ޔޫކޭގައި ޕާކިސްތާނު މީހުން ކުޑަކުދިން ރޭޕް ކުރާ މައްސަލަތައް އިތުރުވެ އެކަމުގެ ރުޅިވެރިކަން މުސްލިމުންނަށް އަމާޒުވާން ފަށައިފިއެވެ. ރޭޕުގެ މައްސަލަތަކުގައި އެހެން ބައެއް ޤައުމުތަކުގެ މީހުންގެ ދައުރު އޮތްކަމުގައި ވީނަމަވެސް ގިނައީ ޕާކިސްތާނަށް ނިސްބަތްވާ މީހުންކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވެ، މުސްލިމުންނާއި މެދު ރުޅިވެރިކަން ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް މި މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާތަކުން އަމަލު ކުރާ ގޮތާއި މެދު ގިނަ އާންމު ރައްޔިތުންގެ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.
"ގްރޫމިންގ ގޭންގު" ތަކުގެ މައްސަލަތައް
"ގްރޫމިންގ ގޭންގު" އަކީ ކުޑަކުދިންނަށް އޮޅުވާލައިގެން ޖިންސީގޮތުން އެމީހުންނާއި ބެހުމަށް ރޭވުންތެރިކަމާއެކު ހަރަކާތްތެރިވާ މީހުންގެ ގްރޫޕްތަކެކެވެ. މި މީހުން އާންމުކޮށް ޝިކާރަ ކުރަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި އިޖުތިމާޢީގޮތުން ނާޒުކު ހާލަތުގައި ތިބޭ ކުދިންނެވެ. މި ގޭންގުތަކުން ކުޑަކުދިން ކޮންޓްރޯލްކުރުމަށް މަސްތުވާތަކެއްޗާއި ބަނގުރާއާއި ހަދިޔާ ބޭނުންކުރެއެވެ.
ޚާއްޞަ މައްސަލަތައް
އިނގިރޭސިވިލާތުގެ ތާރީޚުގައި މިފަދަ އެންމެ ބޮޑު މައްސަލައަކީ ރޮދަރހަމްގެ މައްސަލައެވެ. މިއީ 1980 ގެ އަހަރުތަކުން ފެށިގެން 2013 އާ ހަމައަށް 1,400 އަށްވުރެ ގިނަ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރެވުނު މައްސަލައެކެވެ. މިނިވަން ތަޙުޤީޤުތަކުން ދައްކާގޮތުގައި ލޯކަލް އޮތޯރިޓީތަކާއި ފުލުހުންގެ އިދާރާތަކުން މިކަމާމެދު ފިޔަވަޅު ނާޅާ ދޫކޮށްލާފައިވަނީ ނަސްލީ ކަންކަމާގުޅޭ ޝަކުވާއަށް ބިރުގަތުމުގެ ސަބަބުންނެވެ. އިނގިރޭސި ވިލާތުގައި ޕާކިތާނުގެ ނަސްލުގެ މީހުންނާއި، މިފަދަ އެކި ނަސްލުތަކުގެ މީހުންނާއި މެދު ހިންގޭ ތަހުގީގު ތަކަކީ ނަސްލީ ތަފާތު ކުރުންތަކުގެ ތެރެިން ކުރާ ކަންކަން ކަމަށް ފަސޭހައިން ތުހުމަތުކޮށް، މިފަދަ މައްސަލަތައް ނުބެލުމަކީ މިހާރު އާންމު ވެގެން އުޅޭ މައްސަލައެކެވެ.
2012 ގައި ރޮޗްޑޭލްގައި 9 މީހުން ވަނީ 13 އާއި 17 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުށްވެރިވެފައެވެ. މި މީހުންގެ ތެރެއިން ގިނައީ ޕާކިސްތާނީ މީހުންނެވެ. އޭގެތެރޭގައި މުޙައްމަދު ޒާހިދު ނަމަކަށް ކިޔާ މީހަކު ހިންގި ގްރޫމިންގ ޖަރީމާތަކަކީ މާކެޓް ސްޓޯލެއްގެ ފަހަތުގައި ހިންގި ޖަރީމާތަކެކެވެ.
ހަޑަސްފީލްޑްގައި 2018 ގައި 20 މީހުން ވަނީ 11 އަހަރުގެ ޅަ އުމުރުގެ ކުދިންނަށް ރޭޕްކޮށް އަނިޔާކުރި މައްސަލަތަކުގައި ކުށްވެރިވެފައެވެ.
މިދޭތެރެއިން ހާމަވި ތަޙްޤީޤުތަކަކުން ދައްކާގޮތުން، ލީޑްސްގައި ޕާކިސްތާނީ ދެ އެއްބަނޑު އެއްބަފާ މީހުން ވަނީ 30 ޅަ އުމުރުގެ ކުދިންނަށް މަސްތުވާތަކެތި ދީގެން ޕްރޮސްޓިޓިއުޝަންގައި ބޭނުންކޮށްފައެވެ. މިމީހުންނަށް ސާބިތުވި 62 ކުށުގެ ތެރޭގައި ކުޑަ ކުދިން ފިލިޔަ ނުދިނުމަށް ކުދިންގެ ފައިގެ އިނގިލިތައް ބުރިކުރުންވެސް ހިމެނެއެވެ.
2025 ގައި ޕާލިމެންޓުން ހިންގި ތަޙުޤީޤަކުން ހާމަވިގޮތުގައި، މިފަދަ ޖިންސީ އަނިޔާގެ މައްސަލަތައް އިނގިރޭސިވިލާތުގެ 85 ސަރަޙައްދެއްގައި ހިނގާފައިވެއެވެ. މި ތަޙުޤީޤުން ފުލުހުންނާއި ކައުންސިލްތަކުގެ އިހުމާލުވެސް ފާހަގަކޮށްފައިވެއެވެ.
ފަހުގެ ތާރީޚެއްގައި ވޯލަސީގައި ޔޫސުފް ސެލިކް ކިޔާ ޕާކިސްތާނީ މީހަކު 14 އަހަރުގެ ކުއްޖަކަށް ޖިންސީ މެސެޖުތައް ފޮނުވައި، ރޭޕްކުރުމަށް ބައްދަލުކުރަން މަސައްކަތްކުރި މައްސަލައެއްގައި އޭނާ ކުށްވެރިވެފައިވެއެވެ.
ލިވަރޕޫލްގައި މުޙައްމަދު އުސާމާ ނަމަކަށް ކިޔާ ޕާކިސްތާނު މީހަކު އޭނާ ޔޫކޭއަށް އައިތާ އެންމެ 12 މަސްދުވަހުގެ ތެރޭގައި 12 އަހަރުގެ ކުއްޖަކަށް އަމާޒުކޮށްގެން ޖިންސީ ގޯނާކުރި މައްސަލައެއްވެސް ތިލަވެފައި ވެއެވެ.
ސޯޝަލް މީޑިއާގައި ޚާއްޞަކޮށް އެކްސް (ކުރީގެ ޓްވިޓަރ) ގައި ބައެއް މީހުން ފާހަގަކޮށްފައިވާގޮތުގައި، މަގުމަތީގައި ގްރޫމިންގ ހިންގާ 56 މީހުންގެ ތެރެއިން 50 މީހުންނަކީ މުސްލިމުންނެވެ. އަދި މީގެ ގިނައީ ބްރިޓިޝް ޕާކިސްތާނު މީހުންނެވެ. އަދި އަނިޔާ ލިބޭ ކުދިންގެ ގިނައީ ޔޫކޭ ކުދިންނެވެ.
ރައްޔިތުންގެ ރުޅިވެރިކަން
ޔޫގޮވް އިން ހެދި ސާރވޭއަކުން ދައްކާގޮތުގައި 2025 ގައި އިނގިރޭސިވިލާތުގެ 90 ޕަސެންޓް މީހުން ގްރޫމިންގ ގޭންގުތަކާ ގުޅޭގޮތުން ޤައުމީ ތަޙުޤީޤެއް ހިންގުމަށް ތާއީދުކުރެއެވެ.
ސޯޝަލް މީޑިއާގައި، ޚާއްޞަކޮށް އެކްސްގައި، ގިނަ ބަޔަކު ވަނީ މިފަދަ ކުށްވެރިން ޑިޕޯޓްކުރުމަށް ގޮވާލާފައެވެ. އެއް ޕޯސްޓެއްގައި ބަޔާންކޮށްފައިވާގޮތުން، އިމިގްރަންޓެއް އިނގިރޭސިވިލާތަށް އެރިތާ އެންމެ ހަފްތާއެއްގެ ތެރޭގައި 10 އަހަރުގެ ކުދިންނަށް ގްރޫމިންގ ފަށާފައިވާކަމަށް ބުނެ، މައިންބަފައިންނަށް ކުދިންގެ ފޯނާއި އިލެކްޓްރޯނިކް ޑިވައިސްތައް ޗެކްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އީލޮން މަސްކް އަދި ފަރ-ރައިޓް ކޮމެންޓޭޓަރުން ވަނީ ލޭބަރ ސަރުކާރު މިފަދަ މައްސަލަތަކުގައި ފިޔަވަޅު ނާޅާ ކަމަށް ބުނެ ފާޑުކިޔާފައެވެ. އީލޮން މަސްކް މިއަދުވެސް ވަނީ މިކަމާއި ގުޅިގެން ޓްވީޓް ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ގިނަ މީހުން ކަންބޮޑުވަނީ، ސަރުކާރުން މިފަދަ މައްސަލަތައް ފޮރުވަން މަސައްކަތްކުރާކަމަށް ބުނެއެވެ. "ޕާކިސްތާނީ ގްރޫމިންގ ގޭންގުތަކަކީ އިނގިރޭސިވިލާތުގައި ވަރަށް ބޮޑު މައްސަލައެއް. 10,000 އަށްވުރެ ގިނަ ބްރިޓިޝް އަންހެން ކުދިންނާއި ފިރިހެން ކުދިން ރޭޕްކޮށްފައިވޭ" މީހަކު ޓްވީޓް ކޮށްފައިވެއެވެ. އޭނާ ބުނާގޮތުގައި އޮތޯރިޓީތަކުން ރޭސިޒަމްގެ ތުހުމަތުތަކަށް ބިރުގެން ޙުކުމްކުރުން ފަސްކުރަނީއެވެ.
ސަރުކާރާއި މުއައްސަސާތަކުގެ ފަރާތުން އައިސްފައިވާ ބަދަލުތައް
އިތުރުވަމުންދާ ރައްޔިތުންގެ ނުތަނަވަސްކަމާ ގުޅިގެން، ޖޫން 2025 ގައި އިނގިރޭސި ސަރުކާރުން ވަނީ ޤައުމީ ފެންވަރުގެ ޤާނޫނީ ތަޙުޤީޤެއް ހިންގަން ނިންމާފައެވެ. މިއީ ކުރީގެ ސިޔާސަތުތަކާ ޚިލާފަށް އައި ބަދަލެކެވެ.
ހޯމް ސެކްރެޓަރީ އިވެޓް ކޫޕަރ ވަނީ ޕާލިމެންޓުގައި ބެރަނަސް ލުއިސް ކޭސީގެ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކާ، މި ޖަރީމާތަކުގެ ނުރައްކާތެރިކަން ޤަބޫލުކޮށްފައެވެ. މި ތަޙުޤީޤުގެ މަޤްޞަދަކީ މުއައްސަސާތަކުގެ އިހުމާލު ބަލައި، ކުރިމަގުގައި މިފަދަ އަނިޔާތައް ހުއްޓުވުމެވެ. އެހެންނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މި ތަޙުޤީޤު ފެށުން ވަނީ މާ ލަސްވެފައެވެ.
މި މައްސަލަތަކާ ގުޅިގެން އިމިގްރޭޝަންއާ ބެހޭ ބަހުސްތައްވެސް އާވެފައިވެއެވެ. ގިނަ ބަޔަކު ގޮވާލަނީ ކުށްވެރިވާ ބިދޭސީން ޑިޕޯޓްކުރުމަށާއި، މިފަދަ ކުށްތަކުގައި ހިމެނޭ ވީޒާ ހޯލްޑަރުން ޒިންމާދާރުކުރުވުމަށެވެ.
ނިންމުން
ގްރޫމިންގ ގޭންގުތަކުގެ މައްސަލަތަކަކީ އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ ލަދުވެތި ޞަފްޙާތަކުގެ ތެރެއިން އެއް ޞަފްޙާއެވެ. މިކަމުން ހާމަވަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި އުނިކަންކަމެވެ. މިކަން އައިސްފައި ވަނީ ހުނޅަގުން ނަސްލީ ތަފާތު ކުރުން ނައްތާލުމުގެ ނަމުގައި ހިންގި ހަރަކާތްތައް ހައްދުފަހަނައަޅާ ގޮސް، ކުލައަށް ބަލައި ފިޔަވަޅު އަޅަން އިދާރާތައް ބިރުގަންނަ ހިސާބަށް ދިޔުމުންނެވެ. ނަސްލީ ޖިންސީ، ތިމާވެށީގެ މައްސަލަތަކުގެ ހުޅަނގުގެ ބައެއް މުޖުތަމައުތައް ވަނީ މިހާރު ހައްދުފަހަނަ އަޅައި ގޮސްފައެވެ.