ބްރޯޑްކާސްޓިންގ ކޮމިޝަނުން ޗެނަލް 13ގެ ބްރޯޑްކާސްޓިންގ ވަގުތީގޮތުން ހުއްޓާލުމަށް އެންގި ނަމަވެސް، ޗެނަލުން ބްރޯޑްކާސްޓިންގ މެދުކަނޑާނުލައި ކުރިއަށް ގެންދަނީއެވެ.
ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ޖަލްސާ އާޓިފިޝަލް ބީޗުގައި ފެށުމުގެ ކުރިން، އެ ޖަލްސާ ދުރަށް ފޮނުވުން ހުއްޓުވުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން މި ފިޔަވަޅު އަޅާފައިވާކަމަށް ޗެނަލްގެ މަޢުލޫމާތު ލިބިފައިވާ ފަރާތަކުން އަދަދު ނޫހަށް ހާމަކުރިއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ފަރާތުގެ ފޭސްބުކް ޕޭޖުގައި ބަޔާންކޮށްފައިވަނީ، "ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން 21 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 08:00 އިން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް 11 އޮގަސްޓް 2025 ގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާނެ" ކަމަށެވެ.
ކޮމިޝަނުން އިތުރަށް ބަޔާންކޮށްފައިވަނީ، "ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އަޅާކަމަށް ފެނިއްޖެ ހިނދެއްގައި އެ ބްރޯޑްކާސްޓަރަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ" ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތުން ބުނީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން ޗެނަލް 13ގެ އިސްވެރިންނަށް ގިނަ ފަހަރަކު ގުޅައި، ޔާމީންގެ ޖަލްސާ ދުރަށް ދައްކައިފިނަމަ ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.
"މިއީ މިރޭގެ ޖަލްސާ ހުއްޓުވުމަށް ސަރުކާރުން އަންގައިގެން އަޅާފައިވާ ފިޔަވަޅެއް. މިއީ ބަޔަކަށް ޗެނަލްއިން ވިއްކާފައިވާ ވަގުތެއް," އެ ފަރާތުން ވިދާޅުވިއެވެ.