ޚަބަރު

މުއިއްޒު އާއި ދެކޮޅަށް ބާއްވާ "Wake UP" އިވެންޓަށް މިރޭ ދާންވާނެ!

ދިޔަވަރު
މުއިއްޒު އާއި ދެކޮޅަށް ބާއްވާ "Wake UP" އިވެންޓަށް މިރޭ ދާންވާނެ!

މުއިއްޒު އާއި ދެކޮޅަށް ބާއްވާ "Wake UP" އިވެންޓަށް މިރޭ ވީހާވެސް ގިނަ ބަޔަކު، ދާންވާނެއެވެ. މުއިއްޒު އާއި ދެކޮޅަށް ނުކުތުމަކީ ދީނީ ފަރުދީ އަދި އިޖުތިމާޢީ ވާޖިބެކެވެ. ދިވެހި ޤައުމާއި ދިނާއި، މިނިވަންކަމަށް ޓަކައެވެ. ދިވެހި ދައުލަތުގެ ދިފާޢުގައެވެ.

ރައީސް މުއިއްޒުގެ ވެރިކަމަކީ ޣައިރު ޤާނޫނީ ވެރިކަމެކެވެ. ޣައިރު ޤާނޫނީ ވެރިކަމަކަށް މި ވެރިކަން ވަނީ، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ހޮވާފައި ތިބި ބަޔަކު ވަކި ކުރުމުގެ ބާރު، ޕާޓީތަކަށް ދިން ހިސާބުންނެވެ. އަދި ކޯޓުތަކަށް އަތް ބާނައި، ރާއްޖޭގެ ޝަރުޢީ ނިޒާމު ދިމްޔާތުގެ ބާރުގެ ދަށަށް ގެނައުމުންނެވެ.

ދިމްޔާތުގެ ބާރުގެ ދަށަށް މަޖުލީހާއި ޝަރުއީ ކޯޓުތައް ދިޔުމާއި، ރާއްޖެއިން ބޭރުގެ ބާރަކުން ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަކާއި މާކަ ބޮޑު ތަފާތެއް ނެތެވެ. ދެކަމުންވެސް ގެއްލެނީ މިނިވަން ކަމެވެ. އަމިއްލަ ޤައުމުގައި ތިބި ބަޔަކު އަމިއްލަ ރައްޔިތުންގެ މިނިވަންކަން ފޭރި ޤަތުމަށްވުރެ ވަކި ޚާއިނު ކަމެއް ޤައުމަށް އޮންނާނެތޯއެވެ. ރައްޔިތުންގެ ބާރުވެރިކަން ނިގުޅާފައިވާ ކޮންމެ މުޖުތަމަޢު އަކީ އަޅުވެތި ކޮށްފައިވާ މުޖުތަމަޢުއެކެވެ. އެ އަޅުވެތިކަމަކީ ބޭރުގެ ބާރަކުން ކޮންމެ ފަހަރަކު އަންނަ އުދުވާނީ ހަމަލާއެއް ނޫނެވެ. މިނިވަންކަން އެތެރޭގެ ހަމަލާތަކުން ގެއްލުމަކީ މިއަދުގެ ޙަޤީގަތެވެ. ކޯޓާއި، މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި، ނޫސްތައް ބަންދު ކުރުމުން އެ ނެގީ ރައްޔިތުންގެ މިނިވަންކަމެވެ. ދިމްޔާތުން ފައިސާ ދީގެން ސިފައިންގެ އިސްވެރިންތަކެއް ގެންގުޅުމަކީ ދިވެހި އަސްކަރިއްޔާ ރޫޅާލައި، އެތަނުން ކުލީ ސިފައިން ތަކެއް ނަގައިގެން ދިވެހި ދައުލަތާއި ދެކޮޅަށް މުއިއްޒު ގަދަބާރުން ވެރިކަން ކުރާކަމުގެ ހެއްކެކެވެ.

"Wake UP" އިވެންޓަށް ދާންވީ މި މިނިވަންކަމުގެ ދިފާޢުގައި ނުރުހުން ފާޅު ކުރުމަށެވެ. އެ ރަސްމިއްޔާތުގައި އަޑު އުފުލަންވީ ނޫސްވެރިންގެ މިނިވަންކަމަށް މުއިއްޒު އަރަމުންދާ ގޮތާއި މެދުގައެވެ. ރައްޔިތުންގެ ހައްޤުތައް ފޭރެމުންދާތީ އެކަމާއި ގުޅޭގޮތުްނނެވެ. ރައްޔިތުން މާލީ ގޮތުން ނިކަމެތި ކުރަމުންދާތީ އެކަމާއި ހެދިއެވެ. ރައްޔިތުން ފަގީރު ކުރަމުން ދާތީ އެކަމާވެސް މެއެވެ. ޑޮލަރު ރޭޓު 16 އިން 20.50 އަރާފައި ވާތީ އަމުދުން އެކަމާއިއެވެ.

އާޓިފިޝަލް ބީޗަށް 8:30 ގޮސް މުއިއްޒުގެ ޣައިރު ޤާނޫނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލައި، މިނިވަން އިންތިހާބަކަށް ގޮވާލާށެވެ. މިރޭގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ވަނީ ރައްޔިތުންނާއި ގުޅުން ހުރި ހައްސާސް މައްސަލަތަކުގައި މެދު ކެނޑުމެއް ނެތި މުއިއްޒު އާއި ދެކޮޅަށް އަޑު އުފުލާފައެވެ.