ނޫސްވެރިން އުލު ބައިންދާ ބިލް ފާސް ކޮށްފިނަމަ، މުޅި ރާއްޖެ މަދަނީ ބަސްނޭހުމަކަށް ދާން ޖެހޭ ކަމަށް ދައުރު ނޫހުގެ މަޝްހޫރު ނޫސްވެރިޔާ، އަހްމަދު ނާއިފް ވިދާޅުވެއްޖެއެވެ. ނާއިފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ނާއިފް އަކީ ޒިންމާދާރު ކަމާއި އެކު ހެކީގެ މައްޗަށް ބިނާކޮށް ވިޔަފާރި އާއި އިޤްތިޞާދީ ލިޔުންތައް ލިޔުމަށް މަޝްހޫރު ނޫސްވެރިއެކެވެ.
މަޖީލީހުގެ ބާރު ކަނޑުވައި، މިނިވަން މުއައްސަސާތައް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް، ކޯޓުތަކުގެ ގާޒީން މަގާމުން ވަކިކޮށް، ކޮންޓްރޯލް ނަގައި، ކައުންސިލްތަކުގެ ބާރުތައް ނަގައި، އަތޮޅު ކައުންސިލްތައް އުވާލައި، ނޫސްވެރިކަން ނައްތާލައި، ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ޤާނޫނު އަސާސީއިން ދީފައިވާ އަސާސީ ހައްޤަށް އަރައިގަންނަ އިރުވެސް ސިޔާސީ ޕާޓީތައް ބޮޑު ހަރަކާތަކަށް ދިޔުމަށް ޖެހިލުން ވެގެން އުޅޭ ސަބަބާއި މެދު ޕާޓީ ތަކުގެ އާންމު މެމްބަރުންނާއި ނޫސްވެރިން ދަނީ ސުވާލު އުފައްދަމުންނެވެ.
ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މިއަދު ކުޑަމިނުން މާލެގައި އާއި މުއިއްޒު ދަތުރު ކުރަމުން ދާ ރަށްރަށުގައި ރައްޔިތުންނަށް ތެދު މައުލޫމާތު ލިބުމުގެ ހައްޤަށް އަރައިގަތުމަށް ތައްޔާރު ކޮށްފައިވާ ބިލާއި ގުޅިގެން މުޒާހަރާ ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ދިޔަވަރު ނޫހުން ދާދި ފަހުން ނެގި ޕޮލް އަކުން ދައްކާ ގޮތުގައި އެންމެ ގިނަ ބަޔަކު މުޒާހަރާ ކުރަން ބޭނުންވަނީ ތަކެތީގެ އަގު ބޮޑުވެ، ފަގީރުކަން ކުރިމަތިވަމުން ދާތީއެވެ. އެއަށް ފަހު، ނޫސްވެރިންގެ ހައްޤުތަކުގައި މުޒާހަރާ ކުރަން ގިނަ ބަޔަކު ބޭނުންވާއިރު، ރައްޔިތުންގެ ކަންބޮޑުވުން ހުރި ހުރިހާ ކަމަކާއި އެކު ރައްޔިތުންނާއި އެކު މަގުތައް ފުރާލަން މިއަދު ނުނިކުންނަންވީ އެއްވެސް ސަބަބެއް ނެތެވެ.
ގޭތެރޭ ތިބެގެން އެއްވެސް ރައްޔިތަކަށް އޮތް ރައްކާތެރި ކަމެއް ނެތެވެ. ގޭ ތެރޭ ތިބެގެން އާފަލުގެ އަގެއް ދަށަކަށް ނުދާނެއެވެ. ގޭތެރޭ ތިބެގެން މާދަމާވެސް ފިޔާ ކޮޅެއް ލިބޭނެ ކަމުގެ އުއްމީދެއް ނެެތެވެ. ގޭތެރޭ އޮވެގެން ކަރަންޓު ބިލެއް ކުޑައެއް ނުވާނެއެވެ. ގޭތެރޭ އޮވެގެން ތެދު މައުލޫމާތަށް ސަރުކާރުން އަޅަމުންދާ ހުރަސް ނައްތާލެވެން ނެތެވެ. ގޭތެރޭ އޮވެއްޖެ ނަމަ، ތެދު ޚަބަރެއް އިވޭނެ ގޮތެއް މާދަމާއަކު ނެތެވެ. ގޭ ތެރޭ އޮވެގެން އަތޮޅު އިންގިލާބެއްވެސް ނުގެނެވޭނެއެވެ. ގޭތެރޭ އޮވެގެން ވޯޓުގަނޑުވެސް ލެވޭނެ ކަމުގެ އުއްމީދެއް މިހާރަކު ނެތެވެ. ގޭތެރޭ އޮވެގެން ލިބޭނެ މިނިވަން ކަމެއް ނެތެވެ. ގޭތެރޭ އޮއްވާ އަޅަކަށްވެ، ކުރާ ޓްވީޓަށް ޖަވާބު ދާރީވާން މުއިއްޒުގެ ކޯޓަށް ގެންގޮސް ނިޔާ އިއްވާނީ އުލުބައިންދާށެވެ.
އެމްޑީޕީއިން އެންމެފަހުން ބޭއްވި ބޮޑު މުޒާހަރާއަށް 5000 ވުރެ ގިނަ މީހުން އެއްވިއެވެ. ޒުވާނުން ބޭއްވި މުޒާހަރާއަށް 7000 ވުރެ ގިނަ މީހުން އެއްވިއެވެ. މިއަދު މަސައްކަތެއް ކޮށްފިނަމަ މާލޭގެ ބޮޑު ބައެއް ފުރޭ ވަރަށް މީހުން އެއްވެ، މުއިއްޒުގެ ވެރިކަން ޒިންމާދާރު ކުރުމަށް އަޑު އުފުލާނެއެވެ. މުއިއްޒު ވެރިކަމުން އިސްތިއުފާދީ ރާއްޖެ މިނިވަން ކުރުމަށް ގޮވާލާނެއެވެ. މިއީ ކޮންމެހެންވެސް ކުރަން ވެއްޖެ ކަމެކެވެ.
މުޅި ރާއްޖޭގައި މުޒާހަރާ ކުރަންވީ މިއަދުއެވެ. އިތުރަށް ރައްޔިތުންގެ ޙައްޤު ނިގުޅައިގަނެ، ގެއިން ބޭރަށްވެސް ނުނިކުމެވޭ ވަރު ކުރަންދެން މިއަދު ހަމަ ތިބެން ވީތޯއެވެ؟