ލ. އަތޮޅުގައި ޗައިނާ އިން އަޅަން ނިންމި އޯފްޝޯ ބަންކަރިންނާއި، ކުރޫޒް ޓާރމިނަލްއަކާއި، ސްޕަރ ޔޮޓް މެރީނާ އަކާއި، ރިސޯޓަކާއި، ޓްރާންސްޝިޕްމެންޓް ޕޯޓަކާއި، ކާބޯތަކެތީގެ ގުދަން އެޅުމުގެ މަޝްރޫއު ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.
މަޖިލީސް އިންތިހާބާއި ކައިރިކޮށް 11 އެޕްރީލް 2024 ގައި ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިންގ އާއި އެކު ސޮއެ ކުރި އެމްއޯޔޫގެ ދަށުން އެއްވެސް ކަމެއް ދެއަހަރު ވެގެން ދާއިރު ހިނގާފައި ނުވާއިރު، މުއިއްޒުގެ ވެރިކަމުގައި މި ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ނުފަށާނެ ކަން ދިޔަވަރު ނޫހަށް ވަނީ ޔަގީން ކުރެވިފައެވެ.
މީގެ ކުރިން ސަރުކާރުން ވަނީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ސާވޭ ކުރަމުންދާ ކަމަށް ބުނެ ދޮގު ހަދާފައެވެ. ނަމަވެސް އެކަށީގެންވާ އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު، މި ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކުންފުނިން ބޮޑު އަދަދަކަށް ފައިސާ ހޯދުމަށް މިސަރުާކާރުގެ އިސްވެރިންތަކެއް މަސައްކަތް ކުރިކަން މީގެ ކުރިން ދިޔަވަރު ނޫހަށް ވަނީ އެނގިފައެވެ. އެއީ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމުގެ ލޯކަލް ޕާރޓްނާގެ ހައިސިއްޔަތުން ކަމަށް މައުލޫމާތު ލިބެއެވެ.
މި ޕްރޮޖެކްޓްތައް ނުފެށިގެން އުޅެނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލު ކަމުން ޗައިނާ ސަރުކާރުން މި އިން އެއްވެސް ޕްރޮޖެކްޓެއް މުއިއްޒުގެ ވެރިކަމުގެ ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ފައިސާ ދޫނުކޮށް ހިފަހައްޓައިގެންނެވެ. ޗައިނާ ސަރުކާރުން ސީއޭއެމްސީ އިންޖިނިއަރިންގ އަށް މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް ފައިސާ ދިނުމަށް ވަނީ އިންކާރު ކޮށްފައިކަމަށް ވެސް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.
މި ފަދަ ހުރިހާ ޕްރޮޖެކްޓްތަކެއް މުއިއްޒު ދީފައިވަނީ ރާއްޖެއަށް އިންތިހާއަށް އޭގެ ގެއްލުން ލިބޭ ގޮތަށް، މި އަޅާ ކުންފުންޏަށް އެތައް އަހަރަކަށް އަޅާތަންތަން ލިބޭ ގޮތަށެވެ.