އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އަލީ ނަޝާތަށް އިތުރު ދައުރެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް ތަޅުމުގައި ވޯޓަށް އެހުމުން އީސީގެ މެމްބަރަކަށް ނަޝާތު އައްޔަންކުރުމަށް ފާސްވެފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ.
ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވާފައިވަނީ މި އަހަރުގެ މެއި 29, ގަ އެވެ. އެހެންނަމަވެސް, މައްސަލައާ މެދު ވަކި ގޮތެއް ނުނިންމާ ޖޫން މަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.
އެހެންކަމުން ކޮމެޓީ މަރުހަލާގައި މި މައްސަލަ ހަތަރު މަސްވަންދެން މަޑު ޖެހިފައި އޮތެވެ.
ނަޝާތު އެންމެ ފުރަތަމަ އީސީއަށް އައްޔަންކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. އޭނާގެ ދައުރު ހަމަވީ މިއަހަރުގެ ޖުލައި 25 އަށެވެ.