ޚަބަރު

އެމްޑީޕީގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލާނެ ކަމުގެ އިންޒާރު ފަލާހު ދެންމެއަކު ދީފި

ދިޔަވަރު
އެމްޑީޕީގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލާނެ ކަމުގެ އިންޒާރު ފަލާހު ދެންމެއަކު ދީފި

އެމްޑީޕީގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލާނެ ކަމުގެ އިންޒާރު ފަލާހު ދާދި ދެންމެއަކު ދީފިއެވެ. ފަލާހު މިގޮތަށް އިންޒާރު ދީ ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ.

މި ޓްވީޓަކީ "ފަލާހުގެ މައްސަލަ ބަލަން ފުލުހުން ޤާނޫނީ ލަފާ ހޯދާ ކަމަށް" މިރޭ ނޫސްތަކުގައި ޖެހި ޚަބަރާއި ގުޅިގެން އެކަމުގެ ރުޅިވެރިކަމުގައި އޭނާ ކޮށްފައިވާ ޓްވީޓެއްގައެވެ. އެކަމާއި ގުޅިގެން ފަލާހު ކޮށްފައިވާ ޓްވީޓްގައި ވަނީ؛

ވަރަށް ރަނގަޅުނިންމެވުމެށް މިމައްސަލާގައި. އަޅުގަނޑު ޖަލުގައުޅޭ ނަމަ އެތާގެ ރަހްމައިތްތެރިންނަށްވާނީ އެމްޑީޕީގެ ވެރިކަންކުރި ރައީސުންނާ އެމްޑީޕީގެ ގިނައަދަދެއްގެ މަޖިލީސްމެމްބަރުން އަދި އެއްމެގިނަވާނީ ނޫސްވެރިން! ސަބަބަކީ މިއަށްވުރެގިނައިން އިސްލާމްދީނުގެ އަސްލުތަކާޚިލާފުވެ އެފަދަވާހަކަތަށް ދައްކާފައިވާބައެއް މި ޤައުމުގަނޫޅޭނެ! އަދިއިސްލާމްދީންނޫންން ދީންތަށްމިޤަޢުމަށް ގެނައުމަށް ވަކާލާތުކުރި ދެވަނަބައެއްވެސް ނޫޅޭނެ! އަޅުގަނޑު ނޯންނާނެ މީހަކުމަރަން ބުނެފައެއް ޢުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާމީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް ކުރިއަށްއޮތްމަދު ދުވަސްކޮޅުތެރޭ މަތީގައި ވާރައްޓެހިންނާ ބައްދަލްވާނެކަމަށް އުއްމީދުކުރަން!

އިސްލާމީ އަސްލުތަކާއި ޚިލާފަށް ނޫސްވެރިން ވާހަކަ ދައްކާފައިވާ ކަމަށް ފަލާހު ބުނެ ޓްވީޓް ކޮށްފައި ވީނަމަވެސް، އިސްލާމް ދީނާއި ދެކޮޅު އެއްވެސް ލިޔުމެއް ރާއްޖޭގެ އެއްވެސް ނޫސްވެރިއަކު ދުވަހަކު ވެސް ލިޔެފައި ނުވެއެވެ. މިފަދަ ދޮގު ތުހުމަތެއް ނޫސްވެރިންނާއި މެދުކޮށް ނޫސްވެރިންގެ އަބުރު ނަގާލުމަކީ މަޖިލީސް މެމްބަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

އުލު ބައިންދައި ނޫސްވެރިން މެރުމަށް ގޮވާލާފައިވާ ފަލާހު ވަނީ މިކަމުން ރެކެން ވެގެން އުލު ބޭންދުމުގެ މާނަ އޮޅުވާލަން މަސައްކަތް ކޮށްފައެވެ. މި ގޮތުން މި ޓްވީޓްގައި އޭނާ ވަނީ "ޢުލުބޭންދުން އަޅުގަނޑުމެން ހިސާބުގައި ބޭނުންކުރަނީ ބަސްނާހާމީހުން ބިމަށްވުރެމަތީތާކަށް އެރުވުމަށް" ބުނެ ކަނޑައެޅިގެން ދޮގު ހަދާފައެވެ.

އުލު ބޭންދުމަކީ މީހުން މެރުމަށް ކުރީ ޒަމާނު އުލެއްގައި ބޭންދުމެވެ. މި އުލަކީ ކޮޅު ތޫނުކޮށް އިންސާނާގެ ހަށިގަނޑުގެ ތިރިން މައްޗަށް ވައްދާ ދަގަނޑު އުލެކެވެ. މަރަށް ބޭނުންވާ މިހާ ގަޔަށް މަތިން ތިރިއަސް އެ އަމުނައި މަރާލައެވެ. މިއީ ދުނިޔޭގައި މީހުން މެރުމަށް އެންމެ ނުބައި ވެރިން ގެންގުޅެފައިވާ އެއް ގޮތެވެ. ރާއްޖޭގައި އުލު ބޭންދުން އިތުރު މާނައެއްގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބޭނުން ނުކުރެއެވެ. "އުލު" އެ ބަހަކީ ސީދާ އެ ހަރާ އުލެވެ. ފަލާހުގެ ލޮޖިކުން ނަމަ، ވަޑި ހެރުމަކީ މީހަކު އުސްތަނެއްގައި ބޭންދުމޭ ވެސް ބުނެވިދާނެއެވެ. އުލު ބޭންދުމާއި، ވަޅި ހެރުމާއި، މިއަކީ ތަފާތު މާނަ އެކުލެވޭ ބަސްތަކެއް ނޫނެވެ. އަދި މަޖާޒީ ބަސްތަކެއްވެސް ނޫނެވެ. މިއީ ސީދާ މީހުން މެރުން ސިފަ ކުރުމަށް ބޭނުން ކުރާ ވަކި އަނިޔާއެއް ރަމްޒުކޮށްދޭ ލަފުޒުތަކެކެވެ.

ފަލާހުގެ މި އިންޒާރަކީ ރައީސް މުއިއްޒު ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށް ޖަލަށް ލައި އަނިޔާކުރަން ރާވާފައިވާކަން ނުވަތަ އެފަދަ މަޝްވަރާތަކެއް ފަލާހު އާއި އެކީ ހިނގާފައިވާ ކަން ދޭހަ ކޮށްދޭ އިންޒާރެކެވެ. އެހެން ނޫންނަމަ، ދުވަހަކުވެސް ދީނާއި ޚިލާފު ލިޔުމެއް ލިޔެފައި ނުވާ ނޫސްވެރިން ތަކެއް ޖަލަށް ދާނެ ކަމަށް ބުނެ ޓްވީޓެއް ނުކުރާނެވެ.

މީހުން މަރާލަން ގޮވާލުމަކީ ކުޑަކަމެއް ނޫނެވެ. ކުޑަ ނަމަވެސް އިންސާފެއް މުއިއްޒު ހިސާރުކޮށްފައިވާ ކޯޓާއި، ސިޔާސީ ކޮށްފައި ފުލުސް އޮފީހުން ލިބެންޏާ ފަލާހު ލަސްނުވެ ޖަލު ގޮޅިއަކަށް ލެވޭނެއެވެ.