ސޯޝަލް މީޑިޔާ އާއި ނޫސްވެރިންނާއި ސިޔާސީ ފަރާތްތައް ޖަލަށް ލުމަށް އަބުރުގެ ބިލެއް މުއިއްޒު އާއި އުޝާމު ދަނީ ތައްޔާރު ކުރަމުން ދާކަމަށް އޭޖީ އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
މި ބިލްގެ މަގުޞަދަކީ އަބުރުގެ ޤާނޫނު އަލުން އުފެއްދުމެވެ. ރައީސް ޔާމީން ސަރުކާރުގައި އުފެއްދި އަބުރުގެ ޤާނޫނު އެމްޑީޕީ ވެރިކަމަށް އައުމަށް ފަހު ވަނީ އުވާލާފައެވެ. މިހާރު އެކަމާއި ގުޅޭ ގޮތުން އޮތީ ގަވާއިދެކެވެ.
މުއިއްޒު އަންގައިގެން އުޝާމު ހަދަމުންދާ އަބުރުގެ ޤާނޫނު ކުރިން ރައީސް ޔާމީން ދައުރުގައި ހަދާފައިވާ އަބުރުގެ ޤާނޫނާއި އަޅާ ބަލާއިރު 10 ގުނަ ނުބައެވެ. މި ބިލުގައި އަނިޔާވެރިކަން އިސްކޮށްފައި ވަނީ އިންތިހާއަށެވެ.
މުއިއްޒުއަށް އެންމެ އަސަރު ކުރަނީ ކައްޒާބު ކިޔުމުން ކަމަށާއި، ނޫސްވެރިކަން ނައްތާލާ ބިލާއި، އަބުރުގެ ބިލަކީ ރައްޔިތުންނަށް ބިރު ދައްކައިގެން ކައްޒާބު ކިޔުން ހުއްޓުވުމަށް މުއިއްޒު ތައްޔާރު ކުރާ ބިލެކެވެ.
ސޯޝަލް މީޑިޔާގައި މުއިއްޒު ދައްކާ ދޮގު ވާހަކަތަކަކީ ދޮގު ކަމަށް ބުނާ ފަރާތްތަކާއި، ސިޔާސީ ޕޯޑިއަމް ތަކުގައި މުއިއްޒުއާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކާއި، ނޫސްވެރިން މުއިއްޒު އާއި ގުޅުން ހުރި، ކޮރަޕްޝަންގެ މައްސަލައެއް ގެނެސްފިނަމަ ހިފާ ހައްޔަރުކޮށް ޖަލަށް ލެވޭ ގޮތަށް މި ބިލް ދަނީ ޑްރާފްޓް ކުރަމުންނެވެ.
ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގެ ވާހަކަ ކޯޓުން ސާބިތު ނުވަނީސް އެއްވެސް ނޫހަކުން ނުގެނެވޭ ގޮތަށް މި ބިލް ފަރުމާކޮށްފައިވާއިރު، މުއިއްޒު އާއި ގުޅޭ ގޮތުން ސޯޝަލް މީޑިޔާގައި އަޑު އުފުލުން މި ބިލާއި އެކު ނިމުމަކަށް އަންނާނެ ކަމަށް މުއިއްޒަށް ވަނީ ހީވެފައެވެ.
ކޮންމެ އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ދާއިރު، އަނިޔާވެރިކަން އިންތިހާއަށް އިތުރުކޮށް، އެތައް ބަޔަކު ޖަލަށްލައި، އަބުރުގެ ޤާނޫނާއި، ނޫސްވެރިކަމާއި ދެކޮޅަށް ޤާނޫނު ހެދުމަކީ ދުނިޔޭގެ ޚުދުމުތާރު ވެރިކަން ތަކުގައި ވެރިކަން ނިމުމުގެ މަގުމަތީގައި ހިނގާފައިވާ ކަންކަމެވެ. މިއީ ގިނަ ބަޔެއްގެ ބަދު ދުއާ މުއިއްޒަށް ޖެހި، މުއިއްޒުގެ ކިބައިން ދިވެހިރައްޖެ ސަލާމަތް ވުމަށް ވަގުތު ޖެހެމުން އަންނަ ކަމުގެ ނިޝާނެކެވެ.