މުއިއްޒުގެ ސަރުކާރަކީ މިހާތަނަށް ދިވެހި ރައްޔިތުން ދެކެފައިވާ ނުވާފަދަ އަނިޔާވެރި, އަދި ޚުދު ވެރިމީހާ މުޡުލަގަށް ދޮގުހަދަމުންދާ ސަރުކާރެކެވެ. މުއިއްޒުވަނީ ރިޔާސީ އިންތިޚާބުގައި ވީ ހުރިހާ ވައުދަކަށް ޚިޔާނާތްތެރިވެ, އެތައް ރައްޔިތުންނެއް ވަޒީފާގެ ހައްގުން މަހުރޫމުކޮށް, އެތައް ސަތޭކަ ރައްޔިތުންނެއްގެ ފްލެޓްތައް ފޭރިގަނެ, އެރައްޔިތުން ބޯހިޔާވަހިކަމުންވެސް މަހުރޫމް ކޮށްފައެވެ.
ހަމަ އެއާއެކު, ތިމާގެ އަމިއްލަ ދަރިފުޅު ވޭޕްކުރާން ފެށުމުން މުއިއްޒުވަނީ, ވޭޕް މަނާކުރުމަށް ގާނޫނެއް ހަދާ, ޒުވާނުން ކަންމަތި ކަންމަތިތަކުގައި ބިޑި އަނބުރަން މަޖުބޫރު ކޮށްފައެވެ.
މުއިއްޒުގެ ވެރިކަން ފެނިގެން މިދަނީ ރާއްޖެ ނުދެކޭވަރުގެ ބޮޑެތި ކޮރަޕްޝަންގެ އެތައް ޖަރީމާތައް ޚުދު ވެރިމީހާ އަމިއްލައަށް ހިންގަމުންދާ ސަރުކާރެއްގެ ގޮތުގައެވެ. ދައުލަތުގެ ކުންފުނިތަކުގެ އެމްޑީން ދަނީ ކޮރަޕްޝަންގެ ފައިސާ ސީދާ މުއިއްޒުއާއި ހަވާލުކުރަމުންނެވެ.
އޭގެ އިތުރަށް, ވެރިކަމުގެ ހުވާ ކުރައްވާ ދުވަހަކީ ޝަރުއީ ދާއިރާ މިނިވަންވާ ދުވަސްކަމަށް ވިދާޅުވި މުއިއްޒު މިހާރުވަނީ ޝަރުއީ ދާއިރާއަށް އަތްބާނާ, ސުޕްރިމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑްކޮށް, އެ ފަނޑިޔާރުންނަށް ބިރު ދައްކަން ފަށާފައެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ހަތަރެސްފައިގައި ބިޑި އަޅުވާ, އެ މެމްބަރުން މެދުވެރިކޮށް މުއިއްޒު ދަނީ ތިމާގެ ސިޔާސީ މަންފާއަށް ގާނޫނު އަސާސީ ބަދަލު ކުރަމުންނެވެ.
އެއަށްފަހު، ވެރިކަމުގެ ބާރުތައް މުށުތަރެއަށް ލަމުން ލަމުން ގޮސް އެންމް ފަހުން މުއިއްޒު ދިމާކޮށްލީ މިނިވަން މީޑިއާ ފުނޑުފުނޑު ކޮށްލުމަށެވެ. އެއީ ރާއްޖޭގަ މިއަދު މިއޮތް ޑިމޮކްރަސީގެ ހުޅުކޮޅު ނިއްވާލުމަށް މުއިއްޒު ހިންގާ ބޮޑު ޖަރީމާއެކެވެ. މީޑިއާގެ ބިލް މުއިއްޒުގެ އަމުރަށް މަޖިލީހަށް ހުށަހަޅާފައިވަނީ، މިރާއްޖޭގައި ދިގުދެމިގެންދާނެ ޚުދުމުޚުތާރު ވެރިކަމެއް ގާއިމް ކުރުމުގެ ބޭނުމުގައެވެ.
ދޮގާއި މަކަރު ހެދުން އެއީ ނުހަނު ފަސޭހަ, އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އަންނަ މި އަނިޔާވެރި މުއިއްޒުގެ ވެރިކަން ނިންމުން މިއަދު މިވަނީ ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ވާޖިބަކަށް ވެފައެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި މި އަނިޔާވެރިކަމުން ދިވެހި ރައްޔިތުންނަށް މިންޖު ވެވޭނީ ކަށިން ހިތްވަރުނެރެ, ރައްޔިތުން ހަށި ފޮޅާލައިގެންނެވެ.
އިދިކޮޅު ޕީއެންއެންއެފްއިން މިރޭ މާލޭގައި ބާއްވާ ޖަލްސާއަށް ހުރިހާ ރައްޔިތުންވެސް ފަސްނުޖެހި ނިކުންނަވާށެވެ. މުއިއްޒުއަށް ހުރިހާ ދިވެހި ރައްޔިތުން ޖަލަކަށް ނުލެވޭނެއެވެ. ބިރުން ފަހަތަށް ނުޖެހި, މިއަނިޔާވެރިކަމުން މިންޖުވާން ޕީއެންއެފްގެ ވޭކްއަޕް ޖަލްސާއަަށް, ފަސްނުޖެހި ހުރިހާ ރައްޔިތުންވެސް ނުކުންނަވާށެވެ.