ޚަބަރު

މިނިވަކަން އޮންނާނީ ތިމަންނާ ބޭނުންވާ ހުދޫދެއްގައި ކަމަށް ދޭހަ ވާހެން މުއިއްޒު އުތީމުގައި ވާހަކަ ދައްކައިފި!

ދިޔަވަރު
މިނިވަކަން އޮންނާނީ ތިމަންނާ ބޭނުންވާ ހުދޫދެއްގައި ކަމަށް ދޭހަ ވާހެން މުއިއްޒު އުތީމުގައި ވާހަކަ ދައްކައިފި!

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަނީ މުއިއްޒު ބޭނުންވާ ހުދޫދެއްގެ ތެރޭގައި ކަމަށާއި ކޮންމެ ހައްގެއް ވެސް އޮންނަނީ ވަކި އިމެއްގެ ތެރޭގައި ކަމަށް ބުނެ، މުއިއްޒު މިއަދު ވާހަކަ ދައްކާފިއެވެ. މިހެން ވާހަކަ ދައްކާފައިވަނީ މުއިއްޒު ހިންގާފަދަ އަނިޔާވެރި, އަޅުވެރި ވެރިކަމެއް ރާއްޖޭގައި ހިނގަމުން ދަނިކޮށް، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރި ދުވަހުގެ މުނާސަބަތު ފާހަގަ ކުރަމުންނެވެ.

ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ޚުދޫދަކީ މުއިއްޒު ކަނޑައަޅާ އެއްޗެއް ނޫނެވެ. އެއީ ސަރުކާރުން ބިލެއް ލައިގެން ރައްޔިތުންގެ ކަރުގައި ހިފުމެއް ނޫނެވެ. އެ މިނިވަންކަމާއި އެމިނިވަންކަމުގެ ޚުދޫދު މިއަދުވެސް ރާއްޖޭގައި ފުރިހަމައަށް އެބަ އޮތެވެ. އެއްވެސް ނޫހަކުން ރާއްޖޭގައި ޓެރަރިޒަމް ހިންގަން ގޮވާލާފައި ނުވެއެވެ. އެއްވެސް ނޫހަކުން ރާއްޖޭގައި ހުޅުޖެހުމަށް ގޮވާލާފައި ނުވެއެވެ. އެއްވެސް ނޫހަކުން އެއްވެސް މީހަކަށް އަނިޔާކޮށް، އެހެން މީހެއްގެ މުދަލަށް ގެއްލުން ދިނުމަށް ގޮވާލާފައި ނުވެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުން ޚުދޫދު ގެއްލޭ ހިސާބަކީ އެއިން ކަމަކަށް އަރައިގަންނަ ހިސާބެވެ.

އެޗްޑީސީގެ ކޮރަޕްޝަނާއި، މުއިއްޒު ޤާސިމުއާއި އެކު ހިންގާ ކޮރަޕްޝަނާއި ގުޅޭ ވާހަކަތައް މީޑިޔާތަކުން ގެނެސް ރައްޔިތުންގެ ހައްޤުތަކަށް ވަގުންގެ ޖަމާއަތަކުން އަރައިގަންނަމުންދާ ކަމަށާއި، ރައީސް އަކަށް ހުނަން މީހާ ރައްޔިތުންނަށް ބޮޑެތި ދޮގު ހަދައި ފޭރެމުންދާތީ އޭނާ އަކީ ލުޓޭރޭ ކައްޒާބެއް ކަމަށް ބުނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޚުދޫދުން ބޭރުވުމެއް ނޫނެވެ. އެއީ ކޮންމެ ރައްޔިތަކަށްވެސް ބުނެވެން ޖެހޭ ހަޤީގަތެވެ. އެ ޙަޤީގަތް ހާމަ ކުރުމަކީ އިންސާނީ ޙައްޤެކެވެ. ދީނީ ޙައްޤެކެވެ. އެކަމާއި ދެކޮޅަށް ތެދުވަނީ ޤައުމާއި ރައްޔިތުންގެ ދުޝްމަނު ވެރިންނެވެ. އަނިޔާވެރި ޖައްބާރު ނުލަފާ ހީލަތް ތެރިންނެވެ.

ގައުމީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ވެސް ވިސްނައިގެން ކަމަށެވެ. މި ގޮތަށް މުއިއްޒު ވާހަކަ ދައްކާފައި މިވަނީ މުއިއްޒު ކުރަމުންދާ ވައްކަމާއި، ކޮރަޕްޝަން ހާމަ ކުރާ މައްސަލާގައި ނޫސްވެރިކަން ނައްތާލަން އޭނާ ބިލެއް އުފައްދައިގެން ބިލެއް ހުށައެޅުމަށްފަހުއެވެ. މީގެ އިތުރުން މުއިއްޒު ދަނީ އަބުރުގެ ބިލެއް ޑްރާފްޓް ކުރަމުންނެވެ. މީގައި ނޫސްވެރިންނާއި، ސޯޝަލް މީޑިޔާގައި ޕޯސްޓް ކުރާ ފަރާތްތައް ޖަލަން ލުން ހިމެނެއެވެ.