މިނިވަން މީޑިއާއަކީ ދުނިޔޭގައި މިނިވަން ޑިމޮކްރަސީ އޮތް އެއްވެސް ގައުމެއްގައި ކަސްތޮޅު އެޅުވުނު އެއްޗެއް ނޫނެނެވެ. ގައުމުތަކުގެ ވެރީންގެ ގޮތުގައި ޚުދުމުޚްތާރު ވެރީން އައިސް ގޮސްފައިވި ނަމަވެސް، މިނިވަން ޑިމޮކްރަސީ އޮތް ގައުމެއްގައި މިނިވަން މީޑިއާ ކަސްތޮޅު އެޅުވިފައެއް ނުވެއެވެ. އޭގެ މާނައަކީ، ބަލައިގެންފައިވާ ވެރިކަމުގެ ނިޒާމުގައި ޑިމޮކްރަސީގެ ސިފަތައް އަށަގެންފައިވާނަމަ، މީޑިއާ ކޮސްތޮޅު އެޅުވުމަށް ވެރީން ކޮށްފައިވާ މަސައްކަތްތައް ކާމިޔާބު ވެފައި ނެތްކަމެވެ. އޭގެ އެންމެ ބޮޑު އެއް މިސާލަކީ އެމެރިކާއެވެ. އެގައުމުގެ މިހާރުގެ ރައީސް ޓްރަމްޕްއަކީ ޚުދުމުޚްތާރު ސިފަތަކެއް ހުރި ރައީސަކަށް ވިނަމަވެސް އެގައުމުގެ މީޑިއާ ޓްރަމްޕަށް ކަސްތޮޅު އެޅުވިފައެއް ނުވެއެވެ. އެހެންނަމަވެސް އެއާ ތަފާތެވެ. ރަޝިއާ ޗައިނާފަދަ ގައުމުތަކެވެ. އެގައުމުތަކުގެ ވެރީން ޚުދުމުޚްތާރު ވުމުގެ އިތުރަށް، އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައްވެސް އޮތީ ޚުދުމުޚްތާރުކޮށެވެ. ގާނޫނު ހަދާ މަޖިލީހަކަށްވެސް އޮތީ ވެރިމީހާގެ މަޖިލިސްތަކެވެ. ކޮމިޝަންތަކާއި ދައުލަތުގެ މުވައްސަސާތައްވެސް ހަމަ އެފަދައެވެ.
އެހެންނަމަވެސް، މުއިއްޒުގެ ކަނޑުކޮސްކަމުން، މުއިއްޒުއަށް ފަހުމް ނުވެ އޮތްކަމަކީ މިއީއެވެ. ރާއްޖޭގެ ވެރިކަމުގައި ޚުދުމުޚްތާރު މީހަކު ހުރިނަމަވެސް، ރާއްޖޭގެ ގާނޫނު އަސާސީ އޮތީ މިނިވަން އުސޫލުތަކާއި އެއްގޮތަށް ބައްޓަން ކޮށްފައެވެ. އެގާނޫނު އަސާސީގެ ހުދޫދުތައް ފަހަނައަޅާ ވެރިމީހާއަށްވެސް ދެވޭނެ ގޮތަށް ގާނޫނުތަކާއި ގަވާއިދު ތަކެއް ނެތެވެ. ރާއްޖެ ފަދަ ގައުމެއްގައި ވެރިމީހާ ކިތަންމެ ޚުދުމުޚްތާރު ވިޔަސްވެސް އެޚުދުމުޚްތާރުކަން ތަންފީޒު ކުރުމުގައި ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ.
އެހެންކަމުން މުއިއްޒުއަށް މިނިވަން މީޑިއާ ކަސްތޮޅު އެޅުވިދާނެކަމަށް މުއިއްޒު މަރުފަލި ޖައްސަވަމުން ގެންދަވަނީ ހަގީގަތުގައިވެސް މުއިއްޒުގެ ކަނޑުކޮސް ކަމުންނެވެ.
އަދި މީޑިއާގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ފަހުން މުއިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ޝައުގުވެރިކަން ހުރި ކަމެއް ނޫން ކަމަށާއި، އެއްވެސް އިރެއްގައި މީޑިއާތައް ކޮންޓްރޯލް ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށްވެސް އެ ބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކުރާނެކަމަށް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ.
އެހެންނަމަވެސް އެއާއެކުވެސް މީޑިއާގެ ބިލް މަޖިލީހުން ބޭރު ކުރާނެކަމަށް މުއިއްޒު ވިދާޅުވެފައެއް ނުވެއެވެ. މަޖިލިހުގައި މިހާރުވަނީ މި ބިލްގެ ބަހުސްވެސް ކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު ބިލްވަނީ ކޮމިޓީ މަރުހަލާއަށްވެސް ފޮނުވާފައެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މީޑިއީ ބިލުގައި އެ ބިލުން އުފައްދާ ކޮމިޝަންގެ ރިޔާސަތުގައި ރައީސް އައްޔަންކުރާ ބޭފުޅުން އިންނަން ބޭނުން ނުވާކަމަށް ވިދާޅުވެ، މުއިއްޒު ވާހަކަ ދައްކަވަމުން ގެންދަވަނީ އެ ބިލުން އުފައްދާ ކޮމިޝަންގެ މެޖޯރިޓީ އަދިވެސް މުއިއްޒުގެ މުށުތެރެއަށް ލެއްވޭނެ ކަމުގެ އުއްމީދުގައެވެ. އެއީ މިހާރު ބިލިގައި އޮތް ގޮތުން މީޑިއާއިން 4 މެމްބަރުން އައްޔަންކޮށް، ސަރުކާރުން 3 މެމްބަރުން އައްޔަން ކުރަން އޮތް ހާލަތުގައިވެސް، މުއިއްޒު ކޮންޓްރޯލްކުރާ ޕީއެސްއެމްއިން މެމްބަރަކު މީޑިއާތަކުން ކޮންޓްރޯލްކުރާ ސްލޮޓަކަށް ލެއްވޭނެކަމުގެ އުއްމީދުގައެވެ.
ހަމަ އެއާއެކު މުއިއްޒު ވިދާޅުވެ ވިދާޅުވެފައިވަނީ މީޑިއާ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅި ވާހަކަ ހަމަ އެކަނި ”އަޑު އެހީ“ ކަމުގައެވެ.
ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހޯމަ ދުވަހު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރުމަކީ މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
އަދި އަމިއްލަ މެންބަރަކު މީޑިއާ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ސަރުކާރު ޕާޓީ ޕީއެންސީގެ މެންބަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް މި ބިލު ފާސްކުރާކަށް ބޭނުންނުވާ ކަމަށް ދަންނަވާފައިވާ ކަމަށްވެސް މުއިއްޒު މިޖަލްސާގައި ވިދާޅުވިއެވެ.
ހުށަހެޅިފައިވާ ބިލުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ކޮމިޝަނުގައި ހިމެނޭ ކަމަށް ބުނެފައި އޮތް ނަމަވެސް، ބިލު ގާނޫނަކަށް ވެއްޖެނަމަ އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ ކޮމިޝަންގެ މެންބަރުން އިންތިޚާބުކުރާ މީހެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިގޮތަށް އަމަލުކުރުމަށް ޕީއެންސީ މެންބަރުންނަށް އަންގާފައިވާ ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން، މީޑިއާ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅި ”ވާހަކަ އަޑު އެހި“ ކަމަށް މުއިއްޒު ވިދާޅުވިއިރު، ކަށަވަރު ވެފައިވާ ގޮތުގައި މިބިލް މިނިވަން މެމްބަރު މަޖިލީހަށް ހުށަހެޅުއްވީ ސީދާ މުއިއްޒު އަންގަވައިގެންނެވެ. އަދި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާގޮތަށް މި ބިލް ފަރުމާ ކުރީ މުއިއްޒުގެ އެންގުމަށް ބަންޑާރަ ނައިބު އުޝާމްއެވެ. މިބިލް ފަރުމާ ކޮށްފަ އޮތްގޮތުން މި ބިލުން އުފައްދާ ކޮމިޝަންގެ ރައީސަކަށް މުއިއްޒު އައްޔަންކުރާ މެމްބަރަކު އިންނަވާއިރު، ޕީއެސްއެމްގެ މެމްބަރަކު މިކޮމިޝަނަށް ލައްވައިގެން ކޮމިޝަންގެ މެޖޯރިޓީވެސް ހޯދުމަށް މުއިއްޒު ރާވާފައި ވެއެވެ.
އެހެންނަމަވެސް ނޫސްވެރިން ދަނީ މިބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ މުޒާހިރާ ކުރަމުންނެވެ. މުއިއްޒުއަށް ހަގީގަތުގައިވެސް ނޭނގި އޮތްކަމަަކީ މީޑިއާއެއް މުށުތެރެއަށް ލުމަކީ ރައްޖެ ބަލައިގެން މިނިވަން ޑިމޮކްރަސީގައި ކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި މީޑިއާއެއް ކަސްތޮޅު އަޅުވާ، މިނިވަން މީޑިއާގެ އަޑު ކަނޑުވާލުމަކީ އަދުގެ ދުނިޔޭގައި ކާމިޔާބު ވާނެ ސިޔާސަތެއް ނޫންކަމެވެ. އެހެންނަމަވެސް މީޑިއާ ކަސްތޮޅު އަޅުވަން މުއިއްޒު ކުރާ މަސައްކަތުން އެއްކަމެއް ހާމަވެގެން ދާނެއެވެ. އެއީ މުއިއްޒުގެ މުނާފިގުކަމާއި، ޚުދުމުޚްތާރުކަމާއި ކަނޑުކޮސް ކަމެވެ.
ގާނޫނު އަސާސީން ފޯރުކޮށް ދީފައިވާ އަސާސީ ހައްގުތައް ހަނިކޮށް، އެންމެ ފަހުން މީޑިއާ މުށުތެރެއަށް ލާން މުއިއްޒު ހިންގަމުންދާ ހަޑީ މުޑުދާރު ޖަރީމާތައް ހާމަވެ. މުއިއްޒުގެ އަސްލި ސިފާ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހާމަވެ ނިމިއްޖެއެވެ. އެހެންނަމަވެސް މުއިއްޒުއަށް ޖެހިވަޑައިގަންނަވާނީ މި ބިލް މަޖިލީހުން ބޭރުކުރާށެވެ. އާޚިރު ނަތީޖާއަކަށް ވެގެންދާނީ މުއިއްޒުއަކީ ފިނޑިއެއްކަން ހާމަވެގެން ދިއުމެވެ. އާދޭހެވެ! މުއިއްޒުއަކީ ފިނޑި ފިނދަނައެކެވެ.