ޚަބަރު

މަޖިލީހަށް މާ ފަހުން ވަޑައިގެން ރިޔާސަތަށް އަރަން އީވާ އުޅުއްވައިފި!

ދިޔަވަރު
މަޖިލީހަށް މާ ފަހުން ވަޑައިގެން ރިޔާސަތަށް އަރަން އީވާ އުޅުއްވައިފި!

މިއަދުގެ ޖަލްސާގެ ފުރަތަމަ ހުސްވަގުތުކޮޅަށް ފަހު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާނުކުރެއްވީ ޖޭއެސްސީގެ ޖަލްސާއަކަށް އެމަނިކުފާނު ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ތަޅުމުގައި ވަޑައިގެން ނެތުމުން، އެކަން އިއުލާނުކުރެއްވުމަށް ފަހު، ރިޔާސަތު ބަލަހައްޓަވަން އަސްލަމް ހަވާލުކުރެއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފާ އެވެ.

މެމްބަރު ޝަރީފަކީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ އުސޫލުން ރައީސާއި، ނައިބްރައީސް ނެތް ހާލަތުގައި ރިޔާާސަތު ބަލަހައްޓަވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. 

ޝަރީފު ރިޔާސަތަށް ވަޑައިގެން ޖަލްސާ ފަށްޓަވައި މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވަމުން ދަނިކޮށް، އީވާ މަޖިލީހުގެ ތަޅުމަށް ވަޑައިގެން ފުރަތަމަ މަސައްކަތް ކުރެއްވީ "ނިޒާމާ ބެހޭ މައްސަލައެއް" ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވާށެވެ.

ފުރުސަތު ޝަރީފު ނުދެއްވުމުން، އީވާ ވަޑައިގެންނެވީ އެ ވަގުތު ވާހަކަ ދައްކަވަން ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމްގެ މޭޒު ކައިރިއަށެވެ. އެ ތަނަށް ވަޑައިގެން، އެ މޭޒުގައި ހުރި މައިކަށް އަޑު އަރާ ގޮތަށް އިހުތިޖާޖު ކުރައްވަން ފެށްޓެވި އެވެ.

"އަޅުގަނޑު މިތާ ހުއްޓާ އެހެން މީހަކާ ރިޔާސަތު ހަވާލުކުރާނެ ގޮތެއް ވިދާޅުވޭ," އޭނާ ވިދާޅުވި އެވެ.

އީވާގެ އުނދަގޫ ބޮޑުވެގެން ޖަލްސާ މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު އަސްލަމް ވަޑައިގެން ރިޔާސަތުގައި އިންނެވި އެވެ.