ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން އުޅުނު ސިކުނޑި ހަމަނުޖެހޭ ޝަހީދު އެޗްޑީސީގެ ލީގަލް ޑިޕާޓްމަންޓުގެ އިސް ވެރިޔަކަށް

ދިޔަވަރު
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން އުޅުނު ސިކުނޑި ހަމަނުޖެހޭ ޝަހީދު އެޗްޑީސީގެ ލީގަލް ޑިޕާޓްމަންޓުގެ އިސް ވެރިޔަކަށް

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ސަރުކާރުން އައްޔަނުކުރަން އުޅުނު މުހައްމަދު ޝަހީދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ލީގަލް ޑިޕާޓުމެންޓުގެ ވެރިޔަކަށް ހަމަޖައްސައިފި އެވެ.

އެޗްޑީސީގެ ލީގަލް ޑިޕާޓުމެންޓުގެ ވެރިޔަކަށް މީގެ ކުރިން ހުންނެވީ ޑރ. ފާތުމަތު ޝިއުނީ އެވެ. އޭނާ އެ މަގާމުން ސަސްޕެންޑު ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބަދަލުކުރުމާއެކު އެވެ. އެނގިފައިވާ ގޮތުގައި ޝިއުނީ މިހާރު ހުންނެވީ އެ ކުންފުނީގެ އެހެން ޑިޕާޓުމެންޓަކަށް ބަދަލު ކޮށްފަ އެވެ.

ޝިއުނީގެ އިތުރުން ވެސް އެޗްޑީސީގެ އިތުރު ހަތަރު މެންބަރަކު ސަސްޕެންޑު ކުރި އެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ. އެގޮތުން ސަސްޕެންޑު ކުރި މުވައްޒަފުންގެ ތެރޭގައި ޗީފް ޕްލޭނިން އޮފިސަރަކަށް ހުންނެވި އަހުމަދު ޒިނަފު އަދި ޗީފް ހިއުމަން ރިސޯސަސް އޮފިސަރު މުހައްމަދު އިލްހާމް ހިމެނެ އެވެ.

"ހަމައެކަނި އޮތީ ޕީއެންސީން ފޮނުވި ލިސްޓެއް. މީގެ ދުވަސްކޮޅެއް ކުރިން ޕީއެންސީގެ ސްޓިއަރިން ކޮމިޓީއަކުން ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީން ވަކިކުރަން ޖެހޭ ލިސްޓަކާއި ވަޒީފާއަށް ވަންދަންޖެހޭ ލިސްޓެއް އެކުލަވާލި."

ޖުލައި މަހާ ހަމައަށް ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުރި ޝަހީދަކީ ޕީޕީއެމް އަދި ޕީއެންސީގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ، ޕޯޑިއަމްތަކުގައި ވާހަކަ ދައްކައި، ޕާޓީގެ ކަންކަމުގައި ވަރަށް ގިނައިން އުޅުނު މީހެކެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު ކުރިމަތިލުމުން، އެ މަގާމަށް އޭނާ އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކުރީ ޖުލައި 30، ގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަނުކުރަން ޖޭއެސްސީން ފާސްކުރުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

އެ ސަބަބާހުރެ އޭނާގެ ނަން އަނބުރާ ގެންދަން ޝަހީދު ނިންމީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި ޝަހީދުއަކީ ސިކުނޑިގެ މައްސަލަ ހުންނަ ފަރާތެކެވެ.