ފ. މަގޫދޫ ކައުންސިލުގެ އަމިއްލަ ހަރަދުގައި ތަރައްގީކޮށް ނިންމި ތިން މަޝްރޫއެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ހުޅުވައިދެއްވައިފި އެވެ. މި މަޝްރޫއުތައް އިފްތިތާހު ކޮށްދިނުމަށް މަގޫދޫ ކައުންސިލް މުއިއްޒުއަށް ދައުވަތު ދޭން ބޭނުމެއް ނުވިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވެގެން ދިޔައީ މުއިއްޒުގެ ވެރިކަމުގައި މަގުދޫގައިވެސް ތަރައްގީގެ މަޝްރޫއެއް ހިންގާފައި ނުވާއިރު، ފާއިތުވި 2 އަހަރު ރަށްރަށުގެ ތަރައްގީއަށް މުއިއްޒުއަށް އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާތީއެވެ.
މަގޫދޫގައި އޮތް ރަސްމިއްޔާތެއްގައި ސޯލިހު ހުޅުވައިދެއްވީ ކައުންސިލުން ތަރައްގީކުރި ދަތުރުވެރިންގެ ހިޔާ، ރަސްމީ ފާލަން އަދި ލައިސަންސް ޓްރެކެވެ.
ކައުންސިލުން ތަރައްގީކުރި ދަތުރުވެރިންގެ ހިޔާއަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ. ރަސްމީ ފާލަން އަދި ވޯކްވޭއަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިއިރު، ލައިސަންސް ޓްރެކް ތަރައްގީ ކުރުމަށް ހަރަދުކުރީ ދެ ލައްކައެއްހާ ރުފިޔާ އެވެ.
މީގެއިތުރުން މަގޫދޫގެ ސްކޫލުގައި ލައިބްރަރީއެއް ގާއިމުކުރުމާއި، ކޮމްޕިއުޓާ ލެބެއް ގާއިމުކުރުމާއި ސްކޫލަށް ބޭނުންވާ ބައެއް ކަންކަން ވެސް ފުރިހަމަކޮށްދިނުމަށް ކައުންސިލުން ދަނީ ހަރަދު ކުރަމުންނެވެ.
ސޯލިހުގެ ވެރިކަމުގައި މަގޫދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް، އައުޓްޑޯ ވޮލީ ކޯޓު އަދި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރި އެވެ. އޭގެ އިތުރުން އެ ރަށުގެ އެއާޕޯޓުގެ މަސައްކަތް ފެށީ ސޯލިހުގެ ވެެރިކަމުގަ އެވެ. ނަމަވެސް މި ވެރިކަމުގެ ތެރޭގައި އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.