”ވޭކް އަޕް“ގެ ނަމުގައި އިދިކޮޅު ޕީއެންއެފްއިން މިރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާއިން މިސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ސާފުވެގެން ހިގައެއްޖެއެވެ.
ޕީއެންއެފްއިން މިރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއަކީ ޕީއެންއެފްއިން ބޮޑު ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވަނިކޮށް އެޕާޓީން ބޭއްވި ފުރަތަމަ ބޮޑު ޖަލްސާއެވެ. އަދި މި ޖަލްސާ ބާއްވާކަން އެޕާޓީން އިއުލާން ކޮށްފައިވަނީވެސް ޖަލްސާ ބޭއްވުމަށް އެންމެ ދުވުވަހުގެ މުއްދަތެއް ކުރިޔަށް އޮއްވައެވެ.
އެހެންނަމަވެސް ރައީސް ޔާމިންވެސް ބައިވެރިވެވަޑައިގަންނެވި މި ޖަލްސާގައި ޕީއެންއެފްހެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. އަދި މި ޖަލްސާގައި ޕީއެންއެފްގެ ލީޑަރޝިޕްވެސް ބައިވެރި ވެފައިވާއިރު, މިޖަލްސާގައި ކުރީގެ ރައީސް ޔާމިންވަނީ ވާހަކަ ފުޅު ދައްކަވާފައެވެ.
ރައީސް ޔާމިން ވާހަކަ ފުޅުގައި ވިދާޅުވީ, ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް ކަމަށާއި މުއިއްޒު ގެންދަވަނީ މިނިވަން މުވައްސަސާތައް ފުނޑުފުނޑުކޮށް, ވެރިކަމުގެ ބާރުތައް މުށުތެރެއަށް ޖަމާކުރައްވަމުން ކަމުގައެވެ.
މިޖަލްސާގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލްވެސް ވާހަކަ ދައްކަވާފައި ވެއެވެ.
ޕީއެންއެފްގެ ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ވެފައި ވާއިރު, ވެރިކަންކުރާ ޕީއެންސީގެ ގަރުދިޔަ ޖަގަހާގައި ބާއްވާ ޖަލްސަތަކަށް ހާޒިރުވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވަމުންދާކަން ފާހަގަ ކޮށްލެވެއެވެ. އަދި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކަށްވެސް މީހުން ހާޒިރުވާ މިންވަރު މަދުކަން ފާހަގަ ކުރެވޭއިރު, ޕީއެންއެފްގެ ބޮޑު ޖަލްސާގެ ހާޒިރީން މިރޭ ސާފުވެގެން ދިޔައީ, މުއިއްޒު ހަދަމުންދާ ދޮގުތަކާއި, މިސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ނަފްރަތާއި ރުޅިވެރިކަން ކަމުގައި ގިނަބަޔަކު ފާހަގަ ކުރެއެވެ.