަށް ގާނޫނީ ލަފާ ދިނީ ނާޒިމްއަށް ބޮޑު ބޭބެކިޔާ އުޝާމް

ދިޔަވަރު
އާންމުކޮށް އިއުލާން ނުކޮށް، ކައުންސިލް އިންތިޚާބާ ދިމާކޮށް، ނާޒިމްއަށް ދިން ކައުންސިލް ޕްރޮޖެކްޓްގެ އަގު 1.1 ބިލިއަން ރުފިޔާއަށް އަރާ، މަޝްރޫޢު ސައްޙަ ކުރުމަށް ގާނޫނީ ލަފާ ދިނީ ނާޒިމްއަށް ބޮޑު ބޭބެކިޔާ އުޝާމް

އާންމުކޮށް އިއުލާން ނުކޮށް، ކައުންސިލް އިންތިޚާބާ ދިމާކޮށް، ނާޒިމްއަށް ދިން ކައުންސިލް ޕްރޮޖެކްޓްގެ އަސްލު އަގަކީ އަގަކީ 1.1 ބިލިއަން ރުފިޔާކަން ހާމަވެއްޖެއެވެ. އެނގިފައިވާ ގޮތުގައި މިހާ ބޮޑު އަގެއްގައި 55 ކައުންސިލެއް އަޅަންކަމަށް ބުނެ ނާޒިމްއަށް މިމަޝްރޫޢަށް މާރކެޓް ރޭޓަަށް ބަލާނަމަ އަރަނީ އެންމެ 200 ވަރަކަށް މިލިއަން ރުރިޔާކަމަށް އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކައުންސިލް އިންތިޚާބާ ދިމާކޮށް މުއިއްޒު ބޭނުންވާ އަދަދަށް ފައިސާ ރެއިޒް ކުރުމަށް ނާޒިމްއަށް މަޝްރޫއު އިއުލާން ކުރުމަކާ ނުލާ ހަވާލުކޮށްފައިވާއިރު، މަޝްރޫޢު ސައްޙަ ކުރުމަށް ގާނޫނީ ލަފާ ދީފައިވަނީ ނާޒިމްއަށް ބޮޑު ބޭބެކިޔާ އުޝާމްއެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތަށް ނުހަނު ބޮޑުވެގެންދާނެ މިމަޝްރޫޢު ނާޒިމްއަށް އެވާޑް ކުރުމުގައި މަސްލަހަތުގެ ފުށުއެރުން އިންތިހާއަށް އޮތްކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

ނާޒިމްގެ އާރުސީސީއަށް 1.1 ބިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ކައުންސިލް އިންތިޚާބާ ދިމާކޮށް ދީފައިވާއިރު، ނާޒިމް މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ބީއެލްއިންވަނީ ލޯންވެސް ހަމަޖައްސާ ދީފައެވެ.

މިހާރު ހާމަވެފައިވާ ގޮތުގައި ރަށު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އާންމުކޮށް އިއުލާނު ނުކޮށް، ސަރުކާރާ ގާތް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރަން ފާސްކުރީ އިކޮނޮމިކް ކައުންސިލުންނެވެ. އިކޮނޮމިކް ކައުންސިލުން ނާޒިމްއަށް މި ޕްރޮޖެކްޓް އެވާޑްކުރަން ފާސްކޮށްފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށް ކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރުމަށްފަހު އެ އެއްބަސްވުން ބާތިލުކޮށް، އާރުސީސީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެއެވެ.

އާރުސީސީ އަކީ ނާޒިމްގެ ބައްޕަ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެވެ. އިއްޔެ އާރުސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވެސް އުޝާމްގެ ބައްޕައެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުން ބާތިލުކުރުމަށްފަހު، އިއުލާނު ނުކޮށް އާރުސީސީއާއި ހަވާލުކުރީ ކީއްވެތޯ ސުވާލުކުރުމުން، އެކަން އެގޮތަށް ކުރީ އިކޮނޮމިކް ކައުންސިލުން ކަން ޔަގީން ކޮށްދެއްވީ ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފުއެވެ.

މި މަޝްރޫއު އާރުސީސީއަށް ދިނީ ކުރިން ހެދި އެއްބަސްވުމަށްވުރެ އަގު ބޮޑުކޮށެވެ.

މި މަޝްރޫއު ނިންމަން ސަރުކާރުން ހެކްސްޓާއާއެކު ސޮއި ކުރި އެއްބަސްވުމުގެ އަގަކީ 36 މިލިއަން ޑޮލަރެވެ. ރަސްމީ ރޭޓުން ހިސާބުކުރާއިރު އެއީ 555 މިލިއަން ރުފިޔާ އެވެ. އެ އެއްބަސްވުމުގެ ދަށުން ފައިސާ އަނބުރާ ދައްކަން ލިބެނީ ހަ މަސް ދުވަހެވެ.

މަޝްރޫއުގެ ދަށުން ތިން ގިންތިއެއްގެ ކައުންސިލް އިމާރާތް ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާ ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހުއެވެ.