ހަމަ ދެންމެ ދެންމެ ފަށާފާނެ ކަމަށް ހީވާ ގޮތަށް ސަރުކާރުން އިސްތިހާރު ކުރަމުންދާ މާލޭ މަގު ހެދުމުގެ މަސައްކަތް ޗައިނާއިން ކުރިއަށް އޮތް 2 އަހަރު ތެރޭގައި ވެސް ފަށާނެ ކަމުގެ ޔަގީން ކަމެއް ނެތްކަމަށް މި މަޝްރޫޢާއި ގުޅުން ހުރި ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
މި ޕްރޮޖެކްޓްގެ ސާރވޭ ނިމިފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވީނަމަވެސް، މާލޭގެ މަގުތަކުގައި ތަކެތި ވަޅުލާފައިވާ ގޮތް މެޕްކޮށް އެކަން ދަނެގަނެވިފައި ނުވެއެވެ. ނަމަވެސް މި ކަމާއި ގުޅުންހުރި މަސައްކަތްތަކެއް ޗައިނާ ސަރުކާރުން އައި ޓީމަކާއި އެކު ނޮވެމްބަރު 5 ގައި ފަށައި ހަމަ އެމަހު 21 ގައި ނިންމާލާފައިވާ ކަމަށް ސަރުކާރުން ހާމަ ކުރެއެވެ. ނަމަވެސް މިއީ މިފަދަ ބޮޑު ޕްރޮޖެކްޓަކަށް ސާވޭ ކޮށް ނިންމުމަށް އެކަށީގެންވާ ވަރަށް ވުރެ މަދު ދުވަސް ކޮޅެކެވެ.
މި ޕްރޮޖެކްޓަކީ 2024 ވަނަ އަހަރު ޖެނުއަރީ މަހު ޗައިނާއަށް މުއިއްޒު ކުރެއްވި ދަތުރުފުޅަށްފަހު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓްގެ އަގަކީ 130 މިލިއަން ޑޮލަރެވެ. ޕްރޮޖެކްޓް ނުފެށި 2 އަހަރު ވަމުންދާއިރު، އަދި ކުރިއަށް އޮތް 2 އަހަރު ތެރޭގައި ވެސް މި ޕްރޮޖެކްޓް ނުފެށޭނެ ކަމަށް ލަފާ ކުރުމަކީ މުއިއްޒުގެ ސަރުކާރުގެ ހުރި ނާގާބިލު ކަމާއި، ޗައިނާއިންވެސް މުއިއްޒުގެ ނާގާބިލު ސަރުކާރާއި އެކީ މަސައްކަތް ކުރަން ނެތްކަން ހާމަވެގެންދާ ކަމެކެވެ. މި ޕްރޮޖެކްޓް ނިންމުމަށް 2 އަހަރު ދުވަސް ހޭދަވާނެ ކަމަށް ލަފާ ކުރެވޭއިރު، މުއިއްޒުގެ ވެރިކަމުގައި މި ޕްރޮޖެކްޓްވެސް ނިމޭނެ ކަމަކަށް ނުބެލެވެއެވެ.
ރާއްޖެއަށް އަންނަން އޮތް ތަރައްޤީގެ އެންމެ ބޮޑު ހުރަހަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި މުއިއްޒުއެވެ.