ޚަބަރު

ކައުންސިލް އިންތިޚާބަށް ޕީއެންސީއަށް ބޭނުންވާ ފައިސާ ހޯދުމަށް، ނާޒިމްއަށް 1 ބިލިއަން ރުފިޔާ، މަހުޖަނު ގާސިމަށް 277 މިލިއަން ރުފިޔާ، މި އީ މުއިއްޒު ލަދެއް ހަޔާތެއް ނެތި ރޯމާ ދުވާލު ދައުލަތުގެ މާލިއްޔަތު ލޫޓުވާލުން

ދިޔަވަރު
ކައުންސިލް އިންތިޚާބަށް ޕީއެންސީއަށް ބޭނުންވާ ފައިސާ ހޯދުމަށް، ނާޒިމްއަށް 1 ބިލިއަން ރުފިޔާ، މަހުޖަނު ގާސިމަށް 277 މިލިއަން ރުފިޔާ، މި އީ މުއިއްޒު ލަދެއް ހަޔާތެއް ނެތި ރޯމާ ދުވާލު ދައުލަތުގެ މާލިއްޔަތު ލޫޓުވާލުން

ކުރިޔަށް އޮތް ކައުންސިލް އިންތިޚާބަށް ވެރިކަން ޕީއެންސީއަށް ބޭނުންވާ ފައިސާ ހޯދުމަށް، މުއިއްޒު ގެންދަވަނީ ބަދަލުގެ ގޮތުންނާއި އަދި ބައެއް ޕްރޮޖެކްޓްތައް މަތިކޮށް ސިޔާސީ ފަރާތްތަކަށް ދައުލަތުގެ މާލިއްޔަތުން ބޮޑެތި އަދަދުތަކުން ފައިސާ ދެމުންނެވެ.

މިއީ ފާއިތުވި މަޖިލިސް އިންތިޚާބަށްވެސް ބޭނުންވާ ފައިސާ ދައުލަތުގެ މާލިއްޔަތުން "ދަމައިގަތުމަށް" ރަސްމާލެ ހިއްކުމުގެ ނަމުގައާއި އަދި އެކޫން ޑީލްތައް މެދުވެރިކޮށްވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޯދުމަށް މުއިއްޒު ހިންގެވި ޖަރީމާއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ފައިނޭންސް ރެއިޒް ކުރުމަށް ފާއިތުވި ހަފްތާގައި މުއިއްޒު ވަނީ އާންމުކޮށް އިއުލާން ނުކޮށް، 55 ރަށެއްގެ ކައުންސިލް އިމާރާތްތައް އެޅުމަށް ޕްރޮޖެކްޓެއް އެކުލަވާލުމަށްފަހު 1.1 ބިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކާނަލް ނާޒިމްގެ އާރުސީސީ ކުންފުންޏާއި ހަވާލުކޮށްފައެވެ.

ކައުންސިލް އިންތިޚާބާ ދިމާކޮށް، ނާޒިމްއަށް ދިން ކައުންސިލް ޕްރޮޖެކްޓްގެ އަސްލު އަގަކީ އަގަކީ 600 މިލިއަން ރުފިޔާކަމަށް ކުރިން މައުލޫމާތި ލިބިފައި އޮތް ނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި މިމަޝްރޫޢުގެ އަސްލު އަގު 1.1 ބިލިއަން ރުފިޔާއަށް އަރައެވެ. އެނގިފައިވާ ގޮތުގައި މިހާ ބޮޑު އަގެއްގައި 55 ކައުންސިލެއް އަޅަންކަމަށް ބުނެ ނާޒިމްއަށް މިމަޝްރޫޢަށް މާރކެޓް ރޭޓަަށް ބަލާނަމަ އަރަނީ އެންމެ 200 ވަރަކަށް މިލިއަން ރުރިޔާކަމަށް އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކައުންސިލް އިންތިޚާބާ ދިމާކޮށް މުއިއްޒު ބޭނުންވާ އަދަދަށް ފައިސާ ރެއިޒް ކުރުމަށް ނާޒިމްއަށް މަޝްރޫއު އިއުލާން ކުރުމަކާ ނުލާ ހަވާލުކޮށްފައިވާއިރު، މަޝްރޫޢު ސައްޙަ ކުރުމަށް ގާނޫނީ ލަފާ ދީފައިވަނީ ނާޒިމްއަށް ބޮޑު ބޭބެކިޔާ އުޝާމްއެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތަށް ނުހަނު ބޮޑުވެގެންދާނެ މިމަޝްރޫޢު ނާޒިމްއަށް އެވާޑް ކުރުމުގައި މަސްލަހަތުގެ ފުށުއެރުން އިންތިހާއަށް އޮތްކަންވެސް ވަނީ ހާމަވެގެން ގޮސްފައެވެ.

ނާޒިމްގެ އާރުސީސީއަށް 1.1 ބިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް ކައުންސިލް އިންތިޚާބާ ދިމާކޮށް ދީފައިވާއިރު، ނާޒިމް މިމަޝްރޫޢު ކުރިޔަށް ގެންދިއުމަށް ބީއެލްއިންވަނީ ލޯންވެސް ހަމަޖައްސާ ދީފައެވެ.

މިހާރު ހާމަވެފައިވާ ގޮތުގައި ރަށު ކައުންސިލް އޮފީސް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން އާންމުކޮށް އިއުލާނު ނުކޮށް، ސަރުކާރާ ގާތް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރަން ފާސްކުރީ އިކޮނޮމިކް ކައުންސިލުންނެވެ. އިކޮނޮމިކް ކައުންސިލުން ނާޒިމްއަށް މި ޕްރޮޖެކްޓް އެވާޑްކުރަން ފާސްކޮށްފައިވަނީ ސީދާ މުއިއްޒުގެ އެންގުމަށް ކަމަށްވެސް “ދިޔަވަރު އޮންލައިން”އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރުމަށްފަހު އެ އެއްބަސްވުން ބާތިލުކޮށް، އާރުސީސީ އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ އިއްޔެއެވެ.

އާރުސީސީ އަކީ ނާޒިމްގެ ބައްޕަ އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބައްޕަގެ ކުންފުންޏެވެ. އިއްޔެ އާރުސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވެސް އުޝާމްގެ ބައްޕައެވެ.

މި މަޝްރޫއުގެ ފުރަތަމަ އެއްބަސްވުން ބާތިލުކުރުމަށްފަހު، އިއުލާނު ނުކޮށް އާރުސީސީއާއި ހަވާލުކުރީ ކީއްވެތޯ ސުވާލުކުރުމުން، އެކަން އެގޮތަށް ކުރީ އިކޮނޮމިކް ކައުންސިލުން ކަން ޔަގީން ކޮށްދެއްވީ ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފުއެވެ.

މި މަޝްރޫއު އާރުސީސީއަށް ދިނީ ކުރިން ހެދި އެއްބަސްވުމަށްވުރެ އަގު ބޮޑުކޮށެވެ.

މި މަޝްރޫއު ނިންމަން ސަރުކާރުން ހެކްސްޓާއާއެކު ސޮއި ކުރި އެއްބަސްވުމުގެ އަގަކީ 36 މިލިއަން ޑޮލަރެވެ. ރަސްމީ ރޭޓުން ހިސާބުކުރާއިރު އެއީ 555 މިލިއަން ރުފިޔާ އެވެ. އެ އެއްބަސްވުމުގެ ދަށުން ފައިސާ އަނބުރާ ދައްކަން ލިބެނީ ހަ މަސް ދުވަހެވެ.

މަޝްރޫއުގެ ދަށުން ތިން ގިންތިއެއްގެ ކައުންސިލް އިމާރާތް ހިމެނެ އެވެ. އެއްބަސްވުމުގެ ދަށުން ހުރިހާ އިމާރާތެއް ވެސް ސަރުކާރާ ހަވާލުކުރަން ޖެހެނީ ތަނުގެ ފިނިޝިން އާއި ފަރުނީޗަރު އަދި އެހެނިހެން ވަސީލަތްތައް ވެސް ފުރިހަމަކުރުމަށް ފަހުއެވެ.

ހަމަ އެއާއެކު މިހާރު ހާމަވެފައިވާ ގޮތުގައި މުއިއްޒުވަނީ މަހުޖަނު ގާސިމްއަށްވެސް، ވިލާއިން އެއްވެސް ތަރައްގީއެއް ގެނެސްފައި ނުވާ ކާޑެއްދޫ އެއަރޕޯޓަށްވެސް ބޮޑު ބަދަލެއް ދިނުމަށް ނިންމާފައެވެ.

ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ދެއްކެވި ވާހަކަފުޅުތަކެއް ދޮގުކުރައްވައި މިރޭ ގާސިމް ވަނީ އެ އެއާޕޯޓު ދައުލަތަށް ދިނުމުގެ މުއާމަލާތާ ގުޅޭގޮތުން ރައީސް އޮފީހާއި، ގާސިމްގެ ކުންފުނިން ކޮށްފައިވާ މުއާމަލާތް ފެންނަ ސިޓީއެއް އާންމުކުރައްވާފައެވެ.

އެ ސިޓީން ހާމަވީ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ.

އެ ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށާއި އެއާޕޯޓު ތަރައްގީކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ސިޓީގައިވެއެވެ.

އެއަށްފަހު އެ ސިޓީގައިވާ ގޮތުން، ދައުލަތަށް ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ވިލާ އެއާ ކުންފުންޏަށް ހުށަހެޅީ ދެ ގޮތެކެވެ.

ފުރަތަމަ ގޮތަކީ ސަރުކާރަށް އެއާޕޯޓު ހަވާލުކުރުމަށް ޓަކައި، އެ އެއާޕޯޓަށް ވިލާ އެއާ ކުންފުނިން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސް ދުވަހަށް ބަހައިގެން އެ ކުންފުންޏަށް ދެއްކުމެވެ. ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހައިގެން އެޖަސްޓްމަންޓު ހެދުމެވެ.

ރައީސް އޮފީހުގެ އެ ސިޓީގައިވާ ގޮތުން އެ ކަމަށް އެ ކުންފުނިން އެއްބަސްވާނަމަ ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލްކޮށް ކުންފުނިން އެއްބަސްވި ގޮތަށް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ގެންދަން އިކޮނިމް ކައުންސިލުން އޮތީ ހުއްދަ ވެސް ދީފައެވެ.

ނަމަވެސް މި ކަން ހާމަވުމާއެކު ވަރަށް ގިނަ ބަޔަކު އަންނަނީ އެ ފަދަ ބަދަލެއް ދޭތީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އެގޮތުން އެމްޑީޕީގެ ގާނޫނީ ވަކީލެއް ކަމަށްވާ އަހްމަދު މައުރޫފް އެކްސްގައި ލިޔުއްވި ގޮތުގައި އެ ފަދަ ބަދަލެއް ވިލާއަށް ލިބުން ހައްގެއް ވެސް ނޫނެވެ. އެއީ ވިލާއިން އެ އެއާޕޯޓަށް ފާހަގަވާ ބޮޑު އިންވެސްޓުމަންޓެއް ކޮށްފައި އޮތްތަން ފެންނަން ނެތީމައި ކަމަށް ވިދާޅުވިއެވެ.

އަދި އެއާޕޯޓު ލީސް އެގްރިމަންޓު ދަށުން ކުރަން ޝަރުތުކުރި ކަންކަން ނުކޮށް ވާތީއެވެ.

އެގޮތުން މައުރޫފް ވިދާޅުވީ، 2022ވަނަ އަހަރުގެ މާޗް އެކެއްގައި އެ އެއާޕޯޓު ވިލާއަށް 50 އަހަރަށް ދޭން ވި އެއްބަސްވުމުގައި ހަތް އަހަރުން އެ ތަން ތަރައްގީކުރަން ޖެހޭ ކަމަށް އޮތް ކަމަށެވެ.

އެގޮތުން ފުރަތަމަ އަހަރު ޑޮމެސްޓިކް ޚިދުމަތަށް ބޭނުންވާ ވަސީލަތްތަކާއި އޮޕަރޭޝަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބަލައިގަންނަ ފެންވަރަށް ތަރައްގީކުރަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަތްވަނަ އަހަރާ ހަމައަށްދާއިރު، ފުރިހަމަ ވަސީލަތާއެކު، ފުރިހަމަ ޚިދުމަތް ލިބޭ ބައިނަލްއަގްވާމީ އެއާޕޯޓަކަށް ތަރައްގީކުރަން ޖެހޭކަމަށް އޮތްކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ފުރަތަމަ އަހަރު ކުރަންޖެހޭ ކަންކަން ވެސް އޮތީ ނުކޮށް ކަމަށާއި، އެ ފަހުން ހަތަރު އަހަރުވީއިރު އިތުރު ތަރައްގީއެއް އެއާޕޯޓަށް ނުލިބޭކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ އެފަދަ ބަދަލެއް ދިނުމަކީ ގާނޫނީ ހަމައެއް އޮތް ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ކާޑެއްދޫ އެއާޕޯޓުގެ ލަގެޖު ކްލެއިމް އޭރިއާ އޮތް ހާލަތު ފެންނަ އެހާރާއި މިހާރުގެ ފޮޓޯއެއް —

މީގެ އިތުރުން ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބަޔަކަށް ތަނެއް ތަރައްގީކުރަން ހަވާލުކޮށް އެކަމެއް ކުރަން ނުކުޅެދުނީމާ، އެ ބަޔަކު ޒިންމާދާރުނުކޮށް، ދައުލަތުން ބޮޑު ބަދަލެއް ދޭތީ ފާޑު ކިޔައިފައެވެ.

އެއީ ދައުލަތް ދަރައި، މުއްސަނދިކަން މަދުބައެއްގެ ތެރޭ އޮތް ސަބަބު ކަމަށް ވެސް ބުނެފައިވެއެވެ.

ކާޑެއްދޫ އެއާޕޯޓުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ، އިގުތިސާދީ ކޮމިޓީއަށް މި މަހުގެ ފެބްރުއަރީ ތެރޭ މައްސަލައެއް ހުށަހަޅުއްވައިފައެވެ. އެ އެއާޕޯޓުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށާއި ވިލާ އެއާއިން އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވެ، ވީރާނާވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު ވެސް ބައެއް ރައްޔިތުން އަންނަނީ ދޭންޖެހޭ ކޮންމެ ބަދަލެއް ދީގެން ވިޔަސް، އެ އެއާޕޯޓު ގާސިމްގެ ކުންފުނި އަތުން ނަގައި، ސަރުކާރުން ހިންގަން ހަވާލުވާން މާ ލަސް ވެސް ވެއްޖެ ކަމަށް ބުނަމުންނެވެ.

ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ވިލާ އެއާއާ ހަވާލުކުރީ ނޮވެމްބަރު ހައެއް، 2013ގައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަނަވަރީ 18، 2017ގައި އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު އަލުން އެ އެއާޕޯޓް ވިލާއަށް 50 އަހަރަށް ދޭން އެއްބަސްވުން ހެދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2022ގައެވެ.

ރައްޔިތުން ބިކަ ހާލުގައި ޖެހިފައި ތިއްބާ، ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވުމާއެކު މުއިއްޒު މިވަނީ، ކަހާތަން ހިރުވާވެސް ނުލާ، ކައުންސިލް އިންތިޚާބަށް ޕީއެންސީއަށް ފައިނޭންސް ރެއިޒް ކުރުމަށް ދައުލަތުގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ މަހުޖަނުންނާއި ގާތް ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ފަށާފައެވެ. މިއީ ރައްޔިތުން ބިކަ ކޮށްލުމަށްފަހު މުއިއްޒު ގައުމަށް ވާ ވަރަށްވެސް ބޮޑު ޚިޔާނާތެކެވެ. އަދި ދައުލަތުގެ މާލިއްޔަތު އަމިއްލަ ބޭނުމަށް ލޫޓުވާލުމަށް ހިންގާ ވަރަށް ބޮޑު ޖަރީމާއެއްވެސް މެއެވެ.