އަސްވާޑަށް ހަމަލާދީ ދާއިމަށް ނުކުޅެދޭ މީހަކަށް ހެދި މީހުން ތިބީ މިސަރުކާރުގެ އިސް ސަފުގައި ކަމަށް ކުރާ ތުހުމަތަކީ އާ ތުހުމަތެއް ނޫނެވެ. އަސްވާޑަށް ދިން އަނިޔާއަށް ވުރެ، ބޮޑު އަނިޔާއެއް ދީ (އުލުބައިންދައިގެން) ނޫސްވެރިން މަރަން ގޮވާލުމުން އެކަން ކުށްވެރި ކޮށްލަން އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އަދި ސަންގު ނޫސް ހިންގަވާ އަސްވާޑަކަށް ނުކެރުނެވެ.
ނޫސްވެރިކަން ނައްތާލާ ބިލާއި ދެކޮޅަށް އަސްވާޑުގެ ސަންގު ނޫހުން މަސައްކަތް ނުކުރާއިރު، ސަންގުގެ ނޫސްވެރިއަކު ވަނީ އެކަމަށް ތާޢީދު ކޮށް ވާހަކަ ދައްކާފައެވެ.
މިއަދު ރައީސް އޮފީހުގެ ކުރިމަތީގައި ތިބި ނޫސްވެރިންނާއި ދިމާވި ވަގުތު ނޫސްވެރިން ސުވާލު ކުރުމުން، ނޫސްވެރިން އުލުބައިންދަން ނުވަތަ އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދޭން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ގޮވާލެއްވި މައްސަލާގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލާއި އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު އެއްޗެއް ވިދާޅެއް ނުވި އެވެ.
ނޫސްވެރިން ވަނީ އިއްޔެ ފަލާހު މަޖިލީހުގައި ދެއްކެވި ވާހަކަ ކުށްވެރި ކުރައްވަންތޯ އަދި އެ ވާހަކަތަކާ މެދު މިނިސްޓަރުން ދެކެވަޑައިގަންނަވާ ގޮތާ މެދު ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
އުލުބައިންދަން ގޮވާލި ވާހަކައަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު ވަހީދު ތާއީދު ކުރައްވަންތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ވާހަކަތަކަށް ޖަވާބު ދެއްވުމަށް ޕާޓީ ތެރެއިން ބޭފުޅުން ހަމަޖައްސާފައި ތިބޭނެ ކަމަށެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަދި 'ސަންގު ޓީވީ'ގެ ވެރިޔާ ވަހީދުގެ އަމިއްލަ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ވެސް އެ ސުވާލަށް ޖަވާބު ދެއްވަން ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
"އަޅުގަނޑު ދެއްކި ވާހަކައެއް ނޫނޭ ތިއީކީ،" ވަހީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
"މަޖިލީހުުގެ ތަޅުމުގައި އެއްވެސް މެންބަރަކު ދެއްކެވި އެއްވެސް ވާހަކައަކަށް ޖަވާބުދޭކަށް ބޭނުމެއް ނޫން،" ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ.
"މާޒީގައި ވެސް މީހުން އެބަހުރި އަޅުގަނޑުމެން ވަރަށް އުއްމީދު ނުކުރާ ފަދަ ވާހަކަ ދައްކާފައި. އަޅުގަނޑު ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫން."
އަސްވާޑަށް ފަލާހު ދެއްކި ވާހަކަ ކުށްވެރި ކުރަން ނުކުރެވުނު އިރު، އޭނާ އަށް ވުރެ މަގާމުގެ ގޮތުން މާ އާދައިގެ ސިޔާސީ ޑިރަކްޓަރަކު ވަނީ އެކަން މި ސަރުކާރުގައި ކުށްވެރި ކޮށްފައެވެ. އަދި އެކަމާއި ގުޅިގެން އިބްރާހިމް ސައީދު (ކޭޑު) ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި އަސްވާޑު ބިރުން، ފިނޑިކަމުން ނޫސްވެރިން އުލު ބައިންދައި މެރުންވެސް ކުށްވެރިކޮށްލާކަށް ނުކެރުނެވެ.