މިދިޔަ ހަފްތާގައި ޗުއްޓީއަށް ދިޔަ ރައްޔިތުންގެ މަޖިލީހުން މި ހަފްތާގައި ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވަން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި މި ޖަލްސާ ބާއްވަނީ މިހާރު ކޮމިޓީ ސްޓޭޖްގައި އޮތް މީޑިއާ ބިލް މަޖިލީހުން ފާސްކުރުމަށެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް 'މުހިންމު މަސައްކަތަކެއް ކުރުމަށް' މިދިޔަ ބުރާސްފަތި ދުވަހާ ހަމަށް ދިގު ދަންމާލުމަށް ފަހު، ކުއްލިއަށް ފެނުނީ ހޯމަ ދުވަހު ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ދައުރު ނިންމައި، މަޖިލިސް ޗުއްޓީއަށް ދިޔަކަން އިއުލާން ކުރިތަނެވެ. ގަވައިދުގައިވާ ގޮތުން ދެ ވަނަ ދައުރު ނިމެނީ އޮގަސްޓު 15އަށެވެ. ނަމަވެސް އޭރު ފާސްކޮށްގެން އިތުރު ހަފްތާއަކަށް ދައުރު ދިގު ދަންމާލި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީ އަދި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން 'ދިޔަވަރު އޮންލައިން'އަށް ކަށަވަރުކޮށްދިން ގޮތުގައި ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ދަނީ މަޝްވަރާ ކުރެވެމުންނެވެ. ނަމަވެސް އަދި ރަސްމީކޮށް މެންބަރުންނަށް އެކަން ނާންގަ އެވެ.
"މިހާރު ކިޔާ އުޅެނީ، [މި މަހު] 27 އަދި 28 [ބުދަ، ބުރާސްފަތި]ގައި ޖަލްސާ ބާއްވަން،" އެމްޑީޕީ މެންބަރަކު ވިދާޅުވި އެވެ.
އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަނާން އަބޫބަކުރު ވަނީ 'މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު'ގެ ނަމުގައި ބިލެއް ހުށަހަޅުއްވާފަ އެވެ. މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހުށަހަޅާފައި އޮތް މި ބިލުގެ ބަހުސް ހަމަ އެދުހުގެ ޖަލްސާގައި އޮތީ ފަށާފަ އެވެ.
މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމްއާއި މަޖިލިސް އިދާރާގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް އަދި ބަހެއް ނުލިބެ އެވެ.
މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހަންނާން ހުށަހެޅުއްވި ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ނޫސްވެރިންކަމގެ މިނިވަންކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު ބޭރުކުރުމަށް ގޮވާލައި، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑީއާ ކައުންސިލް އަދި ބޭރުގެ ޖަމިއްޔާތަކުންވެސް ބަޔާން ނެރެފައިވެ އެވެ.
މުއިއްޒު ގެންދަވަނީ މީޑިއާތަކަށް ބިރުދައްކާ، ރާއްޖޭގެ މިނިވަން މީޑިއާ މުށުތެރެއަށް ލުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.