ހުރިހާ ސަރުކާރަކަށް ސިޔާސީ ބިރު ދައްކައިގެން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ނަގައި މުއްސަނދި ވަމުންދާ ގާސިމް އިބްރާހީމަށް 276 މިލިއަން ރުފިޔާ ކާޑެއްދޫ އެއަރޕޯޓު ދައުލަތަށް ނެގުމުގެ ބަދަލުގައި ދެނީ ކޮރަޕްޝަންގެ ތެރެއިންނެވެ. މިފަދަ ބޮޑު ބަދަލެއް ގާސިމަށް ނަގާ ދިނުމަށް އެއްވެސް ވަރެއްގެ ޤާނޫނީ ހުއްޖަތެއް ނެތެވެ.
ގާސިމް އާއި ކާނޑެއްދޫ އެއަރޕޯޓް ހަވާލު ކުރެވުނީ އެތަން ތަރައްޤީ ކޮށް އެއަރޕޯޓަކަށް ހެދުމަށެވެ. ނަމަވެސް އެތަން ހުރީ ހުރި ގޮތަށެވެ. މިއަދާއި ހަމައަށް އެންމެ އެޅި ގަލެއްހާ ހިސާބުވެސް ގާސިމް ބާއްވާފައި ނުވެއެވެ. ނަމަވެސް އާރނެސްޓް އެންޑް ޔަންގަށް ފައިސާ ދީގެން އެއް ބިލިއަން ރުފިޔާގެ ވެލުއޭޝަނެއް ހަދައި، ކާޑެއްދޫ އެއަރޕޯޓަށް ގާސިމް އެއް ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ކޮށްފައި އޮތްކަމަށް ދައްކައި، ލިޔެކިޔުމުން މަކަރާއި ހީލަތް ހަދައިގެން މުއިއްޒު އާއި ގުޅިގެން ދައުލަތުން 1 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ކުރަން ދެ ފަރާތުން ނިންމައިގެން ތިއްބާ، ސަރުކާރު ތެރެއިން މިކަމާއި ބަޔަކު ދެކޮޅު ވުމާއި ގުޅިގެން 1 ބިލިއަން ރުފިޔާ 276 މިލިއަން ރުފިޔާއަށް މުއިއްޒު ވަނީ ބަަދަލު ކޮށް، މި ކޮރަޕްޓް ޑީލް ނިންމާފައެވެ.
ގާސިމަށް ބަދަލު ދޭން ފޮނުވި ސިޓީގައި ސޮއެ ކޮށްފައިވަނީ، މި ފަހުގެ ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު އެއް ވަގު ކަމުގައިވާ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު އޮން ކޯޕަރޭޓު ޑިވެލޮޕްމެންޓު މުހައްމަދު ޝާހިދު އެވެ. މިއީ މުއިއްޒަށް ވައްކަން ކޮށް ދިނުމުގައި ސިޓީ ކައުންސިލުން ފެށިގެން އުޅޭ ރަތްލާޖެހި ބޮޑު ވަގެކެވެ.
މި ފައިސާ ދޭން ނިންމާފައިވަނީ އެކޮނޮމިކް ކައުންސިލުން ކަމަށް ނަމެއްގައި އޮތަސް މިކަން މި ގޮތަށް ނިންމާފައިވަނީ ސީދާ ރައީސް މުއިއްޒުއެވެ. މިފަދަ ކޮންމެ ވައްކަމަކުން ދިމްޔާތަށް އެތައް މިލިއަނެއް ވައްދައެވެ.
މަޝްހޫރު ޤާނޫނީ ވަކީލް އަހްމަދު މައުރޫފް މި ނޫޙަށް މައުލޫމަތު ދެއްވަމުން ވިދާޅުވެފައި ވަނީ؛ ސަރުކާރުން ވިލާ އެއަރއަށް ކަޑޭދޫ އެއަރޕޯޓާ ގުޅިގެން "ބަދަލު" ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ގޮތުން ތިރީގައި މިވަނީ އޭނާ ފާހަގަ ކޮށްފައިވާ ކަންކަމެވެ.
ވިލާ އެއަރއިން އެއްވެސް ފާހަގަކުރެވޭ އިންވެސްޓްމަންޓެއް ކޮށްފައެއް ނުވޭ.
އެގްރީމަންޓްގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި އެ ކުންފުނިން ފެއިލްވެފައިވޭ.
މި ވަގުތު، ސަރުކާރުން ކުރަންޖެހޭނީ އެގްރީމަންޓް ބާޠިލްކުރުން.މިކަން މިހެން ދަންނަވަން ޖެހުނު ސަބަބު ދަންނަވާލާނަން:
2013 - ކަޑޭދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް އެގްރީމަންޓް ސޮއިކުރެވުނު.
2017 - ސަރުކާރުން އެގްރީމަންޓް ބާޠިލްކުރި.
2018 - ސިވިލް ކޯޓުން ނިންމީ ބާޠިލްކުރުން ޤާނޫނާ ޚިލާފުކަމަށް.
2019 - ހައިކޯޓުން އެ ނިންމުން ދެމެހެއްޓި.
2021 - ސުޕްރީމް ކޯޓުން އެކަން އިތުރަށް ކަށަވަރުކޮށްދިން.
2022 - ސަރުކާރުން އެގްރީމަންޓް އަލުން ޢަމަލުކުރަން ފެށި.2022 މާރިޗު 1 ގައި އަލުން ސޮއިކުރެވުނު 50 އަހަރުގެ ލީސް އެގްރީމަންޓްގެ ދަށުން ވިލާ އެއަރއިން 7 އަހަރުގެ ތެރޭގައި ކަޑޭދޫ އެއަރޕޯޓް ތަރައްޤީކުރަން ޖެހޭ:
1 ވަނަ އަހަރު - ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ހިންގުން ސީ.އޭ.އޭ ސެޓިފައިޑް މިންގަނޑުތަކަށް އަޕްގްރޭޑްކުރަންޖެހޭ.
7 ވަނަ އަހަރާ ހަމައަށް - ބައިނަލްއަޤްވާމީ އޮޕަރޭޝަންތަކަށް ސީ.އޭ.އޭ ސެޓިފައިޑް މިންގަނޑުތަކާ އެއްގޮތަށް ފުރިހަމަ ބައިނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީކުރަންޖެހޭ.ވިލާ އެއަރއިން 1 ވަނަ އަހަރުގެ ޒިންމާތައް ފުރިހަމަކުރުމުގައި ފެއިލްވެފައިވޭ، އަދި މިހާރު 4 ވަނަ އަހަރުގައި ވެސް ތަރައްޤީގެ މަސައްކަތްތަކުގައި އެއްވެސް ކުރިއެރުމެއް ނެތް.
އެހެންކަމުން، ސަރުކާރަށް ޤާނޫނީ ނަތީޖާއަކާ ނުލައި އެގްރީމަންޓް އެއްފަރާތުން ބާޠިލްކުރުމުގެ ބާރު ލިބިގެންވޭ. ވިލާ އެއަރއިން އެއްބަސްވޭތޯ ނުވަތަ ނޫންތޯ ސުވާލުކުރާކަށް ވެސް ނުޖެހޭ.
އެހެންކަމުން، އެއްވެސް މަޤުބޫލު، ޖާއިޒު އަދި ޤާނޫނީ ސަބަބެއް ނެތި ބަދަލު ދިނުމުގެ ހާލަތެއް އުފެދިފައެއް ނުވޭ.
ސަރުކާރަށް އެއަރޕޯޓް ބޭނުންވާނަމަ، ހަމައެކަނި އެގްރީމަންޓް ބާޠިލްކުރުން އެކަނި ފުދޭނެ.
ގާނޫނާއި ހިލާފަށް 276 މިލިއަން ރުފިޔާ މުއިއްޒު ޤާސިމަށް ދޭއިރު، މިރާއްޖޭގައި، ހަލާލު މަސައްކަތް ކޮށް ފައިސާ ނުލިބި ބިކަވެފައިވާ ކުންފުނިތައް ނުހަނު ބައިވަރު އެބަ ހުއްޓެވެ. މުއިއްޒު ގެންދަނީ އެ ކުންފުނިތައް ގަސްތުގައި އިނދަޖައްސައި ބަނގުރޫޓު ކުރަމުންނެވެ. އެމީހުންގެ މަސައްތަކަށް 1 ލައްކަ ރުފިޔާ ނުދެވޭ ސަރުކާރަށް މަހުޖަނު ގާސިމަށް 276 މިލިއަން ނަގާދެވޭ ގޮތާއި މެދު ހަމަ އަޖައިބުވެއެވެ.
ޤާސިމަކީ ދިވެހި ޒުވާން ވިޔަފާރިވެރިންނަށް މި ޤައުމުގައި އޮތް އެންމެ ބޮޑު ހުރަހެވެ. އަބަދުވެސް ބީއެމްއެލްގެ ބޯޑުގައި އޭނާގެ އެކަކު ނުވަތަ ދެމީހަކު ބަހައްޓައިގެން ކުދި ވިޔަފާރިތަކަށް ބޭނުންވާ އެހީތަކާއި ލޯނުތައް ދިނުމުގައި އިންތިހާއަށް ދަތި އުނދަގޫ ގޮތް ކުރިމަތި ކުރާ އެއް މަހުޖަނުންގެ ތެރޭގައި ގާސިމް ހިމެނެއެވެ.