ޗައިނާއެކު ވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކޮށް އިތުރު ނިކަމެތިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ޗައިނާގެ އިޤްތިޞާދަށް ފައިދާވާހެން ހަދާފައިވާ މި އެއްބަސްވުމުގެ ތެރެއިން ޗައިނާއިން ރާއްޖެއަށް މުދާ އެއްވެސް ޓެކްސް އެއް ނެތި އިމްޕޯޓް ކުރެވޭ ގޮތް ހެދިއެވެ. އެއްބަސްވުމުގައި ސޮއެ ކުރުމަށް ފަހު، އެހެން ގޮތްގޮތުން މި ޓެކްސް ފައިސާ ދައުލަތަށް ހޯދުމުގެ މަކަރުވެރި ރޭވުން މުއިއްޒު ފެށިއެވެ.
މިގޮތުން މުއިއްޒު ޗައިނާއިން ގެންނަ މުދަލުން ނަގާ ޓެކްސް ކަނޑާލުމުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ވަންނަ ފައިސާ ހޯދުމަށް
- މުދާ ގެންނަ ފަރާތްތަކުގެ އަތުން އެމްޕީއެލްއިން ނަގާ ފީ އެތައް ގުނައަކަށް ބޮޑު ކުރިއެވެ.
- އޮންލައިންކޮށް ޗައިނާއިން ގެންނަ މުދަލަށް ބޭންކުން %30 ފީއެއް ހިމަނައި، ކުރިއަށް ވުރެ ބޮޑު ޓެކްސް އެއް ނަގަން ފެށިއެވެ. އެހެންކަމުން މިހާރު އޮންލައިންކޮށް ޗައިނާއިން ގެންނަ މުދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ކުރިން ގެނައި އަގަށް ވުރެ ބޮޑެވެ.
- ސިނގެރެޓުގެ އަގު ބޮޑުކޮށް ދިވެހި ޒުވާނުން ބިޑި އަނބުރަށް މަޖުބޫރު ކުރުވިއެވެ.
އެހެންކަމުން ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެގެން ދިޔައީ ދިވެހި ރައްޔިތުންނަށް ދިމާވި ބޮޑު މުސީބާތަކަށެވެ. މި އެއްބަސްވުމުގައި ސޮއެ ނުކޮށް ބާއްވާފައިވަނީ ރާއްޖެއިން އެއްވެސް މުދަލެއް އެކްސްޕޯޓް ނުކުރާ ޤައުމަކާއި އެކީ މިފަދަ އެއްބަސްވުމެއް ހަދައިގެން ޤައުމަށް ލިބޭނެ ފައިދާއެއް ނެތްތާގައި ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާން ޖެހޭނެތީއެވެ. ނަމަވެސް ރައީސް މުއިއްޒުގެ ހުރި ގަމާރުކަން ބޮޑު ކަމުގެ ނަތީޖާއަކަށްވީ އަވަސް އަވަހަށް މި އެއްބަސްވުމުގައި ޗައިނާއާއި އެކު ސޮއެކުރުމެވެ.
ދެން ދެއްކީ ރާއްޖެއިން ޗައިނާ އަށް މަސް އެކްސްޕޯޓް ކުރެވޭނެ ކަމުގެ ވާހަކައެވެ. އަދި އެންސިސްއިން އެކަން ކުރަން އުޅޭ ކަމަށް ދެއްކުމަށް ސްޓަންޓެއް ޖެއްސުމަށް ފަހު، ދެން ފެނުނީ ސަރުކާރުން އެންސިސްގެ މަސް ފެކްޓަރީ ގަންނަން ނިންމި ތަނެވެ.
ޗައިނާ މީހުންނަކީ ރާއްޖޭގައި ބާނާ އަދި ރާއްޖޭގެ ސަރަހައްދުގައި އާލާވާ ބާވަތުގެ މަސް ކައި އުޅޭ ބައެއް ނޫނެވެ. އެހެން ކަމުން ރާއްޖޭގެ މަސް ޗައިނާއަށް އެކްސްޕޯޓް ކޮށްގެން މުއިއްޒު ވިއްކަން އުޅޭނީ ކޮން ބަޔަކަށް ކަމެއް ސާފެއް ނުވެއެވެ. މަސްދަޅު ހެދުމުގެ އިތުރުން ރާއްޖެއިން އެފަދަ އެހެން އެވަރުގެ އުފެއްދުމެއް އެހެން ޤައުމަކަށް ބޭރުކުރެވޭ ވަރަށް ނުއުފައްދައެވެ.
ރައީސް މުއިއްޒުގެ ސަރުކާރު ވެގެން ގޮސްފައިވަނީ އިންތިހާއަށް ނާގާބިލު ގަމާރު ދޮގުވެރި، ހީލަތްތެރި، އަދި ރައްޔިތުންގެ ބާރުތައް ހަނިކޮށް މިނިވަންކަން ނަގައި ރައްޔިތުން އަޅުވެތި ކުރަމުންދާ ސަރުކާރަކަށެވެ.