ޚަބަރު

މޫނު ކުނިކޮށްގެން ހުރެ، ފަޔަށް ހެޔޮވަރު ނޫން ބޫޓަކަށް އަރައިގެން ގޮސް ބޭރުގެ ވެރީންނާ ސަލާމް ކުރުމުން ގައުމު ތަމްސީލު ކުރެވޭތަ؟

ދިޔަވަރު
މޫނު ކުނިކޮށްގެން ހުރެ، ފަޔަށް ހެޔޮވަރު ނޫން ބޫޓަކަށް އަރައިގެން ގޮސް ބޭރުގެ ވެރީންނާ ސަލާމް ކުރުމުން ގައުމު ތަމްސީލު ކުރެވޭތަ؟

ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ރައީސުލްޖުމުހޫރިއްޔާ ތަމްސީލު ކުރައްވަނީ އެގައުމެވެ. ގައުމުގެ ރައްޔިތުންނެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ ހުރިހާ މައިދާނެއްގައިވެސް ވަލިއްޔުލްއަމުރަކީ އެގައުމެއްގެ މޫނު މައްޗެއްވެ. ވަލިއްޔުލްއަމުރު އުޅުއްވާ ގޮތާ، ކުރައްވާ ކަންކަމާއި، ދައްކަވާ ވާހަކަތައް ވެގެންދާނީ އެގައުމެއްގެ ކަރާމާތް ކަމުގައެވެ. އަޅާ ހެދުމާއި، އަނެކުންނާއި ކުރިމަތިލުމާއި، ތިމާގެ ސައިކޮލޮޖީވެސް ގައުމެއްގެ ވެރިއަކަށްވުމުން ތަމްސީލު ކޮށްދޭނީ ގައުމެވެ. އެ ހުރިހާ ކަމަކުންވެސް ގައުމުގެ ހައިބަތު ރަމްޒު ކޮށްދޭނެއެވެ.

މިކަން ދުނިޔޭގެ ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކުގެ ރައީސުންގެ ކިބައިން ވަރަށްވެސް ރަގަޅަށް ތަމްސީލުވަމުން ދެއެވެ. މިސާލެއްގެ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ބަލާލަމާތޯއެވެ. ޗައިނާއެވެ. ރަޝިއާއެވެ. އަދި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް ބަލާލުމުންވެސް އެގައުމުތަކުގެ ރައީސުން އުޅުއްވާ ގޮތުން އެގައުމުތަކުގެ ވަރުގަދަކަމާއި ހައިބަތު ރަމްޒު ކޮށްދެއެވެ. އެ ރައީސުންގެ އުޅުއްވުންތަކާއި ބާއްވަވާ ގުޅުންތަކުންނެވެ. ހަމަ އެފަދައިގެން ދުނިޔޭގެ ކުދި ގައުމުތަކަށް ބަލާއިރު ސިންގަޕޯރ، ސީޝަލް އަދި އަރަބި ދުނިޔެއިން ޤަތަރުފަދަ ކުދި ގައުމުތަކުގެ ވެރީންވެސް ވަރަށްވެސް ފުރިހަމަޔަށް އެގައުމުތައް ތަމްސީލް ކޮށްދެއެވެ. ދުނިޔޭގެ ބޮޑެތި ފޯރަމްތަކުގައި ހިނިތުންވުމާއެކު އެހެނިހެން ލީޑަރުންނާއި ވާހަކަ ދައްކަވާ ސަލާމް ގަލާމްކޮށް، ގައުމު ތަމްސީލު ކުރައްވަން މި ލީޑަރުން ދަނެއެވެ. ލީޑަރުންގެ އެއްވުންތަކުގައި ދެއަތް އުރާލައިގެން، ދަައްކަވާނެ ވާހަކައެއް ނެތިފަ، ކަޅިއަރާފަ މި ދެންނެވި ލީޑަރުންނެއް ނުތިބެއެވެ. ޑިޕްލޮމަސީގެ ބޭނުން ކުރައްވަން މި ލީޑަރުންތައް ދަނެއެވެ. ހެދުން އަޅުއްވަނީވެސް ވަކި އުސޫލުތަކެއް މަތިންނެވެ. އެއް ފަހަރަކު ފަޔަށް ދޫ ބޫޓަކަށް އަރައިގެން، އަނެއްފަހަރު އައިބު ގޮތަކަށް ކޯޓު ތުރު ކުރައްވައިގެން މި ލީޑަރުން ނޫޅުއްވައެވެ. ބައިނަލްއަގުވާމީ މައިދާންތަކުގައި "އައިބު" ސިފަތަކެއް މި ލީޑަރުން ނުދައްކަވައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ލީޑަރުން ގެންގުޅުއްވާ އުސޫލާއި، އަމިއްލަ ނަފްސުގެ އަގު ނުވެއްޓޭގޮތަށް ބައިނަލްއަގުވާމީ ފޯރަމްތަކުގައި އުޅުއްވުމާއި ގުޅުންތައް ބެހެއްޓެވުމުން ގައުމަށް އޭގެ ފައިދާ ކުރެއެވެ. ގެންގުޅުއްވާ ސިޔާސަތުތަކުން ގައުމަށް ގިނަގުނަ ފުރުސަތުތައް ތަނަވަސް ވެއެވެ. އެލީޑަރުން މީހުން ބަލައިގަނެއެވެ. ނެޓްވާކިން އުފެދެއެވެ. ގުޅުންތައް ބަދަހި ވެއެވެ. ގަދަރާއި އިހުތިރާމް ލިބިގެން ދެއެވެ. އަމުދުން ރާއްޖެ ފަދަ ވަސީލަތްތައް މަދު، އަދި ކުދި ޖަޒީރާ ގައުމަކަށް މިފަދަ ފުރުސަތުތައް ވަރަށްވެސް މުހިންމެވެ.

އެހެންނަމަވެސް، މިގައުމުގެ ވަލިއްޔުލްއަމުރުގެ ކިބައިން ފެނިގެންދަނީ މުޅިންވެސް ތަފާތު މަންޒަރުތަކެވެ. ބައިނަލްއަގުވާމީ މައިދާންތަކުގައި ގައުމު ތަމްސީލު ކުރައްވާކަށް އެނގިވަޑައެއް ނުގަންނަވައެވެ. އަނބިކަބަލުން ސާޖިދާ ބޭރު ގައުމަކަށް ގެންދަވައިފިނަމަ އެކަމަނާ އުޅުއްވާ ގައުމަށް އެހާމެ ހުތުރެވެ. އެއާއެކު ސާޖިދާ ދަތުރުތަކުގައި ގެންދެވުން މިހާރު މުއިއްޒުވަނީ ހުއްޓަވާލައްވާފައެވެ. އެހެންނަމަވެސް، ޚުދު މުއިއްޒުއަކީވެސް ބޭރުގެ ބައްދަލުވުންތަކާއި ވެރީންގެ ޕްލެޓްފޯމްތަކުގައި ގައުމު ތަމްސީލުކުރައްވަން ދަންނަ ބޭފުޅެއް ނޫންކަން މިފަހަރު ޗައިނާއަށް މުއިއްޒު ކުރެއްވި ދަތުރުފުޅުން ވަނީ ވަރަށްވެސް ރަގަޅަށް އެނގި ހާމަވެފައެވެ. އަރުއްވައިގެން ހުންނެވީ ފަޔަށް ދޫ ބޫޓަކަށެވެ. ރަތް ދޫލާގައި ޗައިނާގެ ރައީސްއާއި ސަމާލް ކުރައްވަން ވަޑައިގެންނެވިއިރު، މޫނުމަތިން ސާދާކަމެއް ނުދެއްކުނެވެ. ހުންނެވީ މޫނު "ކުނި" ކޮށްގެންނެވެ. މި މަންޒަރުތައް ހާމަވެގެން ދިޔައީ މުޅި ދުނިޔެއަށެވެ. ވެއްޓިގެން ދިޔައީ ގައުމުގެ އަގެވެ.

ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓަށް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ގައުމު ތަމްސީލުކުރައްވަން ޖެހިވަޑައިގެންނެވީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރީންނާއެކީއެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، ރަޝިއާގެ ރައީސް ޕުޓިންގެ އިތުރުން ޕާކިސްތާންގެ ބޮޑުވަޒީރުއާއި އުތުރު ކޮރެއާގެ ލީޑަރުވެސް ހިމެނިވަޑައިގެންނެވިއެވެ. މިބޭބޭފުޅުން ހިމެނޭ ރިސެޕްޝަންތަކުގައި މުއިއްޒު ފެނިގެންދިޔައީ އަނގައިން ބުނާނޭ ލީޑަރަކު ނުވެ ބާކީވެފަ ހުއްޓައެވެ. ހުންނަވަނީ ދެއަތް ގަތާލައިގެން، އެހެން ލީޑަރު ސަލާން ގަލާން ކުރައްވާތަން ބައްލަވާށެވެ. ހުންނަވަނީ ސަފުން ބާކީވެ ހަދާނެ ގޮތް ހުސްވެފައެވެ. ގަބު އަރާފައެވެ.

އާދޭހެވެ! މުއިއްޒުއަށް ޑިޕްލޮމަސީ އެނގިވަޑައި ނުގަންނަވަނީއެވެ. ނެޓްވާކިން އުފައްދަން ނޭގެނީއެވެ. ގައުމުތަމްސީލު ކުރައްވަން އެނގިވަޑައި ނުގަންނަވަނީއެވެ. ހުންނަވަނީ ނެގި މަޑުވެފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. މުއިއްޒުގެ މިއުޅުއްވުމުން މުޅި ގައުމަށްވެސް ހުތުރެވެ. އަދި އަމުދުން މިފަދަ، މަދުން ނޫނީ ނުލިބޭނެ ފުރުސަތެއްގެ ބޭނުން ނުހިފި، ފުރުސަތާއި ވަގުތުވެސް ބޭކާރު ވީއެވެ.

ވާނީވެސް އެހެންނެވެ. މުއިއްއަކީ އެއްވެސް އިރަކު މީހުންނާއި ވާހަކައްދައްކާ، ފެނިދެނިވި އުޅެން ދަންނަ މީހަކަށް ނުވެއެވެ. ގާތް އެކުވެރިން ބުނާ ގޮތުގައި އިނގިރޭސިވިލާތުގައި ކިޔަވަން އުޅުއްވިއިރުވެސް، މުއިއްޒުއަކީ ކޮޓަރިން ބޭރަށް ނުކުންނަވާ ބޭފުޅެއް ނޫނެވެ. އެކުވެރީންނެއް ނުތިއްބަވައެވެ. ގުޅޭ މާގިނަބަޔަކު ނުތިބެއެވެ. އެއަށްފަހު ރައީސް ޔާމިންގެ ކެބިނެޓްގައި މަސައްކަތް ކުރެއްވިއިރުވެސް، ކެބިނެޓުގައި ނެގިމަޑުވެފައި ހުންނަވާ ހަމައެކަނި ވަޒީރަކީ މުއިއްޒުއެވެ. ކެރިސްމެޓިކް ގޮތެއް، ވާހަކަދެއްކުންތެރިކަމެއް، ސިޔާސީ ކަންކަމުގައި ކުރިޔަށް ނިކުންނެވުމުގެ އެއްވެސް ސިފައެއް މުއިއްޒުގެ ކިބައިން އޭރުވެސް ފެނިގެން ގޮސްފައެއް ނުވެއެވެ.

އެހެންނަމަވެސް މަކަރާއި ހީލަތުން ރައީސް ޔާމިން ތާއީދު ހޯއްދަވައިގެން މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުނީއެވެ. ވެރިކަމަށް ވަޑައިގެންނެވުނެއްކަމަކު، މިއަދު ވަށައިގެން ހިނގަމުންދާ ހުރިހާ ކަމަކުންވެސް ތަމްސީލުވަމުން ދަނީ، މުއިއްޒުއަކީ ރާއްޖޭގެ ވެރިކަމަށް ކުފޫހަމަނުވާ މީހެއްކަމެވެ.