ނޫސްވެރިން ހައްޔަރު ކުރުމަށް ފަހު، ހައްޔަރު ނުކުރާ ކަމަށް ބުނުމަކީ ސަރުކާރުގެ "ތެދު" އެވެ. އިއްޔެ އެތައް ހާސް ރައްޔިތުންނަށް ދުރާއި ކައިރިން ބަލަމުން ދިޔަ ނޫސްވެރިންގެ މުޒާހަރާގައި ނޫސްވެރިން ހައްޔަރު ކުރިއެވެ. އެކަން ނޫސްތަކުން ވަގުތުން ރިޕޯޓް ކުރިއެވެ. ނޫސްވެރިން ހައްޔަރުކޮށް، އެމީހުންނަށް އެމީހުންގެ ޤާނޫނީ ހައްޤުތައް ލައިދީ ތިހިރީ ހައްޔަރު ކޮށްފައި ކަމަށް ހައްޔަރު ކުރި ދެ ނޫސްވެރިންނަށްވެސް އެންގިއެވެ. އެކަން އެ ނޫސްވެރިން ހައްޔަރު ކުރި ފުލުހުންގެ ބޮޑީ ކެމް އިން ވެސް ފެންނަން ހުންނާނެއެވެ.
ނަމަވެސް މުތުލަގަށް ރައްޔިތުންނަށް ދޮގު ހަދާ ރައީސް މުއިއްޒު ފުލުހުން ލައްވައި މިކަމުގައި ހެދީވެސް ދޮގެވެ. ފުލުހުންގެ މުއައްސަސާ އިން ނެރުނު ނޫސް ބަޔާނުގައި އޮތީ އެއްވެސް ނޫސްވެރިއެއް ހައްޔަރު ނުކުރާ ކަމަށެވެ. މިއީ ސަރުކާރުން ޤަބޫލު ކުރާ ގޮތެވެ. މިއީ ސަރުކާރުގެ ތެދެވެ. ފުލުހުންގެ ބަޔަނާއި އެކު، އާންމު ރައްޔިތުން ނޫސްވެރިން ހައްޔަރު ކުރާތަން ފެންނަހެން ޓްވީޓް ކޮށްފައިވާ ވީޑިޔޯ ތަކާއި، އެކަން ފޮޓޯއާއި އެކު ރިޕޯޓް ކޮށްފައިވާ ނޫސްތަކުން އެ ހަދަނީ ދޮގު ކަމަށް އެ ނިންމުނީއެވެ. މިހާ ހިސާބުން އުލު ބައިންދާ ބިލް ފާސްވުމުން، އެ ޓްވީޓް ކުރި ރައްޔިތު މީހާއާއި، ނޫސްވެރިޔާ އަށް އަންނާނީ ބޮޑު ޖޫރީ މަނާއެކެވެ. އެ ނުދެއްކި ފެތިގެން ދަނީ ޖަލު ގޮޅިއަށެވެ.
ސަރުކާރުގެ "ތެދު" އަކީ ރައީސް މުއިއްޒު ހިތަށް އެރި އެއްޗެކެވެ. ނުބައި ނުލަފާ ޚުދު މުހުތާރު ރަސްކަލަކަށްވުރެ މުއިއްޒުގެ މިޒާޖު ނުބައެވެ. ނަމަ ނަމަ މުއިއްޒުގެ ދުލުން ތެދެއް ނުނިކުމެއެވެ. އެހެން ކަމުން ތެދު ބަހުން ނޫހެއްގައި އެއްޗެއް ޖަހައިފިނަމަ އެ ދޮގަކަށް ސަރުކާރުން ނަހަދާނެ ގޮތެއް އޮންނާނެތޯއެވެ.
ރައީސް މުއިއްޒު ދޮގު ހައްދަވާ ވަރު ރާއްޖޭގެ ކުޑަ ބޮޑު އެއްވެސް މީހަކަށް އޮޅިފައެއް ނުވެއެވެ. ހަމަ އެބީދައިން ރާއްޖޭގެ ރައްޔިތުންނަށް އަމާން ކަމާއި ރައްކާތެރިކަން ފޯރުކޮށްދޭން ހުރި ފުލުހުންގެ މުއައްސަސާ ލައްވާ ދޮގު ހަދުވަމުން މުއިއްޒު ދާއިރު، ރައްޔިތުން "ތެދު" ހޯދަން ދާނެ އެއްވެސް ތަނެއް މި ސަރުކާރުގައި، އަދި ދައުލަތުގެ އެއްވެސް ދިމާލެއްގައި ފެންނާކަށް ނެތެވެ.
މިފަހުން ފުލުހުންގެ އިދާރާއިން ވަނީ، ޒަކިއްޔާ މަރުގެ ހާދިސާގައި ދޮގު ހަދައިފައެވެ. ޔުމްނު ވައްޓަލި/ވެއްޓުނު ހާދިސާގައި ދޮގު ހަދައިފައެވެ. މާލީ ބަގާވާތުގެ ތަހުގީގު ކުރިއަށް ދާ ކަމަށް ބުނެ ދޮގު ހަދާފައެވެ. ރޭގައި އެވަނީ ނޫސްވެރިން ހައްޔަރު ނުކުރަމޭ ކިޔައި ދޮގު ހަދާފައެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް ކަނޑައެޅިގެން ދޮގު ޚަބަރުތައް އެދަނީ ޖަހަމުންނެވެ. ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތް ނުކުރާ ކަމަށް ބުނެ ދޮގު ހަދައި ލިޔެ ކިޔުންތައް އެހެރަ ދަނީ ޖަހަމުންނެވެ. އަނގަ ހައްދު ޖަހަން ޖެހޭ ރައީސްއަކާއި އެކު، މި ސަރުކާރަށް ރެގިއުލޭޓު ކުރެވޭނެ އެއްވެސް އެއްޗެއް ނޯންނާނެވެ. ރެގިޔުލޭޓު ކުރުމުގެ ވާހަކަ ދެއްކުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ބަދަލު ކޮށްދެއްވާށެވެ.