ގުޅީފަޅުގައި މަގުތަކާއި މުނިސިޕަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަޝްރޫޢު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރެވުނުތާ 7 މަސް ދުވަސް ވެގެން ދިޔައިރުވެސް، މިއަދާ ހަމައަށްވެސް އެއްވެސް މަސައްކަތެއް ފެށިފައިނުވާކަމަށް މަޢުލޫމާތު ލިބެއެވެ.
މި އެގްރީމެންޓްގައި 2025 ޖަނަވަރީ 6 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެމްއީސީ)ގެ ރީޖަނަލް ޖެނެރަލް މެނޭޖަރ ޗިއަން ހައޯޖުން ސޮއިކުރެއްވިއެވެ.
މި މަޝްރޫޢުގެ ސްކޯޕްގައި ހިމެނެނީ ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވަރކެއް ޤާއިމްކުރުމާއި، ފެނާއި ނަރުދަމާގެ ނިޒާމު، ޑީވޯޓަރިންގ ސިސްޓަމް، މަގުތައް ތަރައްޤީކުރުން، ޖީޕޮން ޑަކްޓިންގ ސިސްޓަމް، އަދި ގޭސް ރައްކާކުރުމާއި ޑިސްޓްރިބިއުޝަން ސިސްޓަމް ޤާއިމްކުރުމެވެ.
މި ކޮންޓްރެކްޓްގައި ސޮއިކުރުމާއެކު، ކޮންޓްރެކްޓަރު މިހާރު ސަރވޭ އަދި ޑީޓެއިލްޑް ޑްރޯވިންގ މަސައްކަތްތައް ފަށަން ހަމަޖެހިފައިވާ ކަމަށް އޭރު ބުނެފައި ވެއެވެ.
ނަމަވެސް، ކޮންޓްރެކްޓްގައި ސޮއިކުރެވުނުތާ މިހާތަނަށް އެއްވެސް މަސައްކަތެއް ގުޅީފަޅުގައި ފެށިފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރެވެއެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މި މަޝްރޫޢާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހާމަކުރައްވާނެކަމަށް ބެލެވޭއިރު، މަޝްރޫޢުގެ ޓައިމްލައިން އަދި ބަޖެޓާ ގުޅޭ ތަފްޞީލުތައް މުއިއްޒުގެ ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ. ގުޅީފަޅު ތަރައްޤީކުރުމަކީ ރައްޔިތުން އެތާގައި ވަޒަންވެރި ވުމާއި ގުޅިފައިވާ މުހިންމު މަޝްރޫޢެއްކަމަށްވާއިރު، މި މަޝްރޫޢުގެ ލަސްވުމުން އާންމު ރައްޔިތުންނަށް އޭގެ ގެއްލުން އިންތިހާއަށް ކުރާނެއެވެ.
މުއިއްޒު ޗައިނާއަށް ކުރި ދަތުރާއި އެކު ގިނަ ޕްރޮޖެކްޓްތަކެއް ފަށާނެ ކަމުގެ ވައުދު ވެފައި ވިއަސް މިއަދާއި ހަމައަށް އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރިއަށް ގޮސްފައި ނުވެއެވެ. މިވަގުތު މުއިއްޒު ހުރީ ޗައިނާގައެވެ. އެއީ މުއިއްޒަށް ދެއްވި ދަތުރެއް ކަމަށް ސަރުކާރުން ސިފަ ކުރަމުން ދިޔަ ނަމަވެސް، އެއީ ރާއްޖެ މާކުރިންސުރެ އެ ފޯރަމް (އެސްސީއޯގެ) ޑަޔަލޮގް ޕާޓްނަރެއް ގޮތުގައި އިންނާތީވެ، ރާއްޖެއަށް ދޭ ދައުވަތެއްގެ ތެރެއިން ދިޔަ ދަތުރެކެވެ. ރާއްޖޭގައި ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް މި ދައުވަތް ލިބޭނެއެވެ.