މިހާރު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ، ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރާ ބިލާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ ނޫސްވެރިން ފެނި ބިރުން ސިހި މުއިއްޒު ފިލައިފިއެވެ. މުއިއްޒު ސެކިއުރިޓީންގެ އެހީއާއެކު ނޫސްވެރިންނަށް ބިރުން ދުވެ ފިލީ މިއަދު އޮފީސް މަސައްކަތް ނިންމާލުމަށްފަހު ހުކުރު މިސްކިތުގެ ގޯތި ތެރެއިން ލާފަ މުލިއާގެއަށް ވަޑައިގެންނެވި މަގުމަތީގައެވެ.
މުއިއްޒު އޮފީހުން ނިކުމެގެން މުލިއާ ގެއަށް ދިޔަ މަގުމަތީގައި ނޫސްވެރިންވަނީ މުއިއްޒުގެ ވަށައިގެން ތިބެ، މީޑިއާ ބިލް މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ޝުއޫރު ފާޅުކޮށްފައެވެ. ނޫސްވެރިން ޝުއޫރު ފާޅުކުރަން ފެށުމާއެކު، މުއިއްޒުގެ ސެކިއުރިޓީންވަނީ ފުލުހުންގެ އެހީތެރިކަމާއެކު މުއިއްޒު ވަށާލާފައެވެ. އަދި ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށް މުއިއްޒުވަނީ އަވަސް އަވަހަށް މުލިއާގެއަށް ވަދެފައެވެ.
މުއިއްޒު ނޫސްވެރިންނަށް ބިރުން ދުވެ ފިލީ، މީޑިއާ ކޮންޓްރޯލް ކުރުމަށް މިނިވަން މެމްބަރަކު ލައްވާ މަޖިލީހަށް ބިލެއް ހުށަހަޅުމާއެކު އެތައް ބައެއްގެ ނުރުހުން މުއިއްޒުއަށް އަމާޒު ވެފައި ވަނިކޮށެވެ.
ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހޯމަ ދުވަހު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރުމަކީ މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.
އަދި އަމިއްލަ މެންބަރަކު މީޑިއާ ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ސަރުކާރު ޕާޓީ ޕީއެންސީގެ މެންބަރުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް މި ބިލު ފާސްކުރާކަށް ބޭނުންނުވާ ކަމަށް ދަންނަވާފައިވާ ކަމަށްވެސް މުއިއްޒު މިޖަލްސާގައި ވިދާޅުވިއެވެ.
ހުށަހެޅިފައިވާ ބިލުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ކޮމިޝަނުގައި ހިމެނޭ ކަމަށް ބުނެފައި އޮތް ނަމަވެސް، ބިލު ގާނޫނަކަށް ވެއްޖެނަމަ އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ ކޮމިޝަންގެ މެންބަރުން އިންތިޚާބުކުރާ މީހެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިގޮތަށް އަމަލުކުރުމަށް ޕީއެންސީ މެންބަރުންނަށް އަންގާފައިވާ ކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން، މީޑިއާ ބިލެއް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅި “ވާހަކަ އަޑު އެހި” ކަމަށް މުއިއްޒު ވިދާޅުވިއިރު، ކަށަވަރު ވެފައިވާ ގޮތުގައި މިބިލް މިނިވަން މެމްބަރު މަޖިލީހަށް ހުށަހެޅުއްވީ ސީދާ މުއިއްޒު އަންގަވައިގެންނެވެ. އަދި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާގޮތަށް މި ބިލް ފަރުމާ ކުރީ މުއިއްޒުގެ އެންގުމަށް ބަންޑާރަ ނައިބު އުޝާމްއެވެ. މިބިލް ފަރުމާ ކޮށްފަ އޮތްގޮތުން މި ބިލުން އުފައްދާ ކޮމިޝަންގެ ރައީސަކަށް މުއިއްޒު އައްޔަންކުރާ މެމްބަރަކު އިންނަވާއިރު، ޕީއެސްއެމްގެ މެމްބަރަކު މިކޮމިޝަނަށް ލައްވައިގެން ކޮމިޝަންގެ މެޖޯރިޓީވެސް ހޯދުމަށް މުއިއްޒު ރާވާފައި ވެއެވެ.
އެހެންނަމަވެސް ނޫސްވެރިން ދަނީ މިބިލު މަޖިލީހުން ބޭރުކުރުމަށް ގޮވާލާ މުޒާހިރާ ކުރަމުންނެވެ. މުއިއްޒުއަށް ހަގީގަތުގައިވެސް ނޭނގި އޮތްކަމަަކީ މީޑިއާއެއް މުށުތެރެއަށް ލުމަކީ ރައްޖެ ބަލައިގެން މިނިވަން ޑިމޮކްރަސީގައި ކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި މީޑިއާއެއް ކަސްތޮޅު އަޅުވާ، މިނިވަން މީޑިއާގެ އަޑު ކަނޑުވާލުމަކީ އަދުގެ ދުނިޔޭގައި ކާމިޔާބު ވާނެ ސިޔާސަތެއް ނޫންކަމެވެ. އެހެންނަމަވެސް މީޑިއާ ކަސްތޮޅު އަޅުވަން މުއިއްޒު ކުރާ މަސައްކަތުން އެއްކަމެއް ހާމަވެގެން ދާނެއެވެ. އެއީ މުއިއްޒުގެ މުނާފިގުކަމާއި، ޚުދުމުޚްތާރުކަމާއި ކަނޑުކޮސް ކަމެވެ.
ގާނޫނު އަސާސީން ފޯރުކޮށް ދީފައިވާ އަސާސީ ހައްގުތައް ހަނިކޮށް، އެންމެ ފަހުން މީޑިއާ މުށުތެރެއަށް ލާން މުއިއްޒު ހިންގަމުންދާ ހަޑީ މުޑުދާރު ޖަރީމާތައް ހާމަވެ. މުއިއްޒުގެ އަސްލި ސިފާ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ހާމަވެ ނިމިއްޖެއެވެ. އެހެންނަމަވެސް މުއިއްޒުއަށް ޖެހިވަޑައިގަންނަވާނީ މި ބިލް މަޖިލީހުން ބޭރުކުރާށެވެ. އާޚިރު ނަތީޖާއަކަށް ވެގެންދާނީ މުއިއްޒުއަކީ ފިނޑިއެއްކަން ހާމަވެގެން ދިއުމެވެ. އާދޭހެވެ! މުއިއްޒުއަކީ ފިނޑި ފިނދަނައެކެވެ.