ޤައުމީ ދުވަސް ފާހަގަ ކުރަނީ، ޕޯޗުގީޒުން ރާއްޖޭގައި 17 އަހަރު ވަންދެން ވެރިކަން ކުރަމުން ދަނިކޮށް ބޮޑު ތަކުރުފާނު ޕޯޗުގީޒުންގެ އަތްދަށުން ޤައުމު މިނިވަން ކުރި ކަމަށް ބުނެއެވެ. ނަމަވެސް ފެންނަން އޮތް ތާރީޚުން ޕޯޗުގީޒުން ރާއްޖެ ނުހިފާކަން ސާފުވެއެވެ.
ރާއްޖޭގެ ތާރީޚުގެ ވާހަކަތައް ގެނައުމުގައި މަޝްހޫރު އާލާ ދީދީ، ޓްވިޓަރ ގައި 2018 ވަނަ އަހަރު "ގައުމީ ދުވަހުގެ މުނާ ސަބަތުގައި އެދުވަހުގެ މައްޗަށް ކުޑަ ކޮށް ބަލާލުމެއް" ކަމަށް ބުނެ ލިޔެފައިވެއެވެ.
ދިވެހިރާއްޖެ އޮތީ ސީދާ ޕޯޗުގީޒް އެމްޕަޔަރ ގެ ކޮލޮނީ އެއްގެ ގޮތުގައެއް ނޫން ކަން ދަންނަން ވާނެ. ރާއްޖޭގައި އުޅުނު ޕޯޗުގީޒް މީހުންނަކީ ކާފަރުވި ހަސަން ރަސްގެފާނު ފޮނުވި މަރސެނަރީސް (ކުލީ ސިފައިން) ގެ ބައެއް ރާއްޖޭގައި ތިބި ޕޯޗުގީޒް މީހުން ވެރިކަން ކުރީ ކާފަރުވި ހަސަން ރަސްގެފާނު ގެ ރީޖެންޓްއިންގެ ގޮތުގައި ކަން ވެސް ފާހަގަ ކުރަން. އެރަސްގެފާނުން އޭރުގައި ވަނީ ކިންގް ޑޮމް މަނޯލް އަށް ނަން ބަދަލް ކުރައްވާފަ. ރާއްޖެ އިން އެތައް ޓަނެއްގެ ރޯނާއި، މާވަހަރު ޖިޒީ ގެ ގޮތުގައި އެރަސްގެފާނަން ފޮނުވާ. އެފަހުން ރާއްޖޭގައި ތިބި ޕޯޗުގީޒް މަރސެނަރީސް ގެ މީހުން ފައްސާ ލެއްވުމަށް ފަހު ވެރިކަމަށް އައި ބޮޑު ތަކުރުފާނު ވެސް ވެރިކަން ކުރެއްވިއީ ގޯއާ ގައި ތިއްބެވި ކާފަރުވި ހަސަން ރަސްގެފާނުގެ ބޭފުޅުން ގެ ރީޖެންޓް (ގަވަރުނަރެއްގެ) ގޮތުގައި. ބޮޑު ރަސްގެފާނާ ހަމައަށް މިކަން އޮތީ މިހެން.
އާލާ ދީދީ މި ވާހަކަ މި ގޮތަށް ގެނެސްފައި ވަނީ، ތާރީޚީ ގޮތުން މިކަން މިހެން ސާބިތުވާން އޮތުމުންނެވެ. މި ތާރީޚީ ޙަޤީގަތް ބަދަލު ކޮށް، ކަންކަން އޮޅުވާލައިގެން ޕޯޗުގީޒިން ރާއްޖެ ހިފިކަމަށް ވާހަކަ ބަދަލުކޮށްފައިވަނީ ވަރަށް ފަހުން، 1940 ގެ އަހަރު ތަކުގައި ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެއީ އެ ދުވަސްވަރު އޭޝިޔާގައި އުފެދިގެން އައި ޤައުމިއްޔަތުގެ ރޫހުގެ ތެރެއިންނެވެ. މިކަމުގައި ހުސައިން ސަލާހުއްދީނުގެ ދައުރު ބޮޑެވެ. ޕޯޗްގީޒުގައި އެމީހުންގެ ވެރިކަން އޮތް ހުރިހާ ޤައުމެއްގެ ނަން އޮތް އިރު، ރާއްޖޭގައި އެމީހުން ވެރިކަން ކުރިކަމަށް ލިޔެފައި ނެތީވެސް އެހެންވެއެވެ.
މިނިވަންކަން ގެއްލުމަކީ ރައްޔިތުންގެ ބާރުތައް ގެއްލި ވެރިކަމެއް ޑިކްޓޭޓަރޝިޕަކަށް ބަދަލުވުމެވެ. ރައްޔިތުން މަޖިލީސް ހިސޯރުކޮށް، އެތަނުން މުއިއްޒު ބޭނުންވާ މެމްބަރެއް ވަކި ކުރެވޭ ގޮތް ހެދުނު ހިސާބުން ރައްޔިތުންގެ އެންމެ ބޮޑު ބާރު އެއޮތީ ގެއްލިފައެވެ. ދައުލަތް 3 ބަޔަކަށް ބެހިގެން ދާއިރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ހަމަ އެކަނި ބާރަކީ ސަރުކާރު ނުވަތަ ދައުލަތުގެ އެޑްމިނިސްޓްރޭޓިވް ބާރު ކަމަށް ވެފައި، ބާކީ އޮތް ދެ ބާރުގެ މިނިވަން ކަމަކީ ރައްޔިތުންގެ މިނިވަކަމަށް ވެފައި، ސްޕްރީމް ކޯޓު ދުއްވާލި ހިސާބުން ދިވެހިން ވަނީ މުއިއްޒުގެ އަޅުވެތިކަމުގެ ދަށަށް ގޮސްފައެވެ. ދިވެހިރާއްޖެ އަކީ މިއަދު މިނިވަން ޤައުމެއް ނޫނެވެ. 17 އަހަރު ރާއްޖޭގައި އޮތް އަޅުވެތިކަން ރައީސް މުއިއްޒު މިވަނީ ރާއްޖެއަށް އަލުން އިއާދަ ކޮށްފައެވެ. ރާއްޖެ މިފަހަރުވެސް އަޅުވެތި ކޮށްފައިވަނީ ހަމަ ދިވެއްސެކެވެ. 17 އަހަރު ވަންދެން އޭރު ރާއްޖެ އަޅުވެތި ކުރީ ކާފަރުވި ހަސަން ރަސްގެފާނުހެންނެވެ. މިފަހަރު ރައީސް މުއިއްޒުއެވެ. އޭރު ހަސަން ރަސްގެފާނެވެ.
މަޖިލީހާއި، ކޯޓުތަކުގެ އިތުރަށް، ރާއްޖޭގައި ދެން އޮތް ރައްޔިތުން ތަމްސީލު ކުރާ މިނިވަން މުއައްސަސާތައްވެސް ރައީސް މުއިއްޒުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސްފައިވެއެވެ. އަދި ކައުންސިލްތަކާއި އަތޮޅު ތަކަށް ދީފައިވާ ބާރުތައް އަތުލައި އަތޮޅުތައްވެސް މި އަޅުވެތިކަމުގައި ވަނީ އުވާލާފައެވެ. އެހެންކަމުން ރައްޔިތުންގެ ހުރިހާ ބާރެއް މިއަދު މިވަނީ ގެއްލިފައެވެ. ރައްޔިތުން މިވަނީ އަޅުވެތިކޮށްފައެވެ.
ހަސަން ރަސްގެފާނު އޭރު ފޮނުވީ، ޕޯޗްގީޒަށް މަސައްކަތް ކުރަމުން ދިޔަ ބަޔަކަށް ފައިސާ ދީގެން، ކުލީ ސިފައިންގެ ގޮތުގައެވެ. އެމީހުންގެ ދައުރަކަށްވީ ރާއްޖެ ހަސަން ރަސްގެފާނުގެ އަޅުދާސްތު ކަމުގައި ބޭއްވުމެވެ. މިއަދު ރާއްޖޭގެ ސިފައިންގެ ގޭގެ އިސް ބައެއް ފަރާތްތަކަށް މުއިއްޒު ކޮންމެ މަހަކު އޭނާގެ ވެރިކަން ދިފާޢު ކުރުމަށް ފައިސާ ދޭކަމާއި ރާއްޖޭގައި މިނިވަން ދިވެހި ޤައުމީ ސިފައިންގެ ފުރިހަމަ ބާރު ނެތްކަމާއި، ރައީސް މުއިއްޒުގެ ކުލީ ސިފައިން މިލިޓަރީގައި ތިބިކަމަށް އެމްއެންޑީއެފްގެ އެކި ފަރާތްތަކުން ދަނީ އެތައް ބަޔަކު ކައިރީ ވާހަކަ ދައްކަމުންނެވެ.
ބޮޑު ތަކުރުފާނުގެ 3 ބެއިން ރާއްޖެގެނައީ އޭރު ބަޣާވާތެއް ކަމަށް ބަޔަކު ދެކުނެވެ. މިހާރު މި ވެރިކަން ބަދަލުކޮށްފިނަމަ، އެކަން ސިފަވެގެން ދާނީވެސް ބާޣާވާތެއް ގޮތުގައެވެ. މި ވާހަކަ މިހެން މި ގެނައީ ޤައުމުގެ މައްޗަށް ހަސަން ރަސްގެފާނު އޭރު ގެންގުޅުނު ސިޔާދަތީ ބާރުވެރިކަމާއި، މިހާރު މިއޮތް ސިޔާދަތީ ބާރުވެރިކަމުގައި ވެރިކަމުގެ ހައްޤުކަން އޮތީ މި ދެބައި މީހުންނަށްވެސް ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ހަމަ އެއްވަރަކަށް ކަން ހާމަ ކޮށްދިނުމަށެވެ. އޭރު އޮތް ސަރުކާރަކީވެސް ލެޖްޓިމޭޓް ވެރިކަމެއް ކަމަށް ރައްޔިތިންގެ ތެރެއިން ބަޔަކު ދެކުނުކަމެވެ.
ރާއްޖޭގައި މިވަގުތު މިހިނގަނީ ކޮންސްޓިޓިއުޝަނަލް ޑިކްޓޭޓަރޝިޕެކެވެ. މިއީ ދިވެހިން މުއިއްޒު ރައީސް ކަމަށް ހޮވައިދިން 3 ބާރު ވަކި ކޮށްފައިވާ ޤާނޫނީ ވެރިކަމެއް ނޫނެވެ. ހަސަން ރަސްގެފާނު ކުލީ ސިފައިން ބޭނުން ކޮށްގެން ރާއްޖޭގައި ހިންގީ މިލިޓަރީ ވެރިކަމެކެވެ. ރާއްޖެ މިހާރު މިސްރާބު ޖަހާފައި މިވަނީ މިލިޓަރީ ވެރިކަމަކާއި ދިމާލަށެވެ. ކުންފުނިތަކުގެ އެމްޑީއިން އިން ފެށިގެން ހުރިހާ ދިމާލެއްގައި ތިބީ މިލިޓަރީގައި ކުރިން ތިބި ކާނަލުންނާއި ވެރިންނެވެ. ރައްޔިތުންގެ ތާޢީދެއް ނެތް އިރު، ވެރިކަމާއި ދެކޮޅު އަޑުތައް ކަނޑާލުމަށް މިހާރު ދަނީ މީޑިޔާއަށް ހަމަލާ ދެމުންނެވެ. މިއަދު ރާއްޖޭގެ މީޑިޔާއަކީ ގެއްލިފައިވާ މިނިވަންކަން ހޯދުމަށް ބަސްބުނަމުންދާ ރެބަލިއަންސްއެވެ. އަޅުވެތިކަމުން މިންޖުވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތް ކުރަމުން މިދަނީ މީޑިޔާއިންނެވެ. އެހެންކަމުން، ކާފަރުވި ހަސަން ރަސްގެފާނު ކުލީ ސިފައިން ލައްވައި އުތީމު 3 ބެއިންނާއި ތޮޅުނު ގޮތަށް ނޫސްވެރިންނާއި، ސޯޝަލް މީޑިޔާގެ އެކްޓިވިސްޓުންނާއި އެދަނީ ތޮޅެމުންނެވެ.
އިންތިހާބުތައް ނުބޭއްވުމަށް މުއިއްޒު ކުރަމުންދާ މަސައްކަތުގެ ތެރެއިން އަތޮޅު ކައުންސިލްގެ އިންތިހާބު މިހާރު ވަނީ އުވާލާނެ ކަމަށް އަންގާފައެވެ. އީސީގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުން މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން މުއިއްޒު ވަނީ ނިންމާފައެވެ. ބޭނުމަކީ ވޯޓު ގުނުން އެތައް ދުވަހަކަށް ދިގު ދައްމާލައިގެން ވޯޓުން ވައްކަން ކޮށްގެން ވެރިކަމުގައި ހުރުމެވެ.
އޭރާއި މިހާރާއި ހުރި ތަފާތަކީ މިހާރުގެ ވެރިކަމަކީ މުސްތަގިއްލު ރައްޔިތުންގެ ވެރިކަމެއް ކަމަށް ދެއްކުމަށް ހެދެން ހުރި ދޮގާއި، އަވާމެންދުރު ޒަމާނުގެ ތެރެއިން އަސްލެއް ކަމަށް ސިފަކޮށް ރީތި މަންޒަރެއް ދެއްކުމަށް ސަރުކާރަށް ފަސޭހަވުމެވެ. އޭރަކު އެކަމަކަށް ފަރުވާލެއް ނެތެވެ. އެއީ އޭރު ދުނިޔޭގައި އޮތީ އެއް ޤައުމު އަނެއް ޤައުމު ހިފައިގެން ބާރުވެރި މީހާ ބާރު ދައްކަމުން ދިޔަ ބައިނަލްއަޤްވާމީ ނިޒާމެއް ކަމަށް ވާތީއެވެ. ނަމަވެސް މިހާރު މިއޮތީ މިނިވަން ދައުލަތްތަކެއްގެ މައްޗަށް ބިނާވެގެން އުފެދިފައިވާ އިންޓަނޭޝަނަލް އޯޑަރ އެއް ކަމަށް ވުމުން އަޅުވެތިކަމަށް ޤައުމެއް ގެނެވޭނެ ހަމައެކަނި މަގަކީ ޤާނުނާއި، ޤާނޫނު އަސާސީ ބަދަލުކޮށް ކޮންސްޓިޓިއުޝަނަލް ޑިކްޓޭޓަރޝިޕެއްގެ ތެރެއިން ކަމަށް ވާތީއެވެ.
މި އަޅުވެތިކަމާއި ދެކޮޅަށް އަޅުވެރިކަން ބަދަލުކޮށް މިނިވަންކަން ހޯދަން މަގުމައްޗަށް ނިކުންނަން ޖެހެއެވެ. މިނިވަންކަން ނެތް ތަނެއްގައި ތަކެތީގެ އަގެއް ހެވެއް ދުވަހަކުވެސް ނުވާނެއެވެ. ޑޮލަރުގެ އަގު ދަށަށް ނުދާނެއެވެ. މިނިވަންކަން ބޭނުމޭވެސް ދުވަހަކުވެސް ނުބުނެވޭނެއެވެ.