ޚަބަރު

ޚުދުމުޚްތާރު ވަމުން ވަމުން ގޮސް އެންމެ ފަހުން މުއިޒު މި ދިމާކޮށްލީ މީޑިއާތަކާ!

ދިޔަވަރު
ޚުދުމުޚްތާރު ވަމުން ވަމުން ގޮސް އެންމެ ފަހުން މުއިޒު މި ދިމާކޮށްލީ މީޑިއާތަކާ!

މުއިއްޒު ނޫސް މީޑިއާތަކުގެ ކޮންޓްރޯލް ނެގުމަށް، ނޫސްތަކަށް ފިޔަވަޅު އަޅައި އަދި ނޫސްތަކުގެ ރަޖިސްޓަރީ ބާތިލްކުރެވޭނެ ގޮތްތަކެއް ހިމަނައިގެން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލްގެ ބަހުސް ފަށައިފި އެވެ.

މަޖިލީހަށް މިފަހަރުވެސް މިބިލް ހުށަހެޅުއްވީ މީގެކުރިންވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ.

އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް މަޖިލީހުގައި ހަންނާން މަސައްކަތް ކުރައްވަނީ ސަރުކާރާ ގުޅިގެންނެވެ.

މިފަހަރު ބިލް ހުށަހަޅާފައިވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުމަށްފަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ކޮމިޝަނެއް އުފައްދަންޖެހޭ ގޮތަށެވެ. ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ނޫސްތައް ރަޖިސްޓަރީ ކުރުމާއި ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި ނޫސްތަކުގެ ސުލޫކު ކަނޑައެޅުމާއި މީޑިއާ މޮނީޓާ ކުރުމާއި ބްރޯޑްކާސްޓު ކުރުމަށް ލައިސަންސް ދޫކުރުން ހިމެނެ އެވެ.

އަލަށް އުފައްދާ ކޮމިޝަންގައި ތިއްބަވާ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނާއި އަދި ކޮމިޝަންގެ ރައީސް އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ތިން މެންބަރުން ކޮމިޝަނަށް ހޮވަނީ ރަޖިސްޓަރީ ކުރިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުން ވޯޓު ދީގެންނެވެ.

ބިލްގައިވާ ގޮތުން އެއްލައްކަ ރުފިޔާއާ ހަމައަށް ނޫހެއް ޖޫރިމަނާކުރުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް ލިބެ އެވެ. އަދި ނޫހެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް އެ ނޫހެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ހިފެހެއްޓުމާއި ކޯޓަށް ގޮސްގެން ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ. އަދި ނިއުސް ވެބްސައިޓެއް ބްލޮކް ކުރުމާއި ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.

ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ހަތަރެސްފައިގައި ކަސްތޮޅު އަޅުވާ، މިނިވަން މުވައްސަސާތައް މުށުތެރެއަށް ލާ، އެންމެ ފަހުން މުއިއްޒު މި ދިމާކޮށްލީ ރާއްޖޭގެ މިނިވަން މީޑިއާތަކާއެވެ. ބޭނުމަކީ ތިމާގެ ބަސްވިކޭ މީހަކު މީޑިއާތަކަށް ބަސްބުނާ އެންމެ އިސް މީހެއްގެ ގޮތުގައި ބައިންދާ، މީޑިއާތަކުގެ މިނިވަންކަން ނެތި ކޮށްލުމެވެ. މީޑިއާތައް އިނދަ ޖައްސާލުމެވެ. މުއިއްޒުގެ ޚުދުމުޚްތާރު މި ސިޔާސަތުތަކުން މިނިވަން މީޑިއަ މިންޖުކުރުމަށް އެންމެހާ ނޫސްވެރިން މިއަދު ކަމަރު ބަންނާން ޖެހެއެވެ.