މުއިއްޒު ގޮސްގެން އެ އުޅެނީ މިދިޔަ ސަރުކާރުން ރާއްޖެއަށް ބައިވެރިވެވޭ ގޮތް ހޯދަދިން ސަމިޓަކަށެވެ. މިއީ މުއިއްޒު މުހިންމުވެގެން އޭނާ އަށް ދިން ދައުވަތެއް ނޫނެވެ. ޗައިނާއިން ދައުވަތް ދެއްވާފައި ވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ޕާޓްނަރުންނަށާއި، އޮބަޒާވަރުންނާއި، ޑައިލޯގް ޕާރޓުނަރުންނާއި މެހުމާނުންނަށެވެ. ރާއްޖެއަށް މި ދައުވަތް ލިބިފައިވަނީ ރާއްޖެއަކީ އެސްސީއޯ ޑައިލޯގް ޕާރޓުނަރަކަށް ވާތީއެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ގެ ޑައިލޯގް ޕާރޓުނަރަކަށް ރާއްޖެ ވެފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހު އިންޑިޔާގައި އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގެ ހަވާސާގައެވެ. އެއީ އޭގެ ކުރިން ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން އިން 2022 ގައި އުޒްބަކިސްތާނުގައި އޮތް ޤައުމުތަކުގެ ވެރިންގެ ސަމިޓުގައި ރާއްޖެ އެސްސީއޯގެ ޑައިލޯގް ޕާރޓުނަރަކަށް ހެދުމަށް އެ ސަމިޓުން ފާސް ކުރުމުންނެވެ.
އެހެންކަމުން މިއީ ރައީސް ސޯލިހުގެ ސަރުކާރުގައި އޭރުގެ ޚާރިޖީ ޓީމުގެ މަސައްކަތުން ރާއްޖެއަށް ހޯދަދިން ފުރުޞަތެކެވެ. މިދިޔަ ސަރުކާރުގެ ޚާރިޖީ ސިޔާސަތުން ވަނީ ދިވެހި ޤައުމަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ކޮށްފައެވެ. މި ސަމިޓުގައި މިއަދު ރާއްޖެއަށް ބައިވެރިވެވޭ ކަމީ ކުރީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ފައިދާ ދެމިގެންދާ ވަރާއި، އޭރުގެ ޚާރިޖީ ސިޔާސަތުގެ ވަރުގަދަކަން ރަމްޒުކޮށްދޭ ކަމެކެވެ.