ޚަބަރު

މިނިވަން މެމްބަރަކު މީޑިއާ ބިލެއް ހުށަހެޅި "ވާހަކަ އަޑު އެހީމޭ" ވިދާޅުވެ މުއިއްޒު ސާބިތުކޮށްދިނީ އަމިއްލަ ނަފްސުގައި އަށަގެންފައިވާ މުނާފިގު ކަމުގެ ސިފަ

ދިޔަވަރު
މިނިވަން މެމްބަރަކު މީޑިއާ ބިލެއް ހުށަހެޅި "ވާހަކަ އަޑު އެހީމޭ" ވިދާޅުވެ މުއިއްޒު ސާބިތުކޮށްދިނީ އަމިއްލަ ނަފްސުގައި އަށަގެންފައިވާ މުނާފިގު ކަމުގެ ސިފަ

މީޑިއާ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅި "ވާހަކަ އަޑު އެހި" ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހޯމަ ދުވަހު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރުމަކީ މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.

އަދި އަމިއްލަ މެންބަރަކު މީޑިއާ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ސަރުކާރު ޕާޓީ ޕީއެންސީގެ މެންބަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް މި ބިލު ފާސްކުރާކަށް ބޭނުންނުވާ ކަމަށް ދަންނަވާފައިވާ ކަމަށްވެސް މުއިއްޒު މިޖަލްސާގައި ވިދާޅުވިއެވެ.

ހުށަހެޅިފައިވާ ބިލުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ކޮމިޝަނުގައި ހިމެނޭ ކަމަށް ބުނެފައި އޮތް ނަމަވެސް، ބިލު ގާނޫނަކަށް ވެއްޖެނަމަ އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ ކޮމިޝަންގެ މެންބަރުން އިންތިޚާބުކުރާ މީހެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިގޮތަށް އަމަލުކުރުމަށް ޕީއެންސީ މެންބަރުންނަށް އަންގާފައިވާ ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން، މީޑިއާ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅި "ވާހަކަ އަޑު އެހި" ކަމަށް މުއިއްޒު ވިދާޅުވިއިރު، ކަށަވަރު ވެފައިވާ ގޮތުގައި މިބިލް މިނިވަން މެމްބަރު މަޖިލީހަށް ހުށަހެޅުއްވީ ސީދާ މުއިއްޒު އަންގަވައިގެންނެވެ. އަދި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާގޮތަށް މި ބިލް ފަރުމާ ކުރީ މުއިއްޒުގެ އެންގުމަށް ބަންޑާރަ ނައިބު އުޝާމްއެވެ. މިބިލް ފަރުމާ ކޮށްފަ އޮތްގޮތުން މި ބިލުން އުފައްދާ ކޮމިޝަންގެ ރައީސަކަށް މުއިއްޒު އައްޔަންކުރާ މެމްބަރަކު އިންނަވާއިރު، ޕީއެސްއެމްގެ މެމްބަރަކު މިކޮމިޝަނަށް ލައްވައިގެން ކޮމިޝަންގެ މެޖޯރިޓީވެސް ހޯދުމަށް މުއިއްޒު ރާވާފައި ވެއެވެ.

އެހެންނަމަވެސް ނޫސްވެރިން ދަނީ މިބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ މުޒާހިރާ ކުރަމުންނެވެ.