ޚަބަރު

ނޫސްވެރިން ތިބީ ޖަލަށް ދާން ޖެހުނަސް މަރާލިޔަސް ދޫދޭގޮތަކަށް ނޫން: ނޫސްވެރިން

ދިޔަވަރު
ނޫސްވެރިން ތިބީ ޖަލަށް ދާން ޖެހުނަސް މަރާލިޔަސް ދޫދޭގޮތަކަށް ނޫން: ނޫސްވެރިން

މިރޭ އެކްސް ސްޕޭސްގައި ބޭއްވި މަޝްވަރާގައި އެކި ފަރާތްތަކުން ދެއްކި ވާހަކާގައި، ބައެއް ނޫސްވެރިން އެމީހުން ޖަލަން ދާން ޖެހުނަސް މިނިސްވަން ނޫސްވެރިކަން ހުއްޓާ ނުލާނެ ކަމަށް ހާމަ ކޮށްފައެވެ. ޖަލަށް ލިޔަސް މަރާލިޔަސް ދޫދޭ ގޮތަކަށް ނޫން ކަމަށް ބައެއް ނޫސްވެރިން ވަނީ މި ސައްލާގައި ހާމަ ކޮށްފައެވެ.

ރައީސް މުއިއްޒު މަޖިލީހަށް ހުށައަޅާފައިވާ، ނޫސްވެރިކަން ނައްތާލާ ބިލާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު މި ސްޕޭސްގައި، ހުރިހާ ނޫސްވެރިންވެސް އެއްބަސްވެ ވަޑައިގަތީ މި ބިލް ބަލައި ނުގަތުމަށެވެ. މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަން ވެސް ހާމަ ކުރީ މި ބިލް ބަލައި ނުގަންނާނެ ކަމަށެވެ.

ނަމަވެސް، ޔޫތް މިނިސްޓްރު އަސްވާޑުގެ ފަރާތުން އެކްސް ސްޕޭސްގައި، މީހަކު ވަނީ މުއިއްޒު ދިފާޢު ކޮށް ވާހަކަ ދައްކާފައެވެ. އެއީ ރާއްޖޭގައި އެންމެ ބޮޑު ޕޮންޒީ ސްކީމް ހިންގައި އެތައް ސަތޭކަ އާއިލާއެއް ނިކަމެތި ކޮށްފައިވާ ތިން ބެއިންގެ ތެރެއިން އެކަކު ކަމުގައިވާ ޝަހުބާންއެވެ. ޝަހުބާންއަކީ ފައިސާގެ ދަހިވެތިކަމުގައި މުއިއްޒުގެ ދޮގުތައް ތެދުކޮށް، ނޫސްވެރިކަމުގެ އެއްވެސް މިންގަޑެއް ނެތި، ސަރުކާރުގެ ދޮގު ފަތުރާ ޓީވީއެއްގައި މަސައްކަތް ކުރާ އެއްވެސް ބަޔަކު ބަލައި ނުގަންނަ މީހެކެވެ.

ހަސަން ކުރުސީ މިރޭގެ އެކްސް ސްޕޭސްގައި ދެއްކި ވާހަކާގައި ފާހަގަ ކޮށްފައިވަނީ އެތައް ފަހަރަކު ފުލުހުން އެމެރިކާއަށް ފޮނުވައި، ހަސަން ކުރުސީ ހޯދަން އުޅެ، އެ އެކައުންޓު ނުހުއްޓުވިގެން އުޅޭ ބަޔަކު، މިފަދަ ބިލެއް ފާސްކޮށް، ނޫސްވެރިންނާއި މެދު ކަންކަން ކުރާނެ ގޮތް ވިސްނާލުމަށެވެ. ކުރުސީ ވަނީ ނޫސްވެރިންގެ ފަހަތުން މުއިއްޒު މީހުން ލައްވައި ކަތިވަޅި ހިފައިގެންވެސް އަދި ދާނެ ކަމަށް ބުނެފައެވެ.

އަދަދު ނޫހުގެ ފަރާތުން މި އެކްސް ސްޕޭސްގައި ވާހަކަ ދައްކަމުން ފިޔާޒު ވަނީ މިއީ ނޫސްވެރިންގެ އަނގަ ބަންދު ކުރުމަށް ހުށައަޅާފައިވާ ބިލެއް ކަމަށާއި، މިކަމުގައި އެއްވެސް ހެޔޮ ނިޔަތެއް ނެތް ކަމަށެވެ. އަދި މިނިވަން ފިކުރަކީ ހުއްޓުވޭނެ އެއްޗެއް ނޫންކަމަށް އޭނާ ހާމަ ކުރިއެވެ.

އެ ސައްލާގައި ބައިވެރިވި، އެހެން ނޫސްވެރިއަކު ހާމަ ކުރި ގޮތުގައި އެއްވެސް މަދަނީ ހައްޤަކަށް ދުވަހަކުވެސް ވަކާލާތު ކޮށްފައި ނުވާ، ވިޔަފާރި ކުރާ ބަޔަކު (ނާޒިމް އާއި، ހަންނާނު) މިބިލް މަޖިލީހަށް ލުމުން މިކަމުގައި ރަނގަޅު އިންޓެންޝަނެއް ނެތްކަން ސާފުވާ ކަމަށެވެ.

ކޯޓުތަކާއި، މަޖިލީހާއި، މިނިވަން މުއައްސަސާތައް މުށުތެރެއަށް ލުމަށްފަހު، ނޫސްވެރިކަން ނައްތާލުމަށް މުއިއްޒު މިވަނީ އަމާޒު ހިފާފައެވެ. ހުރިހާ ބާރެއް މުށުތެރެއަށް ލުމަށްފަހު، މި ބިލުން މި ފެނިގެން ދަނީ މުއިއްޒުގެ އަނިޔާވެރިކަން ހުރި މިންވަރެވެ. މި ބިލްގެ ސަބަބުން މުއިއްޒަށް ލިބޭނީ އިތުރު ނަފްރަތާއި، މީހުންގެ ބަދު ދުޢާއެވެ. ވައްކަން ކޮށް، ރައްޔިތުންނަށް މުތުލަގަށް ދޮގު ހަދާ ކައްޒާބެއްގެ ޙަޤީގަތް ހާމަކޮށް، ދިވެހި ޤައުމަށް ޖެހިފައިވާ މި ވަބާއިން ސަލާމަތް ކުރުމަށް ތެދު ބަސް ލިޔާ ކޮންމެ މީހަކީ ޤައުމީ ބަތަލަކަށް މިއަދު މުއިއްޒު ހަދައިފިއެވެ.

މީޑިޔާތައް ނައްތާލުމަށްފަހު، މުއިއްޒު ސޯޝަލް މީޑިޔާއާއި، ވީޕީއެން ވެސް ބޭން ކުރާނެއެވެ. އޭގެ ފަހުން، މި ހުރިހާ ކަމެއް ވެ ނިމޭއިރުވެސް ހިމޭނުން މަގުމައްޗަށް ނުނިކުމެ ފިލާ ތިބި ސިޔާސީ އިނދިކޮޅު ޕާޓީތަކާއި، ސިޔާސީ ލީޑަރުންގެ ކަރުގައި މުއިއްޒު ހިފާނެއެވެ. ޖަލަން ދާން ވެސް މިއަދު ތައްޔާރަށް ތިބީ ނޫސްވެރިންނެވެ.