ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް 10.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޤާނޫނާ ޚިލާފުވެއްޖެއެވެ. ފިނޭންސް މިނިސްޓްރީން މި މަހުގެ 7 ވަނަ ދުވަހު ނެރުނު ސަރުކާރުގެ އާމްދަނީއާއި ޚަރަދުގެ އެންމެ ފަހުގެ ރިޕޯޓުން މިކަން ހާމަވެފައިވެއެވެ.
މި ސަރުކާރު ފެށުނީ ބަޖެޓް ފާސް ނުކޮށް ލޯ ލާރިވެސް ޚަރަދު ނުކުރާނެ ކަމަށް ބުނެއެވެ.
ރިޕޯޓުގައިވާ ގޮތުން، ޑިފެންސް މިނިސްޓްރީއަށް ބަޖެޓުގައި ކަނޑައަޅާފައިވަނީ 21.8 މިލިއަން ރުފިޔާ ކަމަށްވާއިރު، މިހާތަނަށް އެ މިނިސްޓްރީން ވަނީ 32 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ މަޖިލީހުން ފާސްކޮށްދީފައިވާ އަދަދަށްވުރެ 46% އިތުރު އަދަދެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި އިތުރު ޚަރަދުތައް ކުރަން ޖެހުނު ސަބަބު ހާމަކޮށްފައިނުވި ނަމަވެސް، މިފަހުން އަސްކަރިއްޔާއަށް އާ އަސްކަރީ އުޅަނދުތަކާއި ހަތިޔާރު ގެނެސްފައިވުމެވެ. ބަޖެޓަށްވުރެ އިތުރަށް ފައިސާ ޚަރަދުކުރުމަށް މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި މިފަދަ ޚަރަދެއް ކުރުމަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޚިލާފު ކަމެކެވެ.
ހަތިޔާރު ގެނައުމުގެ ނަމުގައި ތުރުކީއަށް ދޭ ގިނަ ފައިސާ ދެނީ އިތުރު ކުންފުންޏެއް މެދުވެރިކޮށެވެ. މިހެން ފައިސާ ދިނުމުން އެ ފައިސާއިން ކަޓު ނަގައިގެން ޚަރަދު ކުރެވެއެވެ. ވެރިކަމަށް އައިސް ރައީސް މުއިއްޒު ގަތް ޑްރޯން ތަކުން އެމަނިކުފާނު ކަޓުގެ ގޮތުގައި އެތައް މިލިއަނެއް ނެގި ނެގުމަކީ މީގެ މިސާލެކެވެ.
ޑިފެންސް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީން ވެސް ބަޖެޓަށްވުރެ އިތުރަށް 88 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ރިޕޯޓުން ދައްކައެވެ. ފިނޭންސް މިނިސްޓްރީއަށް ކަނޑައަޅާފައިވަނީ 1.2 ބިލިއަން ރުފިޔާ ކަމަށްވީއިރު، 1.3 ބިލިއަން ރުފިޔާ އެ މިނިސްޓްރީން ޚަރަދުކޮށްފައިވެއެވެ.
މިއަހަރު ދެބައި ވެފައިވާއިރު، 7 އޮގަސްޓާ ހަމައަށް މިއަހަރަށް ފާސްކޮށްދިން ބަޖެޓްގެ ތެރެއިން 45% ވަނީ ޚަރަދުކޮށްފައެވެ. އެއީ، 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން 28.4 ބިލިއަން ރުފިޔާއެވެ.