ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ސަރުކާރުގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ބުނި ބުނުމަކީ ފާޅުގައި ދުނިޔޭގެ ތާރީޚުގައި ނޫސްވެރިން މެރުމަށް އެމައެކަނި ގޮވާލި ގޮވާލުމެވެ.
މިއީ މުޅި ދުނިޔޭގެ ނޫސްވެރިކަމާއި ގުޅޭ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކަށް ސިހުން ގެނުވި ކަމެކެވެ. މިއީ މުޅި ދުނިޔޭގައި ނޫސްވެރިންނަށް ދީފައިވާ ހާއްސަ ހައްޤުތަކާއި، އެމީހުންގެ މަސައްކަތަށް ދީފައިވާ އަހައްމިޔަތު ކަމާއި، ބައިނަލްއަގުވާމީ ނިޒާމަށް އެއްވެސް ސަރުކާރަކުން ފާޅުގައި މި ވަރަށް ގޮންޖަހާލި ހަމައެކަނި ފަހަރެވެ. މިއީ ރާއްޖެއިން ސޮއެ ކޮށްފައިވާ އިންސާނީ ޙައްޤުތަކާއި ގުޅުންހުރި ހުރިހާ މުއާހަދާތަކާއި، ބައިވެރި ވެފައިވާ ހުރިހާ މިދަ ކޮންވެންޝަން ތަކާއި ދެކޮޅަށް ސަރުކާރަކުން ޚިލާފުވި ފުރަތަމަ ފަހަރެވެ.
މުއިއްޒުގެ ސަރުކާރުން މިފަދައިން ނޫސްވެރިން އުލުބައިންދައި މެރުމަށް ގޮވާލާފައި މީޑިޔާ ނައްތާލުމަށް ރައީސް މުއިއްޒު އިސްވެ ހުންނަވައި މަޖިލީހަށް އުޝާމު ތައްޔާރުކޮށް ލާފައިވާ ބިލަށް ބަހުސް ކުރަމުންނެވެ.
ފަލާހުގެ ދުލުން މި ބަސްތައް ނުކުތަސް، މިއީ ސީދާ ރައީސް މުއިއްޒުގެ އަނިޔާވެރިކަމުގައި ކައްކާ ޚިޔާލުތައް ކަމަށް ގިނަ ބަޔަކު ޤާބޫލު ކުރެއެވެ.
މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނިކޮށް މި ބިލް ޤާނޫނަކަަށް ހެދުމަށް އަވަސް ކުރުމަށް މުއިއްޒު އަންގައިގެން މިއަދު މި ބޭއްވި މަޖިލީސް ކިޔުމުގައި ވާހަކަ ދެއްކި ޕީއެންސީ ފަރާތްތަކަށް ޓޯކިންގ ޕޮއިންޓްސް (ދައްކާނެ ވާހަކަތައް) ތައްޔާރުކޮށް ދީފައިވަނީ ރައީސް އޮފީހުންނެވެ.
މި ބިލް ދިފާޢު ކޮށް ވާހަކަ ދެއްކި ޕީއެންސީ މެމްބަރުން ކޮށި އަރައި، އަމިއްލަ އަށް ކިޔޭ ނުކިޔޭ ނޭނގި، ބިލުގެ ދިފާޢުގައި ވާހަކަ ދައްކާފައިވަނީ މި ޓޯކިންގ ޕޮއިންޓްތައް ބަލައިގެން ކަން މަޖިލީސް ލައިވް ބެލި އިރު ފާހަގަ ވިއެވެ. މި ގޮތަށް ސަރުކާރުން ހުށައަޅާ ބިލްތަކަށް ދައްކާނެ ވާހަކަތައް އާންމުކޮށް ރައީސް އޮފީހުން ދެއެވެ. އެހެން ކަމުން އުލު ބައިންދާ މަރާލުމަށް ގޮވާލާފައިވަނީ ރައީސް އޮފީހުން ދީފައިވާ ޓޯކިންގ ޕޮއިންޓް ތަކަށް ފަލާހު ދެއްކި ވާހަކާގައި ކަމުން މިކަމުގެ ޒިންމާ ރައީސް މުއިއްޒުގެ ބޮލުގައި ސީދާ ގޮތުން އެޅެއެވެ. އަދި މިއީ ރައީސް މުއިއްޒުގެ ބަސްތަކެއް ކަމަށް ބެލެވެއެވެ.
އަނިޔާވެރިކަމުގައި މުއިއްޒު މި ޖެހިލީ ފަހުގެ ތާރީޚުގައި ހިޓްލަރާއި، ޔާހޫދީ ނަތަންޔާހޫ އާއި، ކޮމިއުނިސްޓް މާއޯ މެންނަވުރެ ވެސް ކުރިއަށެވެ.