ޚަބަރު

ދުނިޔޭގެ 20 ޖަމިއްޔާ އަކުން މީޑިޔާ ކޮންޓްރޯލް ބިލް ބޭރު ކުރުމަށް ގޮވާލައިފި

ދިޔަވަރު
ދުނިޔޭގެ 20 ޖަމިއްޔާ އަކުން މީޑިޔާ ކޮންޓްރޯލް ބިލް ބޭރު ކުރުމަށް ގޮވާލައިފި

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ސަރުކާރުގެ ނުފޫޒު ފޯރުވޭ ގޮތަށް ކޮމިޝަނެއް އުފައްދައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް މުއިއްޒު ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ދުނިޔޭގެ 20 ޖަމިއްޔާއެއް ހިމެނޭ ކޯލިޝަނަކުން ގޮވާލައިފިއެވެ.

މުއިއްޒު އަންގައިގެން މި ބިލް ތައްޔާރު ކުރީ އުޝާމުއެވެ. މުއިއްޒުގެ ހީލަތްތެރި ކަމާއި ދޮގު ހެދުމުގެ ތެރެއިން ބިލް މަޖިލީހަށް ހުށައެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްޙަންނެވެ. މި ބިލުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ މަޖިލީހުގައި ބުނެފައިވެއެވެ. ނަމަވެސް އެއީ މުއިއްޒުގެ ބޮލުން މި ބިލް ގެނޑުވުމަށް ހަދާފައިވާ ދޮގެއް ކަމަށް ގަބޫލު ކުރެވެއެވެ. މި ބިލު ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައި މަސައްކަތް ފަށައިފިއެވެ.

ބިލު ބޭރުކުރުމަށް ގޮވާލާ ކޯލިޝަނުގެ ބަޔާނުގައި މީޑިއާތައް ރެގިއުލޭޓްކުރުމަށް މުޅި ދުނިޔެއިން ބަލައިގެންފައިވާ ހަމައަކީ "ސެލްފް ރެގިއުލޭޓަރީ" އުސޫލުތަކެއް ކަމަށާއި، ބިލު އޮތީ އެ ހަމަތަކާ ޚިލާފަށް ކަމަށް ބުނެފައިވެއެވެ.

ކޯލިޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންބޮޑުވުންތަކަކީ:

  • ކޮމިޝަނުގެ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން މީޑިއާތަކުން އިންތިޚާބުކުރި ނަމަވެސް، އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭތީ ސިޔާސީ ނުފޫޒު ފޯރާނެކަން
  • ކޮމިޝަނުގެ ރައީސް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާތީ ސަރުކާރުގެ ބާރު ފޯރާނެކަން
  • މައްސަލަ ބެލުމުގެ ތެރޭގައި ނޫސްތަކުގެ ރަޖިސްޓްރީ ބާޠިލްކޮށް، ސައިޓް ޑައުންކޮށް 100,000ރ.އާ ހަމައަށް ޖޫރިމަނާކުރެވޭނެކަން
  • ބްރޯޑްކާސްޓިން، ޑިޖިޓަލް، ޕްރިންޓް މީޑިއާގެ އިތުރުން ސޯޝަލް މީޑިއާ ޕޯސްޓްތައްވެސް ރެގިއުލޭޓްކުރެވޭ ގޮތަށް އޮތުމާއި ވަކިވަކި ނޫސްވެރިންނާއި ފަރުދުންނަށްވެސް ފިޔަވަޅު އެޅޭނެކަން

ބަޔާނުގައި ބައިވެރިވި ޖަމިއްޔާތައް:

  1. ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)
  2. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)
  3. އިންޓަނިއުސް
  4. ހިއުމަން ރައިޓްސް ވޮޗް
  5. ފެޑެރޭޝަން އޮފް މީޑިއާ އެމްޕްލޯއީސް ޓްރޭޑް ޔުނިއަން (އެފްއެމްއީޓީޔޫ)
  6. ސެންޓާ ފޮ ލޯ އެންޑް ޑިމޮކްރެސީ
  7. ސައުތް އޭޝިއަން ފޮ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރު)
  8. ފްރީ މީޑިއާ މޫވްމަންޓް
  9. އަފްގާން އިންޑެޕެންޑެންޓް ޖާނަލިސްޓްސް އެސޯސިއޭޝަން
  10. ބަންގްލަދޭޝް މަނޮބަދިކަރް ސަންގްބަދިކް ފޯރަމް
  11. ފެޑެރޭޝަން އޮފް ނޭޕާލީ ޖާނަލިސްޓްސް
  12. ނޭޕާލް ޕްރެސް ޔުނިއަން
  13. އިންޑިއަން ޖާނަލިސްޓްސް ޔުނިއަން
  14. ސްރީ ލަންކާ ވޯކިން ޖާނަލިސްޓްސް އެސޯސިއޭޝަން
  15. ނޭޝަނަލް ޔުނިއަން އޮފް ޖާނަލިސްޓްސް އިންޑިއާ
  16. ޕާކިސްތާން ފެޑެރަލް ޔުނިއަން އޮފް ޖާނަލިސްޓްސް
  17. އީކޯކެއާ މޯލްޑިވްސް
  18. ޕްރޮޖެކްޓް ތިމާވެށި
  19. ސޭވް މޯލްޑިވްސް ކެމްޕެއިން ޓީމް
  20. ޓްރާންސްޕޭރެންސީ މޯލްޑިވްސް

މީގެ ކުރިން ދިވެހި ނޫސްވެރިން ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މިހާރު މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންވެސް ބިލު ބޭރުކުރުމަށް ގޮވާލާފައިވެއެވެ.

މި ބިލާ ދެކޮޅަށް ނޫސްވެރިން މިދިޔަ ބުދަ ދުވަހު މަޖިލީހާއި ރައީސް އޮފީހު އަދި މުލިއާގޭ ކުރިމަތީގައި މުޒާހަރާކޮށްފައިވެއެވެ. މި މުޒާހަރާގައި ބައެއް ނޫސްވެރިން ހައްޔަރުކުރެވި ފަހުން ދޫކޮށްލެވިފައިވެއެވެ. އަދި ބުރާސްފަތި ދުވަހު ނޫސްވެރިން އަޑުއުފުލީ ރައީސް އޮފީހުގެ ކުރިމަތީގައި ހަދާފައިވާ މީޑިއާ ފެންޑާގައެވެ.

ނޫސްވެރިންގެ ޕްރެޝަރާއެކު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު އާއި ޔޫތު އެންޑް އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ. އަދި އެމްޖޭއޭގެ ރައީސް މުހައްމަދު މުއިއްޒާއެކު ސީނިއަރ ނޫސްވެރިންނާއި، އޭޖީ އުޝާމް ނޫސްވެރިންނާ ވަކިން ބައްދަލުކުރެއްވިއެވެ.

ނަމަވެސް ނޫސްވެރިން ޑިމާންޑްކުރި ގޮތަށް ބިލު ބޭރުކުރުމުގެ ބަދަލުގައި، ބިލު އިޞްލާޙުކުރެވިދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މަޖިލިސް ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިގެން ބިލުގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. މިކަންކަން މި ގޮތަށް ކުރަމުން ދަނީ މުއިއްޒު އަންގައިގެންނެވެ.