ޚަބަރު

12 ގަޑިއިރުގެ ބަލައިފާސްކުރުމަށް ފަހު ލޮރީއެއްގެ ލިޔެކިޔުން ފުލުހުންގެ ބެލުމުގެ ދަށަށް!

ދިޔަވަރު
12 ގަޑިއިރުގެ ބަލައިފާސްކުރުމަށް ފަހު ލޮރީއެއްގެ ލިޔެކިޔުން ފުލުހުންގެ ބެލުމުގެ ދަށަށް!

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީހަށް އިއްޔެ ފުލުހުން ވަދެ ގާތްގަނޑަކަށް އެ އޮފީސް 12 ގަޑިއިރު ވަންދެން ބަލައިފާސްކުރުމަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުން ތަހުގީގުގެ ބޭނުމަށް ގެންގޮސްފި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިއްޔެ ހެނދުނު 10:30 ހާއިރު އާރުޑީސީ އަށް ވަނީ، އެ ކުންފުނީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި "ޕެޓީ ކޭޝް"ގެ މައްސަލައިގެ ތަހުގީގަށެވެ.

އެ އޮފީހުގެ މުވައްޒަފަކު ބުނި ގޮތުގައި ފުލުހުން ވަދެ ކޮންމެ ޑިޕާޓްމެންޓެއްގައި އެންމެ މުވައްޒަފަކު ބެހެއްޓުމަށް ފަހު އެހެން މުވައްޒަފުން ނެރުނެ އެވެ. އެއަށް ފަހު ބަލައިފާސްކުރަން ދެން އޮފީހަށް ވަދެވުނީ ހުއްދަ ދޭ ބަޔަކަށެވެ.

އާރުޑީސީގެ އޮފީސް ބަލައިފާސްކުރުމަށް ފަހު ފުލުހުން ނުކުތީ ރޭ 11:00 ހާއިރު އެވެ. ފުލުހުންގެ ވެހިކަލަކަށް އާރުޑީސީގެ ގިނަ ދަދަދެއްގެ ފައިލްތަކާއި ލިޔެކިޔުން ބަރުކޮށްގެން ގެންދިޔަ އެވެ.

"ވަރަށް ގިނަ އަދަދެއްގެ ލިޔުންތައް ގެންދިޔަ،" އެ ކުންފުނީގެ މުވައްޒަފަކު ބުންޏެވެ.

"އޮފީހުން ވަރަށް ބޮޑަށް އެއްބާރުލުން ދިން [ތަހުގީގަށް]."

ފުލުހުންނާއި އޭސީސީން ބަލަމުން ދަނީ އާރްޑީސީގެ ބީއެމްއެލް އެކައުންޓުން، އެކި ފަހަރު މަތިން ޖުމުލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައިގަ އެވެ.