އިސްލާމީ އެއްވެސް ޤައުމެއްގައި ނާޅާ ހަރުކަށި ފިޔަވަޅުތައް އަޅައި ގެސްޓްހައުސް ވިޔަފާރި ފުނޑާލަން ރައީސްުލްޖުމްހޫރިއްޔާ މުއިއްޒު ނުކުމެއްޖެއެވެ.
ސައުދީ އާއި، ޔޫއޭއީ ފަދަ އިސްލާމީ ޤައުމުތަކުގައި ނާޅާ ވަރުގެ ހަރުކަށި ފިޔަވަޅުތަކެއް ރާއްޖޭގެ ފަތުރުވެރިކަމާއި ދެކޮޅަށް އެޅުމަށް މުއިއްޒު ވަނީ ނިންމާފައެވެ. އިސްލާމުން ނޫން މީހުން ވަކި ގޮތަކަށް ހެދުން އެޅުމަށް މަޖުބޫރު ކޮށްގެން ނޫނީ ނޫޅެވޭ ގޮތަށް, ޤަވާއިދު ހެދުމަކީ އެއްވެސް އިސްލާމީ ޤައުމަކުން އެއްވެސް އިރަކު ކޮށްފައިވާ ކަމެއް ނޫނެވެ. އަދި މިއީ އިސްލާމީ ޝަރީޢަތުގައި އޮތް ކަމެއްވެސް ނޫނެވެ.
ދުނިޔޭގައި އެންމެ ގިނަ މުސްލިމުން އުޅޭ އެއް ޤައުމު ކަމުގައިވާ އިންޑޮނޭޝިޔާގައި އެހެން ދީން ތަކުގެ މީހުން ރައްޔިތުންގެ ގޮތުގައި ދިރިއުޅޭ އިރު، އަދި ރާއްޖެއަށް ވުރެ ބޮޑަށް ލޯކަލް ޓޫރިޒަމް އޮތް ޤައުމަކަށް ވާއިރު، ވަކި ގޮތަކަށް ހެދުން އަޅަން އެ ޤައުމުތަކުގެ އިސްލާމީ ސަރުކާރުތަކުން ނާންގައެވެ. މި ގޮތުން މެލޭޝިޔާ ފަދަ ޤައުމުތަކަކީ މުސްލިމުންގެ ނިސްބަތް އާބާދީގައި ބޮޑު، ޗައިނާ އާއި، އިންޑިޔާގެ ނަސްލަށް ނިސްބަތްވާ އެހެން ދީން ތަކުގެ މީހުން ދިރިއުޅޭ ޤައުމުތަކެވެ. މި ޤައުމުތަކުގައި މުސްލިމު ނޫން މީހުން ހެދުން އަޅާގޮތް އަންގައި، އެ ޤައުމުގެ ސަރުކާރުތަކުން ނޫޅެއެވެ. ރާއްޖޭގައި މިހާރުވެސް ފަތުރުވެރިން ހެދުން އަޅާ އުޅެނީ އާންމު މިންގަނޑު ތަކަށް ފެތޭ މިންވަރަށެވެ.
މުއިއްޒު މިކަމެއް ކުރަނީ ރާއްޖޭގައި ތިބި މަދު ބަޔަކު ރުއްސުމުގެ ގޮތުންނެވެ. ނަމަވެސް މިއީ އާންމު ރައްޔިތުންގެ ޝައުގުވެރިކަން ހުރި މައްސަލައެއް ނޫނެވެ. ރަށްރަށުގެ އިޤްތިޞާދު ނިކަމެތި ވެފައިވާ މި ދަނޑިވަޅުގައި ފަތުރުވެރިންނަށް އިތުރު މަޖުބޫރުކަން ކުރިމަތި ކުރުމުން އޭގެ އަސަރު ފަތުރުވެރިކަމަށް ކުރާނެއެވެ. އެހެންކަމުން ރަށު ފިހާރައިން ތަކެތި ގަންނަ މީހާއާއި، ރަށު ރެސްޓޯރަންޓް ތަކުން ޑިނަރ ނަގާ ފަތުރުވެރިޔާ ރަށަށް އައުން މި ޤަވާއިދު ތަކުގެ ސަބަބުން ކުޑަވެ، އެ އާއިލާތަކަށް ލިބެމުންދިޔަ ފިޔަފާރި މުއިއްޒުގެ ހަރުކަށި، ފިޔަވަޅުތަކުގެ ސަބަބުން ގެއްލިގެން ދާނެއެވެ.
ދީނުގައި ކާފަރުން ހެދުން އެޅުވުމެއް މުސްލިމުންގެ މައްޗަކަށް ނޯވެއެވެ. ދީނުގައި އޮތީ ތެދުވެރި ވުމާއި، އަމާނާތްތެރި ވުމާއި، ވައްކަން ނުކުރުމަށެވެ. ނަމަވެސް، މުއިއްޒަކީ ދޮގު ހެދުމުގައި ރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ ނުބައި މީހެކެވެ. ވައްކަން ކުރުމުގައި އެމްއެމްޕީއާރުސީއާއި ނުބައްދަލު މިންވަރަކަށް ވަނީ ވައްކަން ކޮށްފައެވެ. ރައްޔިތުންގެ ފައިސާ ތަޅާ ބުރުވައި، ރިޝްވަތުދީ، ބޮޑެތި ފާފަތަކަށް އެތައް ލައްކަ ރައްޔިތުންނެއް ކުރިމަތީ މުއިއްޒު އަރައި ގަންނަމުންދާ މަންޒަރު ނުފެންނަ މީހަކު މިއަދު މިރާއްޖޭގައި ނެތެވެ.
ރައްޔިތުންގެ ހައްޤުތަކަށް އަރައިގަނެ، އެ ޙައްޤު ހަނިކޮށް، ނިގުޅައި ގަތުމަކީވެސް ބޮޑު ފާފައެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބްލެކްމެއިލް ކުރަން ކުޅަ މަސައްކަތާއި، އެއްވެސް ސަބަބެއް ނެތި 2 ފަނޑިޔާރަކު ވަކި ކުރި ކުރުމަކީ މަހުޝަރު ދުވަހު ހިސާބު ބެއްލެވޭ ހިނދު މުއިއްޒު އާއި ސުވާލު ކުރެވޭނެ ކަންކަމެވެ. ސުޕްރީމް ކޯޓް ދުއްވާލައި، ރައްޔިތުން މަޖިލީސް ދުއްވާލުމަކީވެސް ހަމަ ބޮޑުވެގެންވާ ފާފައެވެ. މިއީ ރައްޔިތުން ނިކަމެތި ކުރަން މުއިއްޒު ކޮށްފައިވާ ފާފަވެރި އަމަލުތަކެވެ.
ފަތުރުވެރިންނަށް ރަށްރަށުގައި ހާއްސަ ބީޗް ހަދައި، އާންމުންނަށް އެހެން ސަރަހައްދުތައް ތަރައްޤީ ކުރުމަކީ ރާއްޖޭގައި މިކަން ކުރަމުން އައި ގޮތެވެ. އަދި މި މޮޑެލް ވަނީ މީގެ ކުރިން މަސައްކަތްވެސް ކޮށްފައެވެ.
މުއިއްޒުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބިލިއަނުން ގެއްލުން ވެފައިވާއިރު، މި ގެއްލުން އިތުރަށް ފެތުރި، ވިޔަފާރިވެރިންނަށް ނަފްރަތު ކުރާ، ހަސަދަވެރި މަދު ބަޔަކު ރުއްސަން ކުރާ މި މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމަށް އިންތިހާއަށް ގެއްލުންވެގެން ދާނެއެވެ.
މިއަދު އިސްލާމް ދީން އެތަނެއްގައި އެންމެ ބޮޑަށް ފެތުރެމުންދާ ހުޅަނގުގެ ގައުމުތަކުގައި އާއި، އިސްލާމީ ހުރިހާ ޤައުމެއްގައި ހުރިހާ ދީންތަކެއްގެ މީހުން ތިބެއެވެ. އެ ޤައުމުތަކުގައި ތިބި މުސްލިމުންގެ އަޚުލާގާއި، ތެދުވެރި ކަމާއި، އަމާނާތްތެރިކަން ދިވެހި ގިނަ މީހުންނަށް ވުރެ ރަނގަޅެވެ. އެކަން މުއިއްޒުގެ މުނާފިގުކަމާއި، ކައްޒާބުކަމަށް އެކަނި ބަލާލުމުން ސާފުކޮށް އެނގެއެވެ.