ހޯމް މިނިސްޓަރު އަލީ އިހްސާންގެ ކާރު ޑްރައިވަރު، ޕޮލިސް ސާޖެންޓް މުހައްމަދު އަރުޝަދު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަޑު ޕޯސްޓް މޯޓަމް ހެދުމަކާ ނުލާ ފަސްތާނުލުމަށް މިހާރުވަނީ ހަމަޖައްސާފައެވެ.
ޕޮލިސް ސާޖެންޓް މުހައްމަދު އަރުޝަދު، ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް, މިއަދު ހެނދުނުއެވެ. ފުލުސް އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ ހެންޑްލްތަކުން، އަރުޝަދު ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިޔާފައިވެއެވެ. ނިޔާވި އިރު އަރުޝަދުގެ އުމުރަކީ 37 އަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން، އޭނާ ނިޔާވީ ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ތަނާ ކުއްލި ގޮތަކަށެވެ. އަރުޝަދުގެ ގާތް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ސިއްހީ މައްސަލައެއް ހުންނަކަން ފާހަގަވެފައެއް ނުވެއެވެ.
އަރުޝަދަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފުލުހެކެވެ. މިނިސްޓަރު މިހާރު ހުންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ދަތުރުފުޅެއްގަ އެވެ.
އިހުސާންގެ ޑްރައިވަރު ނިޔާވިއިރު އޭނާ އަތުގައި ބައެއް ވަޒީރުންގެ ވީޑިއޯތަކެއް ހުރިކަމަށް މީސް މީޑިއާގައި ވަނީ އަޑު ފެތުރެން ފަށާފައެވެ.