ޚަބަރު

ހުޅުމާލޭގެ ވޯޓަރތީމް ޕާކުން 20 މިލިއަން ރުފިޔާގެ މުދާ ވަގަށްނެގިކަން ސާބިތުވެގެން އެޗްޑީސީއިން ކަނޑާލި ސަނީހުއަށް ކަނޑޫފާ ރެސިޑެންސުން 7 މިލިއަން ރުފިޔާގެ ލަގްޒަރީ އެޕާޓްމަންޓެއް

ދިޔަވަރު
ހުޅުމާލޭގެ ވޯޓަރތީމް ޕާކުން 20 މިލިއަން ރުފިޔާގެ މުދާ ވަގަށްނެގިކަން ސާބިތުވެގެން އެޗްޑީސީއިން ކަނޑާލި ސަނީހުއަށް ކަނޑޫފާ ރެސިޑެންސުން 7 މިލިއަން ރުފިޔާގެ ލަގްޒަރީ އެޕާޓްމަންޓެއް

އެޗްޑީސީގެ ޗީފް ރިއަލް-ސްޓޭޓް އޮފިސަރގެ މަގާމުގައި ހުރެ ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ވޯޓަރތީމް ޕާކްގައި ހުރި 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ނެގިކަން ކުންފުނީގެ އޮޑިޓުން ކުރި ތަހްގީގުން ސާބިތުވުމުން ވަޒީފާއިން ކަނޑާލި ސަނީހު ވަޒީފާގައި އުޅުނު ދުވަސްވަރު ހުޅުމާލޭގައި ކަނޑޫފާ ރެސިޑެންސް ތަރައްގީ ކުރަމުންދާ ކުންފުންޏަށް ގަވާއިދާ ހިލާފަށް ޓެމްޕަރަރީ ލޭންޑެއް ދިނުމުން އޭގެ ބަދަލަށް ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން އޭނާއަށް އެތަނުން 7 މިލިއަން ރުފިޔާގެ އަގުހުރި ލަގްޒަރީ އެޕާޓްމަންޓެއް ހޯދިކަން ފަޅާއަރައިފިއެވެ.

ކަނޑޫފާ ރެސިޑެންސްއަށް "ޓެމްޕް ލޭންޑެއް" ދީފައިވަނީ ބިމުގެ ދަތިކަމާއި ހެދި އެފަދަ ހައުސިންގ މަޝްރޫއުތަކަށް ވަގުތީ ބިން ދިނުން އެޗްޑީސީއިން އެއްކޮށް ހުއްޓާލާފައި ވަނިކޮށެވެ. އެޗްޑީސީގެ އެމްޑީއަކަށް ފަޒުލް ހުރި ދުވަސްވަރު މި ޖަރީމާ ހިންގާފައިވަނީ އޭނާއަށްވެސް ދޮންކަޅު ނޭނގޭ ގޮތަށް އޮޅުވާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ. މިފަދަ ބޮޑު ވަގުތީ ބިމެއް ދިނުމަކީ އެ ކުންފުންޏަށް އިމާރާތްކުރާ މެޓީރިއަލްސްއާއި އެތައް ސަތޭކަ މުއައްޒަފުންގެ އެކަމޮޑޭޝަން ހަމަޖައްސައިގެން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ބޮޑު މަންފާއެކެވެ. އޭގެ ބަދަލެއްގެ ގޮތުން ކުންފުނީގެ ރާއްޖޭގެ އެއް ޕާޓްނަރުކަމުގައިވާ ކުރީގެ މަޖިލިސް މެމްބަރު ބޯދިގު ވަނީ ސަނީހުއަށް ކަނޑޫފާ ރެސިޑެންސުން 1918 އަކަފޫޓްގެ މާސިންގާ 5 ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއް ދީފައެވެ.

އެ އެޕާޓްމަންޓްގެ އެގްރީމެންޓް ހަދާފައިވަނީ ގއ. ވިލިގިއްޔަށް ނިސްބަތްވާ ސަނީހުގެ އާއިލާ މީހެއްގެ ނަންމަތީގައިކަމަށް ބޯދިގު އޭނާގެ ރައްޓެއްސަކަށް މައުލޫމާތު ދީފައިވެއެވެ. ކަނޑޫފާ ރެސިޑެންސްއަކީ ފޯޖް ޑޮކިއުމެންޓްތަކެއް އެޗްޑީސީއަށް ހުށަހަޅައިގެން ބިޑްކުރުމަކާއި ނުލައި ޗައިނާގެ ބަޔަކާއި ގުޅިގެން ޕާޓްނަރުންގެ ގޮތުގައި ރާއްޖެއިން ކުރީގެ މަޖިލިސް މެމްބަރު ބޯދިގުއާއި ޑަޗް ޑޮކްލޭންޑް ފްލޯޓިންގ ސިޓީ ޕްރޮޖެކްޓްގެ ނަމުގައި ފަޅުތަކެއް ކަޓުވައިލުމުގެ މުގުލުގައި ހުރި އިބްރާހީމް ރިޔާޒް ހިންގައި ސްކޭމް ޕްރޮޖެކްޓެކެވެ.

އިބްރާހިމް ރިޔާޒްއަކީ ތިލަފުށި ކޯޕަރޭޝަންގެ އެމްޑީއަކަށް ހުރެ 20 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގިކަން ޝަރީއަތަށް ސާބިތުވެގެން 29 އޮކްޓޯބަރ 2014 ވަނަ ދުވަހު 3 އަހަރަށް ޖަލަށްވެސް ލާފައިވާ މުލު ވަގެކެވެ. އެ މައްސަލައިގެ ތަފްސީލްތައް މިހާރުވެސް އިންޓަނެޓުން ފެންނަން އެބަހުއްޓެވެ. ބޯދިގު ޑިމޮކްރަޓްސް ދޫކޮށް ޕީއެންސީއަށް އެންމެ ފަހު ވަގުތު ކޮޅު ބަދަލުކުރުމުގެ އިނާމެއްގެ ގޮތުން މި ޕްރޮޖެކްޓް މި ސަރުކާރުންވަނީ ފޯޖް ޑޮކިއުމެންޓްސް ހުށަހަޅާފައި ހުރިނަމަވެސް ކެންސަލް ނުކޮށް ކުރިއަށް ގެންދަން ނިންމާފައެވެ. ވޯޓާ ތީމް ޕާކުގައި ހުރި މުދާތައް ވަގަށް ނަގައިގެން ވިއްކާލައި 20 މިލިއަން ރުފިޔާ ދަވާލުމުގެ އިތުރުން ސަނީހުއަކީ ވޯޓާރ ޕާކް ހެދުމަށް ރާއްޖެ އައި ސިންގަޕޫރު މީހާ ރާއްޖޭގައި ހެދި ކުންފުނީގެ ހިއްސާ، އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކާއި ގުޅިގެން ގއ. ވިލިގިލީ ސަނީހުގެ އާއިލާގެ މީހެއްގެ ނަމަށް ބަދަލުކޮށްފައިވާ ފަރާތެކެވެ.

އެޗްޑީސީގައި ހުރެގެން ސަނީހު ވަގަށް ހޯދި ފައިސާ ލޯންޑަރކޮށް ހުޅުމާލެއިން އޭނާ ވަނީ އެހެން އިތުރު އެޕާޓްމަންޓްތައްވެސް ގަނެފައެވެ. ގިނަ އެޕާޓްމަންޓްތަކަށް ނަގުދު ފައިސާއިން ޕޭމަންޓް ހެދިއިރު 2 އެޕާޓްމަންޓެއް ބޭންކު މެދުވެރިކޮށް ލޯނެއް ނަގައިގެންކަމަށް ދައްކައިގެން ގަނެފައިވެއެވެ. ލޯނުގެ މުއްދަތު 2 އަހަރަށް ކުރުކޮށް ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާ ލޯނަށް ދައްކަނީ ނަގުދު ފައިސާއިންނެވެ. އޭގެ އިތުރުން އެންމެ އަގުބޮޑު 3 ކާރާއި ހުޅުމާލޭ ފޭސް 2 އިން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ 4000 އަކަފޫޓްގެ ގޯއްޗެއް ގޯތި ލިބުނު ފަރާތްތަކުގެ އަތުން ގަތުމަށް އަގުގެ 60 ޕަސެންޓް ފައިސާ ދައްކައި އެގްރިމެންޓް ހަދާފައިވެއެވެ.