ޚަބަރު

މިފަހަރު ޕީއެންސީ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށް ޖެހިފައިވަނީ އުލު ބައިންދާ މީހުން މަރަން ގޮވާލި މީހެއްގެ ދިފާޢުގައި ނުކުންނަށް

ދިޔަވަރު
މިފަހަރު ޕީއެންސީ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށް ޖެހިފައިވަނީ އުލު ބައިންދާ މީހުން މަރަން ގޮވާލި މީހެއްގެ ދިފާޢުގައި ނުކުންނަށް

ޕީއެންސީ ސޯޝަލް މީޑިޔާ އެކްޓިވިސްޓުންނަށް ކުރިމަތި ވެފައިވަނީ ވަރަށް ދަތި ހާލަކާއެވެ. ވައްކަމާއި، ދޮގު ހެދުމާއި، ރިޝްވަތު ބެހުމާއި، ލާދީނީ އަމަލު ތައް އިންތިހާއަށް ހިންގާ މީހެއްގެ ސަރުކާރު ދިފާޢު ކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގައި ކުރިއަށް ދެވޭނެ ގޮތެއް ނެތި، މަޖުބޫރުކަންމަތީ ޓްވީޓް ކުރަމުން ދިޔަ ފަރާތްތަކަށް އަދި ކުރިމަތި މިވީ މާ ދެރަގޮތެކެވެ. މިއަދު އެމީހުންނަށް އެންގީ މީހަކު މަރަން ގޮވާލި މީހެއްގެ ދިފާޢުގައި ނިކުތުމަށެވެ.

މިއީ އިޒްރޭލު ފިޔަވައި ދުނިޔޭގެ އެއްވެސް ސަރުކާރަކުން ކުރާ ކަމެއް ނޫނެވެ. މީހުން މެރުން ދިފާޢު ކުރާ އިތުރު އެއްވެސް ބަޔަކު ދުނިޔޭގައި ނެތެވެ. ނަމަވެސް ޕީއެންސީ މީޑިޔާ އެކްޓިވިސްޓުންނަށް ޖެހިފައި މިވަނީ މީހުން މަރަށް ގޮވާލާ، އެއްވެސް އަޚްލާގެއް ނެތް، އެއްވެސް ތައުލީމެއް ނެތް މީހެއްގެ ދިފާޢުގައި މުއިއްޒު ބުނެގެން ނިކުމެ އަމިއްލަ މީހާ ފަޟީހަތް ކޮށްލުމަށެވެ.

މިކަމުގެ އަގަކީ އަމިއްލަ އަޚްލާގީ ފޭރާން ގެއްލި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ސިޔާސީ ބޭނުމަށް އެންމެ ރަނގަޅު ކަމަށް ވިސްނި އިންސާނާގެ ތޮބީޢަތް ކޮރަޕްޓްވެ ފާފަވެރި ކަމަކަށް އަރައިގަނެވުމެވެ. އާއެކެވެ. މީހުން މަރަން ގޮވާލާފައިވާ މީހަކު ދިފާޢު ކޮށް ނުކުތުމަކީ ދީނީ ގޮތުން ބޮޑު ފާފައެކެވެ.

މިކަމުގެ ސަބަބުން ނުވެސް އެނގި ނަފްސާނީ އުނދަގޫ ތަކަކަށް ޕީއެންސީ ސޯޝަލް މީޑިޔާ އެކްޓިވިސްޓުން ހުށައެޅުމަކީ، އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރައީސް އޮފީހުގައި މިކަމަށް އަމުރު ކުރަން ހުރި ރަނޑު ޚަލީލުގެ އެއްވެސް ފަރުވާލެއް ނެތްކަމެވެ.

މުއިއްޒު ހަދަނީ ދޮގު ކަން އަމިއްލަ ނަފްސަށް އެނގެއެވެ. އެ ދޮގުގެ ދިފާޢުގައި ތިމާ ދައްކަން މި ޖެހެނީ ކޮންކަހަލަ ވާހަކަތަކެއް ތޯ އެމީހުން އަމިއްލަ ނަފްސާއި ސުވާލުކުރެއެވެ. އުޅެން ޖެހިފައިވަނީ އަމިއްލަ ޒަމީރު ޤަބޫލު ނުކުރާ ކަންކަމެއްގެ ދިފާޢުގައެވެ.

ދެން ތިބީ އަމިއްލަ ނަފްސަށް ދޮގު ހަދައި މިކުރަނީ ރަނގަޅު ކަމެއް ކަމަށް އަމިއްލަ ނަފްސަށް އޮޅުވާލައިގެން ނަފްސް ކޮރަޕްޓް ކޮށްގެން މީހުން މަރަން ގޮވާލާ މީހުންނާއި އެއްކޮޅަށް ޓްވީޓް ކުރާ މީހުންނެވެ.

މަޖިލީސް މެމްބަރު ޝުޖާއު އެތައް މިލިއަން ރުފިޔާއެއް ކޮރަޕްޝަންގެ ތެރެއިން އިވެންޓް ބޭއްވުމަށް ކަމަށް ބުނެ ލޫޓުވާލި މައްސަލަ އާންމު ވުމުން، ޕީއެންސީ ސޯޝަލް މީޑިޔާއިން ތެދުވީ އެކަމާއި އޭނާގެ ދިފާޢުގައި ވާހަކަ ނުދެއްކުމަށެވެ. އޭގައި ދިފާޢު ކުރެވޭނެ ވާހަކައެއް ނެތެވެ. ފަލާހު ކޮށްގެން އުޅެނީ އެއަށްވުރެ މާ ނުބައި ކަމެކެވެ. އިންސާނީ އެއްވެސް ހަމައަކުން އެކަން ދިފާއު ކުރެވެން ބުނެވޭނެ ހަމަ އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް ވަޒީފާގެ މުސާރައިން އެކްޓިވިސްޓުން ގިލްޓީ ކޮށްގެން ޓްވީޓް ކުރަން މުއިއްޒު މި ކުރާ މަޖުބޫރަކީ ހާދަ ނުބައި ބޭއިންސާފެކެވެ.

ސިޔާސީ ސޯޝަލް މީޑިޔާގެ އެކްޓިވިސްޓުންގެ ދައުރަކީ ސަރުކާރު ޕްރޮމޯޓް ކުރުމެވެ. ސަރުކާރުން ކުރާ ރަނގަޅު ކަންކަން ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމެވެ. ޕްރޮޖެކްޓެއް ހިންގިއަސް އެކަން ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމެވެ. އެކަން އެދަނީ ކުރަމުންނެވެ. އެމްޑީޕީއިން ގަނެފައިވާ އޭޓީއެމްތައް ހުޅުވައި މުއިއްޒު ރިބަން ކެނޑިއަސް ލަދު ކަނޑާލާފައި އެމީހުން އެދަނީ އެވާހަކަ ވެސް ޕްރޮމޯޓް ކޮށް ދެމުންނެވެ. ނަމަވެސް މީހުންގެ މަރަށް ގޮވާލާ މީހުން ދިފާޢު ކުރުމާއި، ސަރުކާރުން ބޮޑެތި ވައްކަން ކުރާ މީހުން ދިފާޢު ކުރުމާއި، ދޮގު ހަދައިގެން މުއިއްޒު ދައްކާހާ ވާހަކައެއް ތަކުރާރު ކުރުމަކީ އެއްވެސް އިންސާނަކަށް ކުރުމަށް މަޖުބޫރު ކުރުވަން ހެޔޮވާވަރުގެ ކަންކަމެއް ނޫނެވެ.

އެއްވެސް ބަޔަކު ލިމިޓެއް ނެތި މިހެން ދަމާލަން ހެޔޮ ނުވާނެއެވެ.