ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް ޔާމީން ޖަލައް ލާނެ ކަމަށް ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ތަކުރާރުކޮށް ބުނެފައި ވަނިކޮށް، އަލަށް އިންތިހާބު ކުރި އުއްތަމަ ފަނޑިޔާރު ގޮވައިގެން މުއިއްޒު އުތީމަށް ޒިޔާރަތް ކޮށްފިއެވެ.
ސަރުކާރުން ބާއްވާ ހަފުލާތަކަށް އުއްތަމަ ފަނޑިޔާރު ގެންދިޔުމަކީ ޤައުމުތަކުގައި ކޮށް އުޅޭ ކަމެއް ނޫނެވެ. މިފަދަ ކަންކަން މުއިއްޒު ކުރައްވާ ބޭނުމަކީ، އުއްތަމަ ފަނޑިޔާރާއި އެކު ގާތް ގުޅުމެއް އުފެއްދުމަށާއި، އާންމުންނަށް ތިމަންނާއަތުގައި ކޯޓުތައް އޮތްކަން ދެއްކުމެވެ.
ސަރުކާރަކީ ދައުލަތުގެ އެއް ބާރެވެ. ސަރުކާރަކީ ދައުލަތުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ހިންގާ ފަރާތެވެ. ކޯޓުތަކަކީ ޝަރުޢީ ދާއިރާ އެވެ. ދެން އޮތީ ޤާނޫނު ހެދުމުގެ ބާރެވެ. އެއީ ރައްޔިތުން މަޖިލީހެވެ. މި ދެ ބާރުގެ ވެރިން އެއް ސަފަށް ލައި، ތިމާގެ ދެފަރާތުގައި ބަހައްޓައިގެން ޤައުމީ ދުވަހުގައި ދައްކަމުން ދާ މަންޒަރަކީ ރައްޔިތުންގެ ޤައުމެއް ނެތްކަމެވެ. ޤައުމުގައި އޮތީ ތިމަންނާގެ އަޅުވެތިކަމެވެ.
ސްޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ބާރުގެ ބޭނުންކޮށްގެން، ޤާނޫނާއި ޚިލާފަށް ބޭރު ކޮށްފައިވަނިކޮށް، އަދި ކުރީގެ އުއްތަމަ ފަނޑިޔާރަށް ނާޖާއިޒް މަންފާތަކެއް ދީގެން ކޯޓު ފުނޑާލަން ބޭނުން ކުރިކަން ރައްޔިތުންނަށް އެނގޭއިރު، ދެ ބާރުގެ ވެރިން އުތީމަށް ގެންގޮސް، ޚުދުމުހުތާރުކަމާއި، ތިމަންނާއަށް ފުއްޕޭނެކަން ދައްކައި ދެފަރާތަށް ދެ މީހުން ލައިގެން ފޮޓޯ ނަގާ ދައްކާއިރު މީހާގެ ކިބައިން ފެންނަނީ ބޮޑާވެރިކަމާއި، އިންތިހާއަށް ކިބުރުވެރި ކަމެވެ. ބޮޑީ ބިލްޑް ކުރާ މީހަކު ދެއަތް ދެފަރަތާށް ނަގާ، މޭ ފުއްޕައި، މުއްކަވާ ބާރުގަނޑު އަރުވައިގެން ހުންނަހެން، މިއަދު ރައްޔިތުންނާއި ދިމާލަށް ތިފާޑަށް ހުރެގެން ސިހޭނެ އެއްމެ ރައްޔިތެއްވެސް ނެތެވެ.
އުތީމު ތިން ބަންޑާރައިން ނިސްބަތްވާ އުތީމު ރައްޔިތުންނަށް ދައްކާ މަންޒަރަކީ މިނިވަންކަން ދިފާޢު ކޮށް، ތިމަންނާ ކުރިމަތީ ތެދުވެލަން ލާހިކެއް ނޫންކަމެވެ. ރައްޔިތުންގެ ކޮންމެ ރިވޮލިޔުޝަނެއް ކުރިމަތީ ކޯޓާއި، މަޖިލީސް ބޭނުންކޮށްގެން ރައްޔިތުން އަނގަވަތަށް ވައްޓާލައި ތަޅާ ރޯނާ އަރުވާލާނެކަމެވެ.