ޚަބަރު

އުލު ބައިންދައި މަރާލަން ފަލާހު ގޮވާލީ، ރައީސް އޮފީހުން ދީފައިވާ ޓޯކިންގ ޕޮއިންޓްތަކެއް ބަލައިގެން ވާހަކަ ދައްކަމުން

ދިޔަވަރު
އުލު ބައިންދައި މަރާލަން ފަލާހު ގޮވާލީ، ރައީސް އޮފީހުން ދީފައިވާ ޓޯކިންގ ޕޮއިންޓްތަކެއް ބަލައިގެން ވާހަކަ ދައްކަމުން

އުލު ބައިންދައި ނޫސްވެރިން މަރާލަން ފަލާހު ގޮވާލީ، ރައީސް އޮފީހުން ދީފައިވާ ޓޯކިންގ ޕޮއިންޓްތަކެއް ބަލައިގެން ވާހަކަ ދައްކަމުން ކަން ދިޔަވަރު ނޫހަށް އެނގިޖެއެވެ.

ރައީސް އޮފީހުން ވަނީ މީޑިޔާ ނައްތާލާ ބިލާއި ގުޅޭ ގޮތުން ވާހަކަ ދައްކާނެ ޓޯކިންގ ޕޮއިންޓްސް ތައްޔާރުކޮށް މަޖިލީސް މެމްބަރުންނަށް އަރުވާފައެވެ. މަޖިލީސް ޗުއްޓީއަށް ގޮސްފައިވަނިކޮށް މި ބިލް ޤާނޫނަކަަށް ހެދުމަށް އަވަސް ކުރުމަށް މުއިއްޒު އަންގައިގެން މިއަދު މި ބޭއްވި މަޖިލީސް ކިޔުމުގައި ވާހަކަ ދެއްކި ޕީއެންސީ ފަރާތްތަކުން ވާހަކަ ދައްކާފައިވަނީ މި ޓޯކިންގ ޕޮއިންޓްސް (ދައްކާނެ ވާހަކަތައް) ބަލައިގެންނެވެ. މަޖިލީސް މެމްބަރުން މިބިލަށް ވާހަކަ ދެއްކުމަށް އެއްވެސް ވަރަކަށް އަމިއްލަ އަށް ތައްޔާރު ވުމަށް ވަގުތު ލިބިފައި ނުވާއިރު، ގިނަ މެމްބަރުންނަށް މި ބިލް ކުޑަ މިނުން ކިޔާލާނެ ވަގުތުވެސް އަދި ލިބިފައި ނުވެއެވެ.

މި ބިލް ދިފާޢު ކޮށް ވާހަކަ ދެއްކި ޕީއެންސީ މެމްބަރުން ކޮށި އަރައި، އަމިއްލަ އަށް ކިޔޭ ނުކިޔޭ ނޭނގި، ބިލުގެ ދިފާޢުގައި ވާހަކަ ދައްކާފައިވަނީ މި ޓޯކިންގ ޕޮއިންޓްތައް ބަލައިގެން ވާހަކަ ދައްކަން ޖެހުމުން ކަން މަޖިލީސް ލައިވް ބެލި އިރު ވެސް ފާހަގަ ކުރެވުނެވެ. މި ގޮތަށް ސަރުކާރުން ހުށައަޅާ މުހިންމު ބިލްތަކަށް ދައްކާނެ ވާހަކަތައް ބައެއް ފަހަރު ރައީސް އޮފީހުން ތައްޔާރުކޮށް ދިނުމަކީ ކުރާ ކަމެކެވެ.

އެހެން ކަމުން އުލު ބައިންދާ މަރާލުމަށް ގޮވާލާފައިވަނީ ރައީސް އޮފީހުން ދީފައިވާ ޓޯކިންގ ޕޮއިންޓްތައް ބަލައިގެން ފަލާހު ދެއްކި ވާހަކާގައެވެ. އެހެން ކަމުން މިކަމުގެ ޒިންމާ ރައީސް މުއިއްޒުގެ ބޮލުގައި ސީދާ ގޮތުން އެޅެއެވެ. އަދި މިއީ ރައީސް މުއިއްޒު މިއަދު ނޫސްވެރިންނަށް ދިން މަރުގެ އިންޒާރެއް ގޮތަކަށް މިކަން ސިފަވެގެން ދެއެވެ.